އެމްއެންޑީއެފް މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ގާބިލުކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވައި، އެމްއެންޑީއެފް ކޯސްޓްގާޑު ފްލީޓަށް އިތުރު އުޅަނދެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ޗީފް އޮފް ސްޓާފް އޮން ދަ ޔޫއޭއީ އާމްޑް ފޯސަސް ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީ ދެއްވައިފި އެވެ.
ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީ މިކަމުގެ ޔަގީންކަން ދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު، ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ޖެނެރަލް ހަމްދުއާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި، ދިވެހި ސިފައިންގެ އިންސާނީ ވަސީލަތް ތަރައްގީކޮށް އެމްއެންޑީއެފް މެރިންކޯ އަދި ސްޕެޝަލް ފޯސަސްގެ ތަމްރީނާއި، އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ޔޫއޭއީން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވައިފައެވެ.
ޑިފެންސް މިނިސްޓްރީން ބުނީ މި މަޝްވަރާތަކުގައި، އެމްއެންޑީއެފް މެރިންކޯއާއި ސްޕެޝަލް ފޯސަސްގެ ގާބިލުކަން އިތުރުކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑު ފްލީޓަށް އުޅަނދެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ޖެނެރަލް ހަމްދު އެމް. ޘާނީ އައް ރުމައިތީ ދެއްވާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ، ޔޫއޭއީގައި ކުރިއަށްދާ "އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން (އައިޑެކްސް)" އާއި "ނޭވަލް ޑިފެންސް އެގްޒިބިޝަން (ނޭވްޑެކްސް)" ގައި ބައިވެރިވެވަޑައިގެންނެވުމަށް މިމަހުގެ 20 ވަނަ ދުވަހުން 25 ވަނަ ދުވަހަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅެކެވެ.