އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މިހާތަނަށް ހުރިހާ އިޖުރާއަތްތަކެއް ވެސް ކުރިއަށް މިދަނީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ތެރެއިން ކަމަށް ކޮމިއުކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަލީހު މިހެން ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ހުށަހެޅި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދާރީ ވުމުގެ ގޮތުން މަޖިލިސް ތަޅުމުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.

މަލީހު ވިދާޅުވީ އެ މައްސަލައަކީ، އެއްވެސް އަސާސެއް ނެތް ދޮގާއި މަކަރާއި ހީލަތުން ދައުލަތުގެ ވަޒީރެއްގެ ނަން ކިލަނބުކޮށްލުމަށް ޓަކައި މަޖިލިހުގެ މަދު މެންބަރުންތަކެއް ކުރިއަށްގެންދަވާ ޒާތީ މައްސަލައެއް ކަމަށެވެ.

އިތުބާރު ނެތްކަމަށް ހުށަހެޅި ސަބަބުތަކުގެ ތެރޭގައި، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދުމާއި، އަމިއްލަ އިސް ނެގުމަށް އެ މިނިސްޓްރީގެ މުވައްޒިފުންތަކެއް މަސައްކަތް ކުރަން ފެށުމުން، މިނިސްޓަރު އެކަމަށް ހުރަސްއެޅުއްވިކަމަށް ބުނެފައިވާތީ، މަލީހު ވިދާޅުވީ އެއީ ބުހުތާނު ދޮގު ކަމަށާއި މިނިސްޓްރީގެ މުވައްޒަފުން ކުރަން ޖެހޭ މަސައްކަތް ނިންމަނީ ރައީސުލްޖުމްހޫރިއްޔާގެ ލަފަޔާ މަޝްވަރާގެ މަތިން، މިނިސްޓަރު ކަމަށެވެ.

"އެ ބޭފުޅުންގެ ޖޭޑީ ތަކަކީ ރައީސް އޮފީހާއި ހިއްސާކުރެވިފައިވާ ލިޔުންތަކެއް. މިނިސްޓްރީގެ ބައްދަލުވުންތަކުގެ ރިކޯޑްތައް ހުންނާނެ. ހަވާލުކުރެވިފައިވާ މަސައްކަތްތައް އަވަސްކުރުމަށް ދެވިފައިވާ އިރުޝާދު އޭގަ ހިމެނޭނެ. އޭގެ ރިކޯޑިން އެހެރީ،" މަލީހު ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ، ވަޒީފާގެ ބިރަށް ބުނަން ޖެހޭ ހައްގުބަސް ނުބުނެ ނުހުންނަވާނެ ކަމަށާއި، މާޒީގައިވެސް އެކަން ސާބިތުކޮށްދީފައި ވާނެ ކަމަށެވެ.

"މިއަދުވެސް މިހުރީ އެގޮތުގަ. މާތް ﷲ ގެ ވާގިފުޅާއެކު މާދަމާވެސް ހުންނާނީ އެގޮތުގަ. އަޅުގަނޑުގެ ވަޒީފާއަށްވުރެ މިގައުމު މާ ބޮޑު. ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ކަށަވަރުވާން އޮތީ ވަޒީފާ ގުރުބާން ކޮށްގެން ކަމަށް ވާނަމަ އެކަމަށް މިހިރީ ހޭވައްލާ ތައްޔާރަށް،" މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ، ހުށަހެޅިގެން މިއުޅޭ މައްސަލައަކީ 13 ނޮވެމްބަރު 2020 ވަނަ ދުވަހު ވީޓީވީ ގެ ގޮނޑިކޮޅު ޕްރޮރާމްގައި އޭނާ ދެއްކި ވާހަކައަކަށް ބިނާކޮށް މަޖިލިސްގެ މަދު މެންބަރުންތަކެއް ހުށަހަޅައިގެން އުޅޭ މައްސަލައެއް ކަމަށެވެ.

އޭނާ އެހެން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރާ ކަމަށް ބުނެ ވީ ޓީވީގައި ދެއްކި ވާހަކަތަކަށް އިޝާރާތް ކޮށެވެ. އެކަމާގުޅިގެން މަޖިލިސް ބައެއް މެންބަރުންގެ ފާޑުކިޔުން މަލީހަށް އަމާޒުވިއެވެ.