އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް، މަޖިލިސް ތަޅުމުގައި ޖަވާބުދާރީވެވަޑައިގަތުމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް، 30 މިނިޓްގެ ފުރުސަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީން ނިންމައިފިއެވެ.
މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، 14 މެންބަރުންގެ ސޮޔާއެކު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި ވަނީ، މި ފެބްރުއަރީ މަހުގެ 10 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެ ކަމަށެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މިމަހު 16 ވަނަ ދުވަހުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ މަޖިލިސް ގަވާއިދުގައިބުނާ ނޯޓިސް މިނިސްޓަރު މަލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
އެހެންކަމުން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މި ފެށޭ ހަފްތާގައި މަޖިލީހަށް އެޖެންޑާ ކުރެވޭނެ ކަމަށް ބެލެވެއެވެ.
ނަމަވެސް އެ މައްސަލަ އެޖެންޑާކުރާނެ ވަކި ދުވަހެއް މަޖިލިސް އިދާރާއިން އަދި ނުބުނެއެވެ.
މަޖިލިސް ގަވާއިދުގައި ބުނާގޮތުން ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަަލައަށް ޖަވާބުދާރީވުމަށް މަޖިލިސް ތަޅުމުގައި ދޭނެ ވަގުތު ކަނޑައަޅަނީ ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީންނެވެ.
އެކަމަށް މިނިސްޓަރު މަލީހަށް ވަގުތު ދިނުމާބެހޭގޮތުން އާއްމު ކޮމިޓީގައި ކުރިއަށްގެންދިޔަ މަޝްވަރާތަކުގައި ދެގޮތެއް މެންބަރުން ހުށަހެޅުއްވިއެވެ.
އެއްގޮތަކީ، މަޖިލިސް ތަޅުމަށް އިތުބާރު ނެތްކަމުގެ މައްސަލަތަ ހުށަހަޅައިގެން ބަހުސް ފެށުމުގެ ކުރިން ޖަވާބުދާރީވާން މިނިސްޓަރަށް 10 މިނިޓް، ބަހުސްގެ މެދުތެރެއިން ފަސް މިނިޓް އަދި ބަހުސް ނިމުުން ޖަވާބުދާރީވާން ފަސް މިނިޓް، މުޅިއެކު ވަޒީރަށް 20 މިނިޓް ދިނުމަށެވެ.
އެގޮތަށް ހުށަހެޅުއްވީ ފުވައްމުލަކު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ. އޭނާ ވިދާޅުވީ، ވަޒީރަށް މިހާރުވެސް މާގިނަ ވަގުތު ދެވިއްޖެ ކަމަށާއި އެހެންކަމުން އިތުރު ވަގުތު ދޭން ބޭނުން ނުވާ ކަމަށެވެ.
ދެވަނަ ހުށަހެޅުން ހުށަހަޅުއްވަމުން ފުނަދޫ ދާއިރާގެ މެންބަދު ޝާހިދު ވިދާޅުވީ، މާދަމާ އެހެން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ހުށަހެޅިދާނެ ކަމަށާއި، ވަކި ވަޒީރަކަށް ވަކި ގޮތަކަށް ކަންތައް ކުރުމުގެ ބަދަލުގައި މީގެ ކުރިން މަޖިލީހަށް ހުށަހެޅުނު، ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައަކާ ގުޅިގެން ކޮމިޓީން ފާސްކޮށްފައި އޮތް ގޮތަށް، ޖަވާބުދާރީވާން ވަޒީރަށް ޖުމުލަ 30 މިނިޓް ދޭން ހުށަހަޅާ ކަމަށެވެ. އެއީ ބަހުސްފަށާއިރު 10 މިނިޓް، ބަހުސްގެ މެދުތެރެއިން 10 މިނިޓް އަދި ބަހުސް ނިމުމުން 10 މިނިޓް ދޭގޮތަށެވެ.
އެހެންކަމުން އެ މައްސަލައިގައި ބަހުސް ކުރަން މަޖިލިސް މެންބަރުންނަށް ލިބޭނީދޮޅު ގަޑިއިރެވެ. އެ ވަގުތު ޖެހޭނީ ހުރިހާ މެންބަރުންނަށް ބަހައިލާންށެވެ.
މެންބަރު ޝާހިދުގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވަމުން، ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަމީ އަބްދުލް ހަކީމް ވިދާޅުވީ، ތިމާ ގަޔާވާ ނުވަތަ ގަޔާ ނުވާތީ މިނިސްޓަރަކަށްވާތީ އުސޫލު އެކި ގޮތްގޮތަށް ބަދަލު ކުރުުގެ ބަދަލުގައި އެންމެނަށް އެއް އުސޫލެއް އޮތުން މުހިއްމު ކަމަށް ފެންނާތީ ޖަވާބުދާރީވާން 30 މިނިޓްގެ މުއްދަތެއް މިނިސްޓަރަށް ދިނުމަށް މެންބަރު ޝާހިދުގެ ހުށަހެޅުމަށް ތާއީދު ކުރައްވާ ކަމަށެވެ.
އެހުށަހެޅުން ފާސްވީ ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް