އަލިމަސް އުފާ ކާނިވާ ސަރަހައްދުގެ އިރު ދެކުނު ފަރާތުގައި ހިންގަމުން އަންނަ ޑޮލްފިން ވިޔު ކެފޭއާ އިންވެގެން ހުޅަނގަށް ހުރި ގުދަންތައް ހުސްކުރަން އަންގައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އެ ގުދަންތައް މިހާރު ބޭނުންކުރަމުން ގެންދާ ފަރާތްތައް ހޯދުމަށް އެ ކައުންސިލުން މިމަހުގެ ދެވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ލިޔުމެއް ހުށަހަޅައި، އެ އިއުލާނަށް އިޖާބަ ދީފައި ނުވާ ކަމަށެވެ. ނަމަވެސް އެ ގުދަންތަކުގައި މުދަލާއި ތަކެތި ހުރިކަން ފާހަގަކުރެވޭ ކަމަށް ބުންޏެވެ.

އެހެންކަމުން އެ ގުދަންތަކަށް މުދަލާއި ތަކެތި ވައްދާފައިވާ ފަރާތްތަކުން، އެ ފަރާތަކުން ގުދަނަށް ވައްދާފައިވާ މުދަލާއި ތަކެތި އަންނަ ހަފުތާގެ ބުދަ ދުވަހުގެ ކުރިން އެ ގުދަންތަކުން ނެރެ އެތަކެތި ގެންގޮސް، ގުދަންތައް ހުސްކުރުމަށް އިއުލާނުގައި ބުނެފައިވެ އެވެ.

އަދި އެ މުއްދަތުގައި ނުގެންގޮސް ހުންނަ ތަކެއްޗާމެދު ކައުންސިލުން ނިންމާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށާއި އެކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބޭ ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.