ލޮކްޑައުނަކަށް ނުގޮސް ފަރުޖެހެން އޮތީ މިހާރު އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކޮށްގެން ކަމަށް އިިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރުމަށް ވީހާވެސް އަވަހަށް ފިޔަވަޅުތައް ހަރުކަށިކުރަން ޖެހޭ ކަމަށެވެ.
"މީގެ ތެރޭގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް ކޮންޓްރޯލް ކުރުމަށް ނެރެފައިވާ ގައިޑްލައިނަށް ހުރިހާ ވިޔަފާރިތަކާއި އާންމު ފަރުދުންވެސް ފުރިހަމައަށް އަމަލު ކުރާކަން ކަށަވަރުކުރަން ޖެހޭ،" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް މީގެ ކުރިންވެސް ވަނީ ކޮވިޑު ކޭސްތައް އިތުރުވާނަމަ އުނދަގޫ ފިޔަވަޅުތައް އަޅަންޖެހޭ ހާލަތަށް ހިނގައިދާނެ ކަމަށް ވިދާޅުވެފައެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުކަށިކުރުމަށް މިނިސްޓަރު ފައްޔާޒް ގޮވާލައްވާފައިވާ އިރު، މާލޭގެ ހާލަތު އޮތީ ރާއްޖެ ލޮކްޑައުންއަކަށް ދާން ޖެހޭ ހާލަތެއްގައި ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.
ފަހަކަށް އައިސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި އެވްރެޖު ގޮތެއްގައި ރާއްޖެއިން ދުވާލަކު 100 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނި ގޮތުގައި ރާއްޖޭގައި ކޮވިޑުގެ އާ ވޭރިއަންޓް މިހާރު އެބައުޅެއެވެ. އާ ވޭރިއަންޓާއެކު ކޮވިޑުގެ ނަންބަރުތައް އިތުރުވުމުން މާލޭ ސަރަހައްދުގައި މިހާރު ވެސް ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް ވަކި ގަޑިތަކެއްގައި ކާފިއު ހިންގަން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު