އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ރޭ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 30 މިހުން ރޭ ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން ތިން މީހުން ފިޔަވައި އެހެން އެންމެން ދޫކޮށްލީ އެޗްޕީއޭގެ ގައިޑްލައިނަ ހިލާފު ވެގެން ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށެވެ. ޖޫރިމަނާ ނުކުރާ ތިން މީހުންނަކީ މުޒާހަރާ ފެށުމުގެ ކުރީން ފުލުހުންގެ ބެލުމުގެ ދަށަން ގެންދިޔަ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

"މަގޭ ފުލެޓް ކޮބާ؟"ގެ ނަމުގައި އިދިކޮޅުން މާލޭގައި އިއްޔެ ހަވީރު 4:15 ގައި ކުރަން ފެށި މި މުޒާހަރާގައި ބައިވެރިވުމަށް ޕީޕީއެމް އޮފީސް ދޮރުމައްޗަށް މީހުން ޖަމާވަމުން ދަނިކޮށް އޭގެތެރެއިން ބައެއް މީހުން ފުލުހުން ވަނީ ވެހިކަލަށް އަރުވައިގެން އެ ސަރަހައްދުން ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު އެ ސަރަހައްދުގައި ހަރަކާތްތެރިވި "ވަން"ގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.

މުޒާހަރާ ފެށި ފަހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހިމެނެ އެވެ.