ހަތަރު ރަށެއްގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ މުއްދަތު ފިނޭންސް މިނިސްޓްރީން އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

އެއީ ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ށ. ބިލަތްފަހީގެ އިތުރުން ހދ. މަކުނުދޫގައި ހަދާ އެއާޕޯޓެވެ. އެ ހަތަރު ރަށުގައި އެއާޕޯޓު އަޅައިދޭނެ ބަޔަކު ހޯދަން ފުރަތަމަ އިއުލާންކުރީ މިދިޔަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. އެ މުއްދަތު ހުޅުވާލާފައި އޮތީ މިމަހު 15 ވަނަ ދުވަހާ ހަމައަށެވެ. ނަމަވެސް ފަހުން އެ މުއްދަތު ވަނީ މިމަހުގެ 28 ވަނަ ދުވަހަށް އިތުރުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނީ އީއޯއައި ހުށަހެޅުމުގެ މުއްދަތު 1 މާރިޗު 2021، 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަދި މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރު ކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް އިއުލާނުގައި ބުންޏެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް އޮތްއިރު، ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް އެބަގެންދެއެވެ.