ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވޯޓް ދިނުމާ ގުޅޭގޮތުން ރަސްމީކޮށް ވަކި ގޮތެއް އަދި ނިންމާފައިނުވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ބުނެފިއެވެ.
މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، 14 މެންބަރުންގެ ސޮޔާއެކު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވަނީ، މި ފެބްރުއަރީ މަހުގެ 10 ގައެވެ. އޭނާގެ އިތުރުބާރު ނެތްކަމުގެ މައްސަލަ ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.
މަލީހު ވަކިކުރުމަށް އިދިކޮޅު ކޯލިޝަނުން ތްރީ ލައިން ވިޕެއް ނެރެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. ނަމަވެސް ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު މިރޭ "ވަން" އަށް ވިދާޅުވީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމާނީ އެމްޑީޕީން އެ މައްސަލައިގައި ނިންމާ ގޮތެއް ބެލުމަށްފަހު ކަމަށެވެ. އަދި އެ ނިންމުން ނިންމާނީ ވެސް މާދަމާ ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވެސް "ވަން" އަށް ވިދާޅުވީ މަލީހުގެ މައްސަލައިގައި އިދިކޮޅު ޕީޖީ ގުރޫޕުން ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީން ވަނީ ތްރީ ލައިން ވިޕެއް ނެރެފައެވެ. ވިޕް ލައިން ނެރެފައިވަނީ އޭނާ ވަކިކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ކުރިން ނެރެފައިވާ ވިޕާ އެއްގޮތަށެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ޖަވާބުދާރީވާން އޭނާއަށް 30 މިނެޓުގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފައެވެ.
މަޖިލިސް ގަވާއިދުގައި ބުނާގޮތުން ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަަލައަށް ޖަވާބުދާރީވުމަށް މަޖިލިސް ތަޅުމުގައި ދޭނެ ވަގުތު ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެ ކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މިމަހު 16 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލިސް ގަވާއިދުގައި ބުނާ ނޯޓިސް މިނިސްޓަރު މަލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިގެން އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނީ، ރާއްޖޭގައި އިންޓަނެޓުގެ އަގު ހެޔޮ ނުވާ މައްސަލައިގައި އޭނާ މަގާމުން ވަކިކުރަން މަޖިލީހުގެ ބައެއް މެންބަރުންނާއި އާންމުން ވެސް ގޮވާލާފައިވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު