އިސްލާމްދީނާއި ދެކޮޅު އެއްވެސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިތްވަރު ދެއްވާފައި ނުވާ ކަމަށާއި މި ސަރުކާރުން ދީނީ ކަންކަމަށް ނުކުރާ އިތުރު ހާއްސަ އެއްވެސް ކަމެއް ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ކޮށްފައި ނުވާކަމަށް ވިދާޅުވެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދު ސަލީމަށް ރައްދު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރު އިއްވެވި ރިޔާސީ ބަޔާނަށް އިއްޔެގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީހުގެ މައިރޯނިޓީ ލީޑަރުގެ ހައިސިއްޔަތުން އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ޖަވާބުދެއްވާފަ އެވެ. ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަމުން ސަލީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދީނީ ކަންކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަން ފާހަގަކުރައްވާފައެވެ. އަދި މިސަރުކާރުން ދީނީ ކަންކަން ކުރިއަރުވަން މަސައްކަތް ނުކުރާ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ އެވާހަކައަށް ރައްދު ދެއްވައި ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދީނީ ކަންކަން ކުރިއަރުވަން ވަކި ހާއްސަ ކަންތައްތަކެއް ކޮށްފައި ނުވާ ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ ރައީސް ޔާމީން ދީނީ ކަންކަން ޕްރޮމޯޓް ކުރައްވާކަށެއް ވަކި ކުރެއްވި އިތުރު ކަމެއް އިތުރު އެއްވެސް ވެރިޔަކު މި ރާއްޖޭގައި ނުކުރާ. ހަމަ މިސްކިތްތައް އެޅުމާ މިކުރިހާ ކަންތައްތަކެއް މިހާރުގެ ސަރުކާރުންވެސް ކުރަމުން މިދަނީ" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، މި ސަރުކާރުން އިސްލާމްދީނާއި ހިލާފު އެއްވެސް ކަމެއް ކުރަން ހިތްވަރުދީ އެފަދަ ކަމެއް ކުރާތަނެއްވެސް ނުފެންނަ ކަމަށެވެ.