ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ގައުމީ ފެންވަރުގެ އިނާމެއް ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް "ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު" ގެ ނަމުގައި ގައުމީ ފެންވަރުގެ އިނާމެއް މިއަހަރުގެ ޖުމްހޫރީ ދުވަހުން ފެށިގެން ދެއްވާ ގޮތަށް ރައީސް ސޯލިހު ނިންމަވައި، އެކަމުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާ މިއަދު ހިއްސާ ކުރައްވާފައިވާ ކަމަށެވެ.
މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ވިދާޅުވީ ދައުލަތަށް ވަރަށް ދިގު މުއްދަތެއްގައި އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވުމާއެކު، އެބޭފުޅުންގެ ހިދުމަތްތަކަކީވެސް ގައުމީ ފެންވަރެއްގައި ބަލައިގަނެ، ފާހަގަކުރަންޖެހޭނެ ހިދުމަތްތަކެއް ކަމަށެވެ.
އެހެންކަމުން ދައުލަތަށް 35 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ހިދުމަތް، ކަނޑައެޅޭ މިންގަނޑުތަކެއްގެ މަތިން ބަލައި، އެ މިންގަނޑުތަކުގެ މައްޗަށް ރިއާޔަތް ކުރުމަށްފަހު، އެފަދަ ބޭފުޅުންނަށް މި އަހަރުން ފެށިގެން ޝަރަފުވެރިކަމުގެ ގައުމީ އިނާމެކޭ އެއްފެންވަރެއްގައި އިނާމެއް އެރުވުމަށް ނިންމެވީ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެކަމާބެހޭ މަސައްކަތް ގައުމީ އިނާމާބެހޭ ކޮމިޓީއާ މިހާރު ހަވާލުކުރައްވާފައިވާ ކަމަށާއި އިނާމު ދެއްވުމުގެ އުސޫލު އެ ކޮމިޓީން ކަނޑައެޅުމުން، އެ އުސޫލަށް މިނިސްޓްރީތަކާއި އެހެން މުއައްސަސާތަކުގެ ހިޔާލު ހޯދާނެ ކަމަށެވެ.
ސަރުކާރުން އަންނަނީ ގައުމީ ފެންވަރުގައި ހިދުމަތްކުރާ ފަރާތްތަކަށާއި ގައުމަށް ރީތި ނަން ހޯދައިދީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ގައުމީ އިނާމާއި ޝަރަފުވެރިކަމުގެ އިނާމާއި ހާއްސަ އިނާމު ދެމުންނެވެ.