(22 ފެބުރުއަރީގެ އަދަދާ ގުޅޭ)
ކޯރުގެ ކައިރީގައި ކުޑަކުޑަ އުސްގަނޑެއްގެ މަތީގައިހުރި ޖިފުޓިތަކެއް ފެނިވަޑައިގެންފިއެވެ.
އެ ފަސްގަނޑުގެ ކައިރިޔަށް ވަޑައިގެންނެވިއިރު ކޯރުގެ އައްސޭރީގައި ކުދިކުދި ބައްތެލިފަހަރު ހުއްޓެވެ.
އަންހެންބޭފުޅާ ވިދާޅުވިއެވެ. "ކަލާ އެ އުސްގަނޑަށް އަރައިވަޑައިގެން ޔޯތް ގޮވައިލައްވާ."
أحمد ވިދާޅުވިއެވެ. "މިވަގުތު މީހުން އެއްކުރުން ރަނގަޅެއް ނޫން. އަޅުގަނޑަށް ބައްތެލީގެ ފަލިޖެހިދާނެ."
އެ ދެބޭފުޅުން ބައްތެއްޔަކަށް އަރައިވަޑައިގެންފިއެވެ. އިރުމަތީފަރާތުގެ އުދަރެހުން ފަޖުރުތަރި ފާޅުވެއްޖެއެވެ. ދުނިޔެމަތީގައިހުރި އަނދިރިކަމުގެ ފަރުދާ މަޑުމަޑުން ތުނިވާން ފަށައިފިއެވެ. އެ ދެބޭފުޅުން ފަނޑު އަލީގެ ތެރޭގައި ބައެއްފަހަރުފަހަރު އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާއަށް ބައްލަވައިލައްވައިފައި އިސްދަށަށް ޖައްސަވައިލައްވައެވެ.
أحمد ވިދާޅުވިއެވެ. "ކަލާ ވަރަށް ވަރުބަލިފުޅު ވެވަޑައިގެންފިތޯ؟"
"ނޫން." އަންހެންބޭފުޅާ ޖަވާބު ދެއްވިއެވެ.
"ކަލާގެ ނަންފުޅަކީ طـاهـــرة ތޯ؟"
"އާދެ!" طـاهـــرة ޖަވާބު ދެއްވިއެވެ.
އިރުކޮޅެއްވަންދެން ދެބޭފުޅުން ހަނުހިމޭނުން ތިއްބެވިއެވެ. طـاهـــرة ކުއްލިޔަކަށް ވިދާޅުވިއެވެ. "ބަގީޗާގެ ފާރުގެ ބިއްދޮށުގައި ކަލާގެ އިންތިޒާރުގައި ހުރިއިރު އަޅުގަނޑުގެ ހިތުގައި ވަރަށްބޮޑު ހިތާމައެއް އޮތް. އަޅުގަނޑުގެ ހިތަށްއެރި ދުޝްމިނުންގެ އަދަދު ވަރަށް ގިނައޭ. އަޅުގަނޑަށް ދެން ކަލާ ނުފެނުމަކީވެސް އެކަށީގެންވާ ކަމެކޭ. އަޅުގަނޑަށް ކަލާގެ ނަންފުޅު އަހައިލެވުނު ނަމައޭ. ދެން އަޅުގަނޑުގެ ހިތަށްއެރި. މާތް اللّـه ގެ އިރާދަފުޅާއެކު ކޮންމެވެސް ދުވަހަކުން އަންދަލުސު މި މުސީބާތުން ސަލާމަތްވާނެއޭ. ޠުލައިޠުލާގެ މުސްލިމުން ކޮންމެ އަހަރަކުވެސް އެބައިމީހުންގެ ޤައުމުގެ ޝަހީދުންގެ މަތީން ހަނދާންކުރާ ދުވަހެއް ގެންނާނެއޭ. އެދުވަހަކުން އަޅުގަނޑު ބުނާނަމޭ އަޅުގަނޑުމެންގެ ޤައުމުގެ މުޙުސިނުންގެ ތެރޭގައި އަޅުގަނޑު ފިޔަވައި އެހެންމީހަކަށް ނޭނގޭ އެއްބޭފުޅަކުވެސް ވެޔޭ. އެކަމަކު އޭނާގެ ނަންފުޅެއް އަޅުގަނޑަކަށްވެސް ނޭނގެއޭ."
أحمد ވިދާޅުވިއެވެ. "އަޅުގަނޑުގެ ނަމަކީ "أحمد".
ބައްތެލި އައްސޭރިއަށް ލަފައިފިއެވެ. طـاهـــرة އާއި أحمد އާ ދެބޭފުޅުން ފަތިސްނަމާދު ކުރައްވައިގެން ކޯރުގެ އައްސޭރި އޮތްގޮތަށް މައްޗަށް ހިންގަވާން ފައްޓަވައިފިއެވެ. طـاهـــرة އޭނާގެ ބޭބޭފުޅާއި ބޮޑުބޭބޭފުޅު ދަންޖެއްސި ހާދިސާގެ ވާހަކައާއި ބައްޕާފުޅު ހައްޔަރުކުރިގޮތުގެ ވާހަކަ أحمد އަށް ވިދާޅުވެދެއްވަނީއެވެ. أحمد ވެސް އޭނާގެ ޙަޔާތްޕުޅުގެ ވާހަކަ طـاهـــرة އަށް ވިދާޅުވެދެއްވަނީއެވެ. ދެބޭފުޅުންނަށްވެސް އިޙުސާސުވެ ވަޑައިގަންނަވަމުންދިޔައީ ދެބޭފުޅުންގެވެސް މަންޒިލަކީ އެއް މަންޒިލެއްކަމެވެ. އެތައް އަހަރަކުއްސުރެ ދެބޭފުޅުންވެސް ދަތުރުކުރައްވަމުން ވަޑައިގަންނަވަނީ އެއްމަންޒިލަކާ ދިމާޔަށްކަމެވެ.
طـاهـــرة ވިދާޅުވިއެވެ. "އަޅުގަނޑަކީ މީގެކުރީން ވަރަށް ބިރުގަންނަ މީހެއް. އެކަމަކު މިހާރު އަޅުގަނޑު އެކަކު ދެކެވެސް ބިރެއް ނުގަނޭ."
أحمد ވިދާޅުވިއެވެ. "އިންސާނާއަށް ތިމާގެ ޖައުހަރު ރަނގަޅަށް އަންދާޒާ ކުރެވެނީ ހާދިސާތަކުގެ މައިދާނަށް ނުކުތުމުން. މިހައިތަނަށް އަޅުގަނޑުވެސް ހީކޮށްގެން ހުންނަނީ އަޅުގަނޑަށްވެސް ރަނގަޅު ސިފައިންގެ މީހަކަށް ނުވެވޭނެކަމަށް. އެކަމަކު މިހާރު އަޅުގަނޑުގެ ހިތަށްއަރަނީ ޤުދުރަތުން އަޅުގަނޑު އުފައްދަވައިފައިވަނީވެސް އަލިފާނާއި ލެޔާ ކުޅޭންކަމަށް."
ބަގީޗާއަށް ވެދެވަޑައިގެންނެވުމާއެކު ހަތިޔާރުއެޅި ބަޔަކު އެ ދެބޭފުޅުން ވަށައިލައިފިއެވެ. ޒުވާނަކު ކުރިޔަށްޖެހިލައިފައި ސުވާލުކުރިއެވެ. "ތިޔައީ ކޮންބައެއްތަ؟ ކޮންތަނަކަށްތަ ތިޔަދަނީ؟ ޖަވާބު ދިނުމުގެ ކުރީން ހަތިޔާރުތައް އުކައިލާ!"
طـاهـــرة ޖަވާބު ދެއްވިއެވެ. "އަހަރެމެން އައީ އައު އަވަށުން. އަހަރެމެން عبـدالـواحــد ގެ އަރިހަށް ގެންދޭ! އޭނާ އަހަރެން ދެނެވަޑައިގަންނަވާނެ."
"ކަލާގެ ނަންފުޅަކީ؟"
طـاهـــرة ހަމަޖެހިވަޑައިގެން ހުންނަވައި ޖަވާބު ދެއްވިއެވެ. "އަހަންނަކީ يونس ގެ ކޮއްކޮ.
أبــو يـعـقــوب ގެ ދަރިފުޅު."
ކުއްލިޔަކަށް އެންމެންގެ ނަޒަރު طـاهـــرة އާ ދިމާޔަށް ހުއްޓިއްޖެއެވެ. އޭނާ ދަގަނޑުތާކިހާކޮޅުގެ ނިޤާބު ނިތްކުރިފުޅުގެ ތިރިޔާ ހަމަޔަށް ތިރިކޮށްލެއްވިއެވެ.
ޒުވާނާ ޖަވާބު ދިނެވެ. "އުޚުތާ! މަޢާފުކުރައްވާތި. އެކަމަކު ކަލާ މިތަނަށް ވަޑައިގެންނެވީ ކިހިނަކުންތޯ؟ މިއީ ކާކުތޯ؟"
طـاهـــرة ވިދާޅުވިއެވެ. "ކަލާ ވަގުތު ނަންގަވައިލެއްވުމުގެ ބަދަލުގައި އަޅުގަނޑުމެން عبـدالـواحــد ގެ އަރިހަށް ގެންދެވުން ރަނގަޅެއް ނުވާނެތޯ؟ ޠުލައިޠުލާގެ ޙާލަތު ލާޒިމުކުރަނީ ވަރަށް އަވަސް ފިޔަވަޅެއް އަޅަން."
ޒުވާނާ ބުންޏެވެ. "އަޅުގަޑާއެކު ހިންގަވާ!"
* * * * * * * * * * *
އިރުކޮޅެއްގެފަހުން އެބޭފުޅުން ތިއްބެވީ ބަގީޗާއެއްގެ ބޯގަސްތަކެއްގެ މެދުގައިހުރި ކިއްލާއެއްކަހަލަ ގެއެއްގެ ގޯތިތެރޭގައެވެ. ބަގީޗާގެ އެކިދިމަދިމާއިން ފަންސާހަކަށް މީހުން ނުކުމެގެންއައިސް އެބޭފުޅުން ވަށައިލައިފިއެވެ. އެބޭފުޅުން ވަޑައިގެންނެވި ޚަބަރު ލިބިވަޑައިގެންނެވުމާއެކު عبـدالـواحــد ކޮޓަރިޔެއްގެ ތެރެއިން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. "ކޮބައިތޯ شيـخ أبــو يـعـقــوب ގެ ދަރިކަނބަލުން؟"
طـاهـــرة ކުރިޔަށް ޖެހިވަޑައިގެން ދަގަނޑު ތާކިހާކޮޅުގެ ނިޤާބު ކުޑަކޮށް މައްޗަށް ޖައްސަވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު."
عبـدالـواحــد ވިދާޅުވިއެވެ. "يونس ގެ ކޮއްކޯފުޅު ތިޔަ ހެދުންކޮޅުގައި ހުންނަވަނިކޮށް ފެނުނުކަމުގައިވިޔަސް އަޅުގަނޑު އަޖައިބުވާކަށެއް ނުޖެހޭ. އެކަމަކު ކަލާ މިތަނަށް ވަޑައިގެންނެވުން ރަނގަޅެއްނޫން..... މުހިންމު ކަމެއް އޮތިއްޔާ على ނުވަތަ ކޮންމެވެސް އަވަށްޓެރިޔަކު ފޮނުއްވިނަމަ ރަނގަޅުވީސް."
طـاهـــرة ވިދާޅުވިއެވެ. "على ޝަހީދުވެއްޖެ."
عبـدالـواحــد އިތުރަށް ކުރެއްވި ސުވާލުތަކުގެ ޖަވާބު ދެއްވަމުން طـاهـــرة އެބޭފުޅުންގެ ވާހަކަފުޅު ކުރުގޮތަކަށް ވިދާޅުވެދެއްވިއެވެ. އެބޭފުޅުން ވަޑައިގެންނެވި މަގުމަތީން ނަޞާރާ ސިފައިންނާ ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި ވާހަކަ ވިދާޅުވުމުން މިނިވަން ޙަރަކާތުގެ މުސްކުޅިފުޅު ޤާއިދު عبـدالـواحــد ވަރަށް ފިކުރުފުޅު ބޮޑުވިއެވެ. އޭނާ ކަންބޮޑުވެވަޑައިގެން ވިދާޅުވިއެވެ. "ވަރަށް ގޯސްވެއްޖެ. ޤަޞްޠިލާގެ ސިފައިންގެ މަދުބައެއްގެ ބަދަލުގައި އެމީހުން އަވަށުގެ މުސްލިމުންގެ އެތައްބަޔަކު ދަންޖައްސާނެ. މިހާރު އޮންނާނީ މުސްލިމުންގެ ޤަތުލު އާއްމެއް ފެށިފައި."
أحمد އެހައިތަނަށް ހުންނެވީ އެއްޗެކޭ ވިދާޅުނުވެ މަޑުމަޑުންނެވެ. އޭނާ ކުރިޔަށް ޖެހިވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑުމެން އަވަށުން ބޭރަށް ނުކުތްއިރު އަވަށުގެ މުސްލިމުން މައިދާނަށް ނުކުމެއްޖެ. އަޅުގަނޑަށް ޔަގީން މިހާރު އެމީހުން ޤަޞްޠިލާގެ އެތައްބަޔަކު ޤަތުލުކޮށްފާނެ. މިހާރު އެއަވަށުގައިހުރި ޤަޞްޠިލާ ސިފައިންގެ މަރުކަޒުވެސް ހަލާކުކޮށްފާނެ. ކޮންމެގޮތެއްގައިވެސް ދެން ޖެހޭނީ މިފެށުނު ފެށުމުން އެދެވޭ ނަތީޖާއެއް ނެރެވޭތޯ މަސައްކަތްކުރާން."
عبـدالـواحــد އޭނާގެ އެކުވެރީންނާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "އަވަހަށް ޙަރަކާތަށް ފެށުމުގެ ބެރުޖަހާ! އެންމެން އަވަހަށް ތައްޔާރުވޭ!"
ކޮންމެވެސް މީހެއް ބެރެއް ޖަހައިފިއެވެ. އެއާއެކު އެކިދިމަދިމާއިން އެތައް ބެރުތަކެއްގެ އަޑު އިވޭންފަށައިފިއެވެ.
عبـدالـواحــد، أحمد އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ޒުވާނާ! ޤަޞްޠިލާގެ ސިފައިންގެ އެތައްބަޔަކު ޤަތުލު ކުރެއްވުމަށްފަހު ކަލާއަކީ މިހާރު އަޅުގަނޑުމެންނަކަށް ހިލޭމީހެއް ނޫން. އެކަމަކު ކަލާ ތިޔަ ފެއްޓެވީ އަޅުގަނޑުމެން އުންމީދުކޮށްގެން ތިބިވަރަށްވުރެ މާއަވަހަށް. ޤުދުރަތުން ކަލާ ފޮނުއްވީ އަޅުގަނޑުމެންނަށް މަގުދައްކަވާން ކަމުގައިވާނަމަ އެއީ އަޅުގަނޑުމެންގެ ހެޔޮނަސީބު. ވަށައިގެން މިހިރަ އަވަށްއަވަށަށް ޖަމާވެފައިތިބި މީހުން ވަރަށް އަވަހަށް މިތަނަށް އަތުވެދާނެ. އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ޢަސްކަރީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ގިނަބޭފުޅުން ތިއްބެވީ ޖަލުގައި. އަޅުގަނޑު ކިޔަވައިދިނުން ހުއްޓައިލައިފައި މަދަރުސާއިން ނުކުމެގެން މިއައީ އިހަކަށްދުވަހު. މިހާރު ކަލާގެ މަޝްވަރާއަކީ ކޮބައިތޯ؟"
أحمد ވިދާޅުވިއެވެ. "އަޅުގަނޑަކަށް ޠުލައިޠުލާގެ މަސްރަޙު ރަނގަޅަކަށް އޮޅުމެއްނުފިލާ. އަޅުގަނޑަށް ފެނިފައިވަނީ މިރަށުގެ ދެތިން މަގެއް. އެވެސް މިރޭގެ ރޭގަނޑު. އެހެންކަމުން އަވަސް ޙަރަކާތަކާމެދު އަޅުގަނޑަށް މާއެދެވޭ މަޝްވަރާއެއް އަރުވަން ނޭނގުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އަޅުގަނޑު ދަންނަވާނަން. އަޅުގަނޑުމެން އެންމެ ހިނދުކޮޅެއްވެސް ނަގައިލައިގެންނުވާނެ. އަޅުގަނޑު އޮޅުންފިލުވައިލާން ބޭނުން. ޠުލައިޠުލާގައި ތިބި ޤަޞްޠިލާގެ ސިފައިންގެ އަދަދަކީ ކޮބައިތޯ؟"
"އަށެއްކަ ސަތޭކަ މީހުން. يحـيى ގެ ސިފައިންނާއި ފުލުހުންނާމެދަކު އަޅުގަނޑު މާބޮޑަކަށް ފިކުރެއް ނުކުރަން. ވަގުތު ޖެހުމުން އޭގެތެރެއިން އެއްބަޔަކު އަޅުގަނޑުމެންނާ ބައިވެރިވާނެ. އެއްބަޔަކު ވަކިފަރާތަކަށް ނުޖެހި ތިބުމަކީވެސް އެކަށީގެންވާ ކަމެއް. ކޮންމެ ގޮތެއްގައިވެސް ޤަޞްޠިލާގެ ސިފައިންނާ ބައިވެރިވާ މީހުން ގިނައެއް ނުވާނެ."
"މިތާނގައި ކަލޭގެފާނުގެ އަރިހުގައި ކިތަކަށް މީހުން އެބަތިބިތޯ؟"
"މިތާނގައި މިވަގުތު ތިބި ސަތޭކަ ފަންސާހެއްހައި މީހުން. ވަށައިގެން މިހިރަ އަވަށްތަކަށް ޖަމާވެފައިވާ މީހުންގެ އަދަދު ތިންސަތޭކަވަރުވާނެ. އެކަމަކު އެމީހުން އެއްކުރާން ވަގުތު ބޭނުންވާނެ."
أحمد ވިދާޅުވިއެވެ. "ޠުލައިޠުލާއިން އައިސްތިބި މުޖާހިދުން ހަމަ މިހާރު ރަށަށް ފޮނުއްވައިލައްވާ. ރަށުގެ އާއްމު މުސްލިމުން އަވަހަށް ތައްޔާރުކުރުވަން އެމީހުންނަށް އަންގަވާ. އެމީހުން އެންމެފުރަތަމަ ޙަމަލަދޭންވާނީ ޖަލަށް. ބާކީތިބި ބަޔަކު ގޮވައިގެން އަޅުގަނޑު އަވަށުތެރޭގައި ތިބި ނަޞާރާއިންނާ ޙަމަލަދޭނަން."
عبـدالـواحــد އާއި މުޖާހިދުންގެ އިސްބައެއް ބޭފުޅުން أحمد އާއެކު ޙަމަލައިގެ ތަފްސީލާމެދު ވާހަކަ ދައްކަވާން ފައްޓަވައިފިއެވެ. طـاهـــرة ގެ އަވަށުގެ ބައެއް މީހުން އޭނާގެ އަރިހުން އެމީހުންގެ ގޭގެ ހާލުއަހުވާލު އޮޅުންފިލުވަނީއެވެ. ވަރަށް ބާރަށް އަސްދުއްވައިފައި އައި އަސްވާރެއް ބަގީޗާގެ ތެރެޔަށް ވަދެއްޖެއެވެ. އޭނާ މަޢުލޫމާތު ދިނެވެ. އިރުއެރުމުގެކުރީން އަވަށުގެ މީހުންވަނީ ޤަޞްޠިލާގެ ސިފައިން މަރައި ހުސްކޮށްފައި. އެކަމަކު މިހާރު ޤަޞްޠިލާގެ ސިފައިންގެ އިތުރު ގެމަތަކެއް އަތުވެއްޖެ. އަވަށުމީހުންނަށް މާގިނައިރެއްވަންދެން އެސިފައިން ހުއްޓުވޭނެކަމެއް ނޭނގެ."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު