ކޮވިޑް ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން މާލޭގެ ބައެއް ރެސްޓޯރެންޓުތަކުން ވެކްސިން ކާޑަށް ޑިސްކައުންޓް ދޭ ގޮތަށް ހަމަޖައްސައިފިއެވެ.
ވެކްސިން ކާޑަށް ޑިސްކައުންޓް ދޭން ނިންމާފައިވާ ރެސްޓޯރެންޓުތަކުގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ތަންތަންވެސް ހިމެނެއެވެ. ވެކްސިން ޖެހުމަށް ހިތްވަރުދިނުމުގެ ގޮތުން ސީ ހައުސް މޯލްޑިވްސްއިން ކުރި ޓުވީޓެއްގައި ބުނީ، ވެކްސިން ކާޑު ހިފައިގެން އައުމުން ބުރާސްފަތި ނޫން އެހެން ހުރިހާ ދުވަހެއްގައި 15 އިންސައްތަ ޑިސްކައުންޓު ލިބިގެންދާނެ ކަމަށެވެ.
ޕިއްޒާ ހެދުމުގައި މަޝްހޫރު އެއް ތަން ކަމަށްވާ ޕިއްޒާ ބޯނާއިން ބުނީ ވެކްސިން ކާޑު ހިފައިގެން ދިއުމުން ޓޭކްއަވޭ ޕިއްޒާއިން ދިހަ އިންސައްތަ ޑިސްކައުންޓު ލިބޭނެ ކަމަށެވެ. ވެކްސިން ކާޑަށް ޕިއްޒާ ބޭއިން ވަނީ އެތަނަށް ކުރާ ކޮންމެ އޯޑަރަކަށް ހިލޭ ޕިއްޒާއެއް ދޭން ނިންމައިފައެވެ.
ކައިވެނި ހަފްލާތަކާއި އެނޫންވެސް ހަފްލާތައް ބޭއްވުމުގައި ގިނަ ބައެއްގެ މެދުގައި މަގުބޫލު ސޯލްޓް ކެފޭ އެންޑް ރެސްޓޯރެންޓުންވެސް ވަނީ ވެކްސިން ކާޑަށް ޑިސްކައުންޓް ދޭން ނިންމައިފައެވެ. އެގޮތުން ވެކްސިން ކާޑު ދެއްކުމުން ޓޭކްއަވޭ އާއި ޑެލިވަރީގެ އޯޑަރުތަކުން ދިހަ އިންސައްތައާ ހަމައަށް ޑިސްކައުންޓު ދޭނެ ކަމަށް އެ ރެސްޓޯރެންޓުން ބުންޏެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް 80،000 އަށްވުރެ ގިނަ މީހުން ވަނީ ވެކްސިން ޖަހައިފައެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އިންޑިއާ އިން ވަނީ އިތުރު 100،000 ޑޯޒްގެ ކޮވިޝީލްޑް ވެކްސިން ވެސް ހަދިޔާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު