ގދ. މަޑަވެލި ބޮއި ކައިރިން މަސްވެރިކަމުގައި އުޅުނު ދޯންޏެއްގައި އަލިފާން ރޯވެ ފިހުނު މީހަކު ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.
މަސްވެރިކަން ކުރަން އުޅެނިކޮށް މިއަދު އަލިފާން ރޯވެފައިވަނީ ގއ. ދެއްވަދޫ "ކުރިމަގު" ދޯނީގަ އެވެ.
އެމްއެންޑީއެފުން ބުނީ ކުރިމަގު ދޯނީގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ދޯނީގައި ހުރި 53 އަހަރުގެ ފަޅުވެރިޔަކު ފިހި ހާލު ދެރަވެގެން އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިއަދު 13:16ގައި ތިނަދުއަށް ގެންގޮސްފައިވާ ކަމަށެވެ.
ދޯނީގެ ވެރިފަރާތް ކަމުގައިވާ ހަސަން ހަލީމް މިއަދު "ވަން" އަށް މައުލޫމާތު ދެމުން ބުނީ އަލިފާން ރޯވީ ޕަންޕަށް ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ސައިލެންސަރު މައްޗަށް ޕެޓްރޯލް އެޅިގެން ކަމަށެވެ. އަދި އެ ވަގުތު ޕެޓްރޯލް އަޅަން ހުރި ފަޅުވެރިޔާގެ އަތުގައި އަލިފާން ރޯވެ ޕެޓްރޯލް ހަން އޭނާ ދޫކޮށްލުމުން މުޅި ތަނަށް ޕެޓްރޯލް އެޅި ހުޅުގަނޑު ފެތުރުނީ ކަމަށް އޭނާ ބުންޏެވެ.
ހަސަން ބުނީ އަލިފާން ކޮންޓްރޯލް ވީ އެ ވަގުތުން ފެށިގެން ދޯނީގެ ތިބި މީހުންގެ ފަރާތުން ދެއްކި ހިތްވަރުގެ ސަބަބުން ދޯނީގައި އެ ވަގުތު ހުރި ޕަންޕަކުން ފެންޖަހައިގެން ކަމަށެވެ. އަދިކައިރީގައި އެވަގުތު ތިބި މަސްދޯނިތަކުގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބުނު ކަމަށް ބުންޏެވެ.
އޭނާ އިތުރަށް ބުނީ ދޯންޏަށް މާ ބޮޑު ގެއްލުމެއް ނުލިބޭ ކަމަށާއި އެހެން ކަމުން މަސްބޭނުމައިގެން ކުރިއަށް ދާ ކަމަށެވެ. އަނިޔާވީ ޕެޓްރޯލް އަޅަން ހުރި ފަޅުވެރިޔާއަށް ކަމަށާއި އޭނާ އެތަނުން އެހެން ދޯންޏަކަށް އަރުވައި ތިނަދުއަށް ފޮނުވާލީ ކަމަށް ބުންޏެވެ. އޭނާގެ އަތުގެ ވަރަށް ބޮޑުބައެއް ފިހިފައިވާ ކަމަށްވެސް ބުންޏެވެ.
ހަސަން ބުނީ ސިފައިންގެ އެހީތެރިކަމަށް އެދޭނެ ފުރުސަތެއް ނުލިބޭ ކަމަށާއި އެހެން ކަމުން އެހީއަށް ނޭދޭ ކަމަށެވެ. ނަމަވެސް ފިހުނު މީހާ ގެންދިޔަ ދޯނިން ސިފައިންގެ އެހީތެރިކަމަށް އެދުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު