ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކުގެ އިންޑަސްޓްރީ، އެބޭފުޅުން ޕްރޮޓެކްޓް ކުރާހާ ދުވަހަކު އަދި ލަވައިގެން ކާންދޭހާ ދުވަހަކު އަމިއްލައަށް ކާން ނޭނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެެ.
މަޖިލިސް ރައީސް މިހެން ވިދާޅުވީ، ޓުއާ އޮޕަރޭޓަރުންނާއި ޓުއާ އެޖެންސީތަކަށް ހާއްސަ ގާނޫނެއް އެކުލަވާލުމުގެ ގޮތުން އެ ދާއިރާގެ އިސް ފަރާތްތަކާއެކު ރައްޔިތުންގެ މަޖިލިސްގައި މިއަދު ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގައި އެ ފަރާތްތައް ދެއްކެވި ވާހަކަތަކާ ގުޅިގެން ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ، އެ ދާއިރާގައި ރާއްޖޭން ބޭރު މީހުންނާ ވާދަކޮށްގެން އެ ބޭރުމީހާގެ ޖާގަ ބޭރުގައި ދިވެހިން ހޯދުން ކަމަށެވެ. އެކަން ކުރެވޭނީ ދިވެހި އެޖެންސީތައް ބޭރުގެ އެޖެންސީތަކާއެކު ވާދަކޮށް ވަރުގަދަވެގެން ކަމަށްވެސް ވިދާޅުވިއެވެ.
"ވަރަށްބޮޑަށް ބޭނުންވެގެން އަޅުގަނޑު ގައިމުވެސް މިއުޅެނީ ބޭރުމީހާއާ ތިބޭފުޅުން ވާދަކޮށްގެން އެ ބޭރުމީހާގެ ޖާގަ ބޭރުގައި ތިބޭފުޅުން ހޯދުން. އަޅުގަނޑުމެން ތިބޭފުޅުންގެ އިންޑަސްޓްރީ ޕްރޮޓެކްޓް ކުރާހާ ދުވަހަކު އަދި ލަވައިގެން ކާންދޭހާ ދުވަހަކު ކާކަށްވެސް ނޭނގޭނެ، ހިނގާކަށްވެސް ނޭނގޭނެ. ތިބޭފުޅުންނަށް ބޭރުގެ އެޖެންސީތަކާއެކު ކޮމްޕްލީޓް ކޮށްގެން ތިބޭފުޅުން ވަރުގަދަވެގެންދާނީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، އެދިވަޑައިގަތުމަކީ ރާއްޖެއަށް މި އަންނަ އެއްމިލިޔަން ޓޫރިސްޓުން ދިވެހިރާއްޖެއަށް ގެންނަނީ ދިވެހި ކުންފުނިތަކުން ކަމަށް ވަންޏާ އެއީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ފައިދާއަކަށްވާނެތީ އެކަން އެގޮތަށް ކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު