(25 ފެބުރުއަރީގެ އަދަދާ ގުޅޭ)

أحمد ވިދާޅުވިއެވެ. "ޠުލައިޠުލާއިން އައިސްތިބި މުޖާހިދުން ހަމަ މިހާރު ރަށަށް ފޮނުއްވައިލައްވާ. ރަށުގެ އާއްމު މުސްލިމުން އަވަހަށް ތައްޔާރުކުރުވަން އެމީހުންނަށް އަންގަވާ. އެމީހުން އެންމެފުރަތަމަ ޙަމަލަދޭންވާނީ ޖަލަށް. ބާކީތިބި ބަޔަކު ގޮވައިގެން އަޅުގަނޑު އަވަށުތެރޭގައި ތިބި ނަޞާރާއިންނާ ޙަމަލަދޭނަން."

عبـدالـواحــد އާއި މުޖާހިދުންގެ އިސްބައެއް ބޭފުޅުން أحمد އާއެކު ޙަމަލައިގެ ތަފްސީލާމެދު ވާހަކަ ދައްކަވާން ފައްޓަވައިފިއެވެ. طـاهـــرة ގެ އަވަށުގެ ބައެއް މީހުން އޭނާގެ އަރިހުން އެމީހުންގެ ގޭގެ ހާލުއަހުވާލު އޮޅުންފިލުވަނީއެވެ. ވަރަށް ބާރަށް އަސްދުއްވައިފައި އައި އަސްވާރެއް ބަގީޗާގެ ތެރެޔަށް ވަދެއްޖެއެވެ. އޭނާ މަޢުލޫމާތު ދިނެވެ. އިރުއެރުމުގެކުރީން އަވަށުގެ މީހުންވަނީ ޤަޞްޠިލާގެ ސިފައިން މަރައި ހުސްކޮށްފައި. އެކަމަކު މިހާރު ޤަޞްޠިލާގެ ސިފައިންގެ އިތުރު ގެމަތަކެއް އަތުވެއްޖެ. އަވަށުމީހުންނަށް މާގިނައިރެއްވަންދެން އެސިފައިން ހުއްޓުވޭނެކަމެއް ނޭނގެ."

* * * * * * * * * * *

ދުވާލުގެ ކުޑަމެންދުރެއްހައި އިރެވެ. އައު އަވަށުގެ ރަށްބޭރުގެ މައިދާނެކެވެ. އެއީ ރޭގައި އައު އަވަށުގެ މުސްލިމުން ޤަޞްޠިލާގެ ސިފައިންނަށް ޙަމަލަދިނުމަށްޓަކައި ތައްޔާރުވި މައިދާނެވެ. ޤަޞްޠިލާގެ ހަތިޔާރުއެޅި ސިފައިންގެ ދުއިސައްތަ މީހުންވަނީ އައު އަވަށުގެ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީންގެ އެތައްބަޔަކު ލަވަމުންގެނެސް މައިދާނަށް އެއްކޮށްފައެވެ. ޞަލީބީ ސިފައިންތިބީ މުސްލިމުން ވަށައިލައިގެންނެވެ. ޤަޞްޠިލާގެ ސިފައިން ކުޅިވަރަކަށް ތައްޔާރުވަނީއެވެ. ސިފައިންގެ އޮފިސަރެއްގެ އަމުރަށް ދިހަ ފިރިހެނުންނާއި ހަތް އަންހެނުން އެހެންމީހުނާ ވަކިކޮށްގެން ގެންގޮސް ފާރެއްގެ ކައިރީގައި އަތުރައިލައިފިއެވެ. އެމީހުނާ ވިއްސަކަށް ފޫޓު ދުރުގައި ޤަޞްޠިލާގެ ތީރުވެރީން ސަފަކަށް އެތުރިލައިފިއެވެ. އަސްވާރުންގެ ބަޔަކު ތީރުވެރީންގެ ދެފަރާތުގެ އަރިމަތީގައި ލޮންސި ހިފައިގެން ތިއްބެވެ. ކޮންމެވެސް މީހެއް ކުރިޔަށް ޖެހިލައިފައި ބަޔާނެއް އިއްވާން ތައްޔާރުވެއްޖެއެވެ. އޭނާގެ ހެދުމުން ލަފާކުރެވޭގޮތުގައި އެމީހަކީ يحـيى ގެ ފުލުހުންގެ އޮފިސަރެކެވެ. އޭނާ ބަޔާން އިއްވާންފަށައިފިއެވެ.

"ޠުލައިޠުލާގެ އިންސާފަށް ލޯބިކުރައްވާ ރަސްގެފާނު أميـر يحـيى القــادر ގެ ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރުމާއި ޤަޞްޠިލާގެ ހިތްވަރުގަދަ ސިފައިންގެ ބަޔަކު ޤަތުލުކުރުމުގެ ކުށުގައި ތިޔަބައިމީހުންނަށްވަނީ މަރުގެ އަދަބުދޭން ހަމަޖެހިފައެވެ."

ޤަޞްޠިލާގެ ސިފައިންގެ އޮފިސަރެއް އަސްމަތީގައި ތީރުވެރީންގެ ގާތަށް ހިނގައްޖެއެވެ. ތީރުވެރީން އޭނާގެ އިޝާރަތަށް އެބައިމީހުންގެ ދުނިދަނޑިތަކުގައި ދުނިތައް ރުވައިފިއެވެ. އައު އަވަށުގެ އާރެއްބާރެއްނެތް މުސްލިމުންގެ ހިތްތަކުގައި އެބައިމީހުންގެ ނިމުން އަންނާނެގޮތާމެދު އެއްވެސް ޝައްކެއްނެތެވެ. އަންހެނުންނާއި ކުޑަކުދީން އަޑުގެކޮޅަށް ރޯންފަށައިފިއެވެ. ޤަޞްޠިލާގެ ސިފައިން އެބައިމީހުންގެ ކަނޑިތަކާއި ލޮންސިތަކުން ބިރުދައްކައިގެން މީހުންގެ ރުއިން ހުއްޓުވޭތޯ އުޅެއުޅެތިއްބެވެ.

ޤަޞްޠިލާގެ އޮފިސަރެއް ތީރުވެރީންނަށް އަމާޒަށް ތައްޔާރުވާން އަމުރުކޮށްފިއެވެ. އެވަގުތު ކުއްލިޔަކަށް އަންހެންކުއްޖެއް ރޮމުން ހަޅޭއްލަވަމުން މީހުންގަނޑުގެ ތެރެއިން ނުކުމެއްޖެއެވެ. ބަޔަކަށް އޭނާ ހުއްޓުވުމުގެ ކުރީން ދުވެފައި ފާރުކައިރިޔަށްގޮސް އެތާނގައި އަތުރައިފައިތިބި މީހުންގެ ތެރެއިން ޒުވާނެއްގެ ގައިގައި އޮޅުލައިގެންފިއެވެ. ސިފައިންގެ ދެމީހެއް އެކުއްޖާގެ ދެމުލައްދަނޑީގައި ހިފައި ދަމައިފައި ދުރަށް ގެންދާން މަސައްކަތްކުރާން ފަށައިފިއެވެ. އެވަގުތު އޮފިސަރު ހަޅޭއްލަވައިގަތެވެ. "އޭނާ ތިޔަތާ ހުއްޓަދީ!"

އަންހެންކުއްޖާ ރުއިން ހުއްޓައިލައިފިއެވެ. އޭނާ ޒުވާނާގެ މުލައްދަނޑީގައި ހިފަހައްޓައިގެން ސަފުގައި ހުއްޓިއްޖެއެވެ. އޮފިސަރުގެ އަމުރަށް ތީރުވެރީން އަނެއްކާވެސް އެމީހުންގެ ދުނިތައް އަމާޒުކޮށްފިއެވެ. އެވަގުތު ކުއްލިޔަކަށް ބަގީޗާއާވީ ފަރާތުން ވަރަށްގިނަ ތީރުތަކެއް އަތުވެއްޖެއެވެ. ޤަޞްޠިލާގެ ތީރުވެރީންގެ ދެބައިކުޅައެއްބައި މީހުން ޒަޚަމުވެގެން ވެއްޓިއްޖެއެވެ. ޤަޞްޠިލާގެ އޮފިސަރުގެ އަރިކައްޓަށްވެސް ތީރެއް ހެރިއްޖެއެވެ. އޭނާ ހަމައެވަގުތު ބިންމައްޗަށް ވެއްޓިއެވެ. އަނެއްކާވެސް ތީރުތަކެއް އަތުވެއްޖެއެވެ. އެއާއެކު ޤަޞްޠިލާގެ ވިއްސަކަށް ފަނަރަވަރަކަށް ދުނިދަނޑިވެރީން ބިންމަތިވެއްޖެއެވެ. ހަމައެއާއެކު ޠުލައިޠުލާގެ މިނިވަން ޙަރަކާތުގެ މީހުން ބަގީޗާގެ ފާރުމަތީން އަރައިގެންއައިސް މައިދާނުގެ ތެރެޔަށް ވަދެގެންފިއެވެ. އެބައިމީހުން ކަނޑިތަކާއި ލޮންސިތަކުން ޤަޞްޠިލާގެ ސިފައިންނާ ޙަމަލަދީފިއެވެ. ޤަޞްޠިލާގެ ސިފައިން އެމައިދާނަށް އެއްކޮށްފައިތިބި އަންހެނުންނާއި ފިރިހެނުންތެރޭގައިވެސް އާ ހިތްވަރަކާއި ފޯރިޔެއް އުފެދިއްޖެއެވެ. އެމީހުންވެސް ޤަޞްޠިލާގެ ސިފައިންނާ ތަޅައިފޮޅާން ފަށައިފިއެވެ.

ޠުލައިޠުލާގެ މިނިވަން ޙަރަކާތުގެ މުޖާހިދުންގެ ކޮމާންޑަރަކީ أحمـد بـن عبـدالمـنـعــم އެވެ. އޭނާ ހަރުއަޑުފުޅުން ގޮވައިލެއްވިއެވެ. "ހުރިހައި މަގުތަކަކާއި ގޯޅިތަކެއް ބަންދުކޮށްލާ. ޤަޞްޠިލާގެ އެންމެ މިނިކާވަގަކަށްވެސް ފިލައިގެން ދެވުނަދީގެން ނުވާނެ." އިރުކޮޅެއްގެ ތެރޭގައި މައިދާނުގެ އެތަންމިތަނުގައި ވިހުރުވިފައިހުރީ ޤަޞްޠިލާގެ ސިފައިންގެ ހަށިތަކެވެ. އަސްމަތީގައި ފިލައިގެންދިޔަ ފަނަރަވަރަކަށް ސަވާރުން ފިޔަވައި އެހެން އެކަކަށްވެސް ފިލައިގެން ދާކަށެއް ޠުލައިޠުލާގެ މުސްލިމުން ފުރުސަތެއް ނުދިނެވެ.

أحمد އިރުކޮޅެއްގެފަހުން މިސުރާބު ޖެއްސެވީ ރަށާ ދިމާޔަށެވެ. އޭނާގެ އަރިހުގައި އައި ތިންސަތޭކަ މުޖާހިދުންގެ އިތުރަށް އެއަވަށުގެ ދޮޅުހާހެއްހައި މީހުންވެސް އޭނާގެ އަރިހުގައި ތިއްބެވެ. އޭގެތެރެއިން ބައެއް މީހުން ވަނީ ޤަޞްޠިލާގެ ސިފައިންގެ އަތުން ހަތިޔާރު އަތުލައިފައެވެ. އަނެއްބަޔަކު އެބައިމީހުންގެ ގޭގެއިން އައީ ކަނޑިއާއި، ކޯރާޑިއާއި ވަޅި ފުރޯފަދަ ތަކެތި ހިފައިގެންނެވެ. أحمـد ސަހަރުގެ ބޮޑުމަގާ ހަމަޔަށް ވަޑައިގެންފައި طـاهـــرة އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. طـاهـــرة ގެ ކަނޑިކޮޅުން ހުރީ ލޭތިކި ތަޅަތަޅައެވެ. އޭނާ ވަޑައިގަންނަވަނީ أحمد ގެ އަރިހުގައެވެ. أحمد ވިދާޅުވިއެވެ. "طـاهـــرة. ދެން ކަލާ ގެޔަށް ވަޑައިގަންނަވާ!"

طـاهـــرة ޖަވާބު ދެއްވިއެވެ. "ނޫން. އަޅުގަނޑު ގެޔަށްދާނީ ޠުލައިޠުލާގެ ރަސްކަމުގެ ގަނޑުވަރުގައި މިނިވަންކަމުގެ ދިދަ ވިހުރުވޭތަން ދެކެލައިފައި."

ރަށުގެ ދޮރޯއްޓާ ހަމަޔަށް ވަޑައިގެންނެވުނުއިރު ރަށްބޭރުގެ އިތުރު އަވަށްއަވަށުންވެސް ފަސްހާހެއްހައި މުޖާހިދުން أحمـد ގެ ލަޝްކަރުގައި ބައިވެރިވެއްޖެއެވެ. ޠުލައިޠުލާގެ އާއްމުން ތައްޔާރުކުރުވަން އައި މުޖާހިދުންވަނީ އާއްމުންގެ އެތައްބަޔަކު ގޮވައިގެން ނުކުމެފައެވެ. ބޭރުން ޙަމަލަދޭ ބަޔަކު އައިކަން އެނގުމާއެކު ޤަޞްޠިލާގެ ސިފައިން ރަށުގެ ދޮރޯށި ބަންދުކުރެވޭތޯ މަސައްކަތްކުރިއެވެ. އެކަމަކު ރަށުތެރެއިން އައި މުޖާހިދުން ޤަޞްޠިލާގެ ސިފައިންތައް ޤަތުލުކުރުމަށްފަހު ދޮރޯށި ހުޅުވައިލައިފިއެވެ.

ޠުލައިޠުލާގެ އާއްމުން ގޭގެއިންނާއި، މިސްކިތްތަކުންނާއި މަދަރުސާތަކުން ނުކުމެގެން މުޖާހިދުންނާ ބައިވެރިވަމުން ދިޔައެވެ. يحـيى ގެ ސިފައިންނާއި ފުލުހުންގެ އެތައްބަޔަކުވެސް މުޖާހިދުންނާ ގުޅިއްޖެއެވެ. މުޖާހިދުންނަށް ޖަލާ ހަމަޔަށް ދެވުނުއިރު ސިފައިންނާއި ފުލުހުން ވަނީ ޖަލުގެ ދޮރުތައް ހުޅުވައިފައެވެ. ޠުލައިޠުލާގައިހުރި ޤަޞްޠިލާގެ ސިފައިންގެ މަރުކަޒުތަކުން ވެލިކައިގެން ސަލާމަތްވެވުނު ސިފައިން ރައްކާތެރިކަން ހޯދީ يحـيى ގެ ކިއްލާއިންނެވެ.

* * * * * * * * * * *

އަސުރުން އިރުތިރިވިތަނާ ޠުލައިޠުލާގެ އާއްމުންގެ ތިރީހަކަށްހާސް މީހުން يحـيى ގެ ގަނޑުވަރަށް ޙަމަލަދީފިއެވެ. މިހާރު އެ ރުޅިގަދަވެފައިތިބި އާއްމުން ބަދަލުވެފައިވަނީ އިންތިޒާމެއްނެތް ހުޖޫމަކަށެވެ. ވަކި ލީޑަރަކު ނެތެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރަމުން ގެންދިޔައީ އަނެކަކަށްވުރެ ތިމާގެ އަޑު ގަދަކުރެވޭތޯއެވެ. ގަނޑުވަރުގެ ފާރަވެރީން ފާރުމަތީން ދުނި އުކައިގެން އާއްމުން ފާރާ ދުރުގައި ބައިތިއްބޭތޯ މަސައްކަތްކުރަމުން ގެންދެއެވެ. ކުއްލިޔަކަށް ދުނި އުކުން ހުއްޓިއްޖެއެވެ. އާއްމުން ގަނޑުވަރުގެ މައި ދޮރޯއްޓާ ދިމާޔަށް އަރައިގެންފިއެވެ.

މީހުންތައް ދޮރޯށި ހަލާކުކުރާން މަސައްކަތްކުރަނިކޮށް ބަލިކަށި މީހެއް ދުވެފައި އަތުވެއްޖެއެވެ. އޭނާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. "ތިޔަބައިމީހުންނަކީ މޮޔައިންތަކެއް. يحـيى އަނެއްފަރާތު ދޮރުން ބޭރަށް ނުކުމެވަޑައިގެން ފިލައިވަޑައިގެންފި."

ހޯބޯލަވާ އަޑުފަށްގަނޑުގެ ތެރެއިން އެއަޑުއިވުނު މީހުން ހަޅޭއްލަވައިގެން އެހެންމީހުން ސަމާލުކުރުވައިފިއެވެ. އެއްވެފައިތިބި މީހުންގެ އޮޅިއޮޅި އެކިފަހަރުމަތީން އަނެއްފަރާތުގެ ދޮރާ ދިމާޔަށް ދުވާން ފަށައިފިއެވެ. އެމީހުންތައް އެފަރާތަށް ދިޔައިރު އެފަރާތުގެ ދޮރޯށި ހުރީ ހުޅުވައިލައިފައެވެ. يحـيى ވަނީ ޤަޞްޠިލާގެ ސަވާރުންގެ ބައެއްގެ ޙިމާޔަތްތަކާއެކު ފިލައިވަޑައިގެންފައެވެ.

އިރުކޮޅެއްގެ ތެރޭގައި ގަނޑުވަރުގެ ތެރެއިން އާއްމުންގެ އުފާވެރިކަމުގެ ހަޅޭފަޅޭކުގެ އަޑު އިވެމުންދެއެވެ. ގަނޑުވަރުގެ ތެރެއިން ނުކުތް ކޮންމެވެސް މީހެއް ބާރު އަޑުން ގޮވާންފަށައިފިއެވެ. "ޣަރުނާޠާގެ މުޖާހިދު ކޮބައިތޯ؟"

ޣަރުނާޠާގެ މުޖާހިދު ދޮރޯށީން ބޭރުގައި ތުންފަތްޕުޅު ހައްޕަވާން ހުންނެވިއެވެ. ފަތަޙަ ލިބިވަޑައިގެންނެވުމުގެ އުފާފުޅަށްވުރެ ބޮޑަށް އޭނާ ކަންބޮޑުވެވަޑައިގެންފައިވަނީ يحـيى ފިލައިވަޑައިގެންނެވުމުންނެވެ.

طـاهـــرة ގަނޑުވަރުން ބޭރަށް ނުކުމެވަޑައިގެން أحمد ގެ އަރިހަށް ވަޑައިގެންފިއެވެ. طـاهـــرة ވިދާޅުވިއެވެ. "އެއްވެސް ތަނަކުން ބައްޕާފުޅު ފެންނަގޮތެއް ނުވޭ. عبـدالـواحــد ކަލާ އެބަހޯއްދަވާ. ވަރަށްގިނަ މީހުން ކަލާ ދެކޭން ބޭނުން."

أحمد ވަރުބަލިފުޅުވެފައިވާ އަޑުފުޅަކުން ވިދާޅުވިއެވެ. "އަޅުގަނޑު އެބޭފުޅުންނާ ބައްދަލުވާނީ މާދަމާ ހެނދުނު."

طـاهـــرة ވިދާޅުވިއެވެ. "ކަލާ ތިޔަހުންނެވީ ވަރަށް ވަރުބަލިފުޅުވެފައި. ހިންގަވާ ގެޔަށް ދަމާ. ބައްޕާފުޅު މިހާރު ގެއަށް ވަޑައިގެންފާނެކަން ޔަގީން."

أحمد ވިދާޅުވިއެވެ. "އަވަށުގެ މީހުނާއެކު ކަލާއަށް ގެޔަށް ވަޑައިގެންނެވޭނެ ކަމުގައިވާނަމަ އަޅުގަނޑު މިހިސާބުގަނޑުގެ ކޮންމެވެސް ސަރާއެއްގައި މިރޭ މަޑުކޮށްލާނަން. ފަތިސްނަމާދު ކޮށްގެން ގެޔަށް ދާނަން."

طـاهـــرة ވިދާޅުވިއެވެ. "ކަލާ ވީރާނާކޮށްލެވިފައިވާ ގެއެއްގެ ބަދަލުގައި ސަރާއަކަށް ތަރުޖީހު ނުދެއްވާ! ގެޔަށް ވަޑައިގަންނަވަމާ ހިންގަވާ!"

ޠުލައިޠުލާގައި ވަނީ އާ ޙަޔާތެއްގެ އުފާފާގަތިކަން އާއްމުވެފައެވެ. އައު ރޫޙުތަކެއް ދިރިފައެވެ. يحـيى ގެ ގަނޑުވަރަށް ވެރިވެވުމާއެކު އެތައްބަޔަކު އުފަލުން ގޭގެއަށް ހިނގައްޖެއެވެ. يحـيى ގެ ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން ހިތްތައް ޒަޚަމުވެފައިތިބި ބައެއް މީހުން يحـيى ގެ ސަރުކާރުގެ ދަރަޖަވެރީން ދަމާކޫއްތައިފައި ގޭގެއިން ނެރުމުގައި އަވަދިނެތި އުޅެމުންވެސް ގެންދެއެވެ. އެއްބަޔަކު يحـيى ގެ ވަޒީރަކު އަތުލައިގަނެގެން އޭނާ ހިމާރެއްގެ މައްޗަށް އަރުވައިގެން ރަށުގެ ބޮޑެތި މަގުތަކާއި ބާޒާރުތަކުގައި ގަންހިންގަމުން ގެންދެއެވެ. ރަށުގެ ހަތަރު އަނގޮޅިޔެއްގައިހުރެ ޝާޢިރަކު ލަވަކިޔަމުން ގެންދެއެވެ. "ޤުދުރަތު ވަނީ އަނިޔާވެރީންގެ އަތުން ކަނޑިތައް އަތުލައްވައިފައެވެ. މިހާރު އަހަރެމެން އެބައިމީހުންގެ ކިބައިން ގުނަގުނައިގެން ބަދަލުހިފާނޫއެވެ."

طـاهـــرة އެހަތަރުއަނގޮޅިޔާ ތަންކޮޅެއް ދުރަށް ވަޑައިގެންފައި ވިދާޅުވިއެވެ. "މިހާރު އެބައިމީހުން ޖެހޭނީ އަނިޔާ ލިބުނު މީހުންގެ ކޮންމެ ކަރުނަތިއްކަކަށް ވަކިވަކީން ހިސާބު ދައްކަން."

أحمد ވިދާޅުވިއެވެ. "އިންޤިލާބަކީ ބައެއްފަހަރަށް އަނިޔާލިބޭ މީހުން އަނިޔާވެރީންނަށް ހަދާކަމެއް. އާއްމުންގެ އަތްމައްޗަށް ބަދަލުހިފުމުގެ ހަތިޔާރު ލިބިދޭ އިންޤިލާބުތަކަކީ ޤައުމުތަކުގެ ޤައުމީ ޙަޔާތަށް ވަރަށްބޮޑު ނުރައްކަލެއް. ޠުލައިޠުލާގެ މިނިވަންކަމަށް ލޯބިކުރާ މީހުން އަނިޔާވެރިކަމުގެ އިމާރާތްތަކުގެ ތަރާގަނޑުގަނޑުގެ މަތީގައި އަނިޔާވެރިކަމުގެ އައު އިމާރާތްތަކެއް ބިނާކުރިޔަ ނުދެއްވުން އަދި އަޅުގަނޑު މާތް اللّـه ގެ ޙަޟުރަތަށް ދުޢާކުރަން."

أحمد އާއި طـاهـــرة އާ ދެބޭފުޅުން އަވަށުގެ މިސްކިތާ ހަމަޔަށް ވަޑައިގެންނެވިތަނާ އެބޭފުޅުންނަށް ޖަމާޢަތެއްގެމީހުނާ ބައްދަލުވެވަޑައިގެންނެވިއްޖެއެވެ. އެމީހުން ބުނިގޮތުގައި އެމީހުން އައީ ޝަހީދުން ފަސްދާނުލައިފައެވެ. طـاهـــرة އޭނާގެ ބައްޕާފުޅާ ބެހޭގޮތުން އެބައިމީހުންނާ ސުވާލު ކުރެއްވިއެވެ. އޭގެތެރެއިން އެކަކު ޖަވާބު ދިނެވެ. "شيـخ أبــو يـعـقــوب އަށްވުރެ ފަހުން ޖަލަށްލެވުނު މީހަކު މަޣުރިބުނަމާދު ވަގުތުގައި ގެޔަށް އައި. އޭނާ ހުރީ ވަރަށް ގަދަޔަށް ހުންއައިސްފައި. އޭނާ ބުނާގޮތުގައި އޭނާ شيـخ أبــو يـعـقــوب ޖަލަކުން ނުދެކޭ. ނުފޫޒުހުރި ބައެއް ބޭފުޅުން ވަނީ ވަކިވަކި ކޮޓަރިތަކުގައި ހައްޔަރުކޮށްފައި. ޖަލަށް ޙަމަލަދިން މީހުން ޖަލުގެ ދޮރު ހުޅުވުމާއެކު ބައެއްމީހުން ވަރަށްބޮޑަށް ހޯދި. ނަމަވެސް شيـخ أبــو يـعـقــوب އެއް ނުފެނުނު. ސަރަޙައްދީ ޖަލުތަކަށް ފޮނުވުނު ޤައިދީންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގެންފައިވުމަކީވެސް އެކަށީގެންވާ ކަމެއް. އެކަލޭގެފާނު ޖަލުން ސަލާމަތްވެވަޑައިގެންނެވުމާއެކު އެއްވެފައިތިބި މީހުންގަނޑާ ބައިވެރިވެވަޑައިގެންނެވީ ކަމުގައިވެސް ވެދާނެ. އެހެނިހެން ޤައިދީންނަށް އެކަލޭގެފާނު ނުފެނި ހިނގައިދާނެ."

(ނުނިމޭ)