އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާ (އައިޔޫސީއެން)ގެ މެންބަރަކަށް ރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އައިޔޫސީއެންގެ މެންބަރަކަށް ރާއްޖެ ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ ލަފަޔަކަށް ހުށަހެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ. ރައީސް މިގޮތަށް ނިންމަވާފައި ވަނީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އައިޔޫސީއެންގެ އިސްނެގުމުގެ މަތީން ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމުގައި މިހާތަނަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެހެންކަމުން ރާއްޖެއިން އައިޔޫސީއެންގައި ބައިވެރިވުމުގެ ސަބަބުން ދުނިޔޭގައި ދިރޭތަކެއްޗާއި މާހައުލުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް ޕާޓްނާޝިޕްތައް ގާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން އެކިއެކި ނެޓްވޯކްތަކަށް ތައާރަފުވެވި އޭގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން ފަންނީ މައުލޫމާތު ހިއްސާކުރުމާއި ތަޖުރިބާ ހިއްސާކުރުމަކީ ރާއްޖެއަށް އޭގެ ސަބަބުން މަންފާ ލިބިގެންދާނެ ކަންކަން ކަމަށާއި މިއީ ދިރޭތަކެއްޗާއި އެތަކެތީގެ މާހައުލު ހިމާޔަތްކޮށް ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ވެސް ލިބިގެންދާނެ ފުރުސަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އައިޔޫސީއެންއަކީ މެމްބާޝިޕް އުސޫލުން ގައުމުތަކުގެ ސަރުކާރާއި މަދަނީ ޖަމިއްޔާތައް ހިނެމެނޭގޮތަށް އުފައްދާފައިވާ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. އައިޔޫސީއެންގައި ދުނިޔޭގެ 91 ގައުމުން ދައުލަތެއްގެ ހައިސިއްޔަތުން ބައިވެރިވެފައިވާއިރު 170 ގައުމުން 1400 އަށްވުރެ ގިނަ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރިވެފައެވެ.
ދުނިޔޭގެ ގުދުރަތީ މާހައުލާއި އެ މާހައުލުގައިވާ ދިރުންތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އަދި މިހާރުވެސް ކުރަމުން އަންނަ އައިޔޫސީއެން އަކީ ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ ގިނަ ގައުމުތަކުން ބަލައިގަންނަ މަޝްހޫރު ތަޖުރިބާކާރު ޖަމިއްޔާއެކެވެ.