ޓްރާންސް ޓޯކްސް

ހާލަންޑް ގެންދިއުމުގެ ގާބިލުކަން ހުރީ 10 ކްލަބެެއްގައި: އެޖެންޓް ރައިއޯލާ

ޑޯޓުމަންޑްގެ ތަރި އާލިންގް ހާލަންޑް ގެންދިއުމުގެ ގާބިލުކަން ހުރީ އެންމެ 10 ކްލަބެއްގެ ކިބައިގައި ކަމަށް ސުޕަ އެޖެންޓް މިނޯ ރައިއޯލާ ބުނެފިއެވެ.

ދުނިޔޭގެ އެންމެ ގިނަ ކްލަބުތަކުން ލޯ އަޅަމުންދާ ހާލަންޑު މިވަގުތު ވަރުގަދަ ފޯމެއްގައި ހުރިއިރު، އެޖެންޓް ރައިއޯލާގެ ނަޒަރުގައި ހާލަންޑަކީ ކުރިއަށް އޮތް ޖީލުގެ ތަރިއެވެ. ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ނުފޫޒުގަދަ އެއް އެޖެންޓް ރައިއޯލާ ބުނެފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިއޮނަލް މެސީ އަދި ޒްލަޓަން އިބްރަހިމޮވިޗްގެ ޖީލު ނިމި، ދެން އަންނަން އޮތް ޖީލުގައި މެސީއާއި ރޮނާލްޑޯ ފަދަ ތަރިންގެ ރޯލުގައި އެންމެ ބޮޑަށް ފިޔަޖަހާނީ ހާލަންޑް ކަމަށެވެ.

"ޝައްކެއްވެސް ނެތް އެންމެން ބޭނުންވާނެ ހާލަންޑް. އެއީ މުސްތަގުބަލުގެ ތަރިއެއް. ހާލަންޑް މިހާރު ހުރި އުމުރުގައި އޭނާ އެ ދައްކާ ކުޅުން ދެއްކުމަކީ ކޮންމެ ކޮންމެ ކުޅުންތެރިއަކަށް ވާނެ ކަމެއް ނޫން. އެންމެންވެސް ފުޓުބޯޅައިގެ އާޖީލަކަށް އިންތިޒާރު ކުރަމުން މިދަނީ. ކުރިއަށް އޮތް 10 އަހަރު ދެން މެސީއާއި ރޮނާލްޑޯ އަދި ޒްލަޓާން ފަދަ ކުޅުންތެރިން ބަދަލުގައި ނުކުންނާނެ ފެންވަރުގެ ކުޅުންތެރިއެއް ހާލަންޑަކީ،" އުމުރުން 20 އަހަރުގެ ނޯވޭ ފޯވަޑް ހާލަންޑްގެ ޓްރާންސްފާއާ ގުޅިގެން ރައިއޯލާ ބުނެފައިވެއެވެ.

މިހާތަނަށް ޑޯޓުމަންޑާއެކު ކުޅުނު 43 މެޗުން 43 ގޯލުވެސް ޖަހާފައިވާ ހާލަންޑްގެ ޑިމާންޑް އިންތިހާއަށް ބޮޑުވެފައިވާ އިރު، ރައިއޯލާގެ ނަޒަރުގައި ހާލަންޑް ގެންދިޔުމަށް ހަރަދުކޮށް، ހާލަންޑަށް އެކަށޭނެ ޕްލެޓްފޯމެއް ގާއިމުކޮށްދެވެން އޮތީ ހަމައެކަނި އެންމެ 10 ކްލަބަށެވެ. އޭގެ ތެރެއިން ހަތަރު ކްލަބަކީ އިނގިރޭސި ހަތަރު ކްލަބުކަމަށް ރައިއޯލާ ބުނެފައިވާއިރު، އެ ކްލަބުތަކަކީ ކޮބައިކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.

ރައިއޯލާ ބުނެފައި ވަނީ ދުނިޔޭގެ އެއްވެސް ކްލަބެއްގެ ސްޕޯޓިން ޑިރެކްޓަރަކު ހާލަންޑް ބޭނުން ނުވާ ވާހަކަ ނުބުނާނެ ކަމަށާއި، ކްލަބުތަކުން ހާލަންޑް ބޭނުންވާނެ ވަރުގެ މިސާލަކީ ފޯމިއުލާ ވަން ކާރު ދުއްވާ ޓީމަކަށް ލެވިސް ހަމިލްޓަން ބޭނުންވާނެ ވަރު ކަމަށެވެ.