ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ފަރިތަކުރުންތައް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުއްދަ ދިނުމާއެކު ބައެއް ކްލަބުތަކުން މިއަދު ފަރިތަކުރުންތައް ފަށައިފިއެވެ.

ރާއްޖެއަށް ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަ ވެސް މިދިޔަ މަހުން ފެށިގެން ވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިދިޔަ ސީޒަން ވެސް މެދުތެރެއިން ހުއްޓާލައި، ކެންސަލް ކުރަން ޖެހިފައި އޮތް އޮތުމުން ކްލަބުތަކަށް ހަމަ ނޭވާއެއް ނުލެވިގެން އުޅެނިކޮށް، ލީގު އަލުން ހުއްޓާލުމާއެކު ހުރިހާ ކްލަބުތަކާއި ކުޅުންތެރިން އަދި ކޯޗުން ވެސް ވަނީ އެކަމުގައި ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކޮށް، ދަތިތައް ހިއްސާކުރި އެވެ.

އޭގެ ފަހުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ ރައީސް ސޯލިހުގެ އިތުރުން އެޗްޕީއޭގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި ލީގު ފެށުމަށް މަސައްކަތްތަކެއް ކުރައްވައިފައެވެ. އެފްއޭއެމް އާއި ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ތެރެއިން ކްލަބުތަކުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެސް މިހާރު ވަނީ ވެކްސިން ވެސް ޖަހައިފައެވެ.

އެޗްޕީއޭ އިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) މެދުވެރިކޮށް ކްލަބުތަކަށް ފަރިތަކުރުންތައް ފެށުމަށް ހުއްދަ ދީފައިވަނީ ކުރިން ވެސް އެކުލަވާލާފައިވާ ގައިޑްލައިންއާ އެއްގޮތަށެވެ. މާލެ ސަރަހައްދުގައި މިހާރު ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭ އިން ބަލި ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކްލަބުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަމަލުތައް ބެހެއްޓުމާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަން އެޗްޕީއޭ އިން ވަނީ އަންގައިފައެވެ.

ދެ ހަފުތާ ފަހުން ފަރިތަކުރުންތައް ފެށުމަށް ކުރިން އޮތް ނަމަވެސް، އެފްއޭއެމް އިން ކްލަބުތަކާ މަޝްވަރާކޮށް، އަވަހަށް ފަރިތަކުރުންތައް ފެށުމަށް ނިންމީ ފަހުންނެވެ. މިއަދު ފަރިތަކުރުންތައް ފަށާފައިވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ.