ޚަބަރު

އީސީން ކެނޑިޑެންސީ ބާތިލްކުރި ހަސަން މޫސާއަށް އިންތިހާބުގައި ވާދަކުރެވޭނެ: ސުޕްރީމް ކޯޓު

ތ. ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރާ އެ ރަށު އުސްގެ/ ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލްކޮށް، އިލެކްޝަން ކޮމިޝަން (އީސީ) އިން އޭނާއަށް އެންގި އެންގުން ބާތިލު ކަމަށް ކަނޑައަޅައި، އޭނާއަށް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

ހަސަން މޫސާގެ ކެނޑިޑެންސީ، އީސީ ބާތިލުކޮށް ދެން އެ މަގާމަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން (ތ.ކަނޑޫދޫ/ ރީހުއްސަބާ) އިންތިހާބު ވެފައިވާކަން އިއުލާން ކޮށްފައިވަނީ އޭނާގެ ސާބިތު ދަރަންޏެއް އޮވެގެންނެވެ. ނަމަވެސް ހަސަން މޫސާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

އެ މައްސަލައިގައި މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކެނޑިޑެންސީއާ ގުޅޭ ގޮތުން 48 ގަޑިއިރު ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނެފައިވާއިރު، އެގޮތުގެ މަތިން ހަސަން މޫސާގެ ކެނޑިޑެންސީ ބަލައިގަތްކަން އީސީން އޭނާއަށް އަންގާފައިވާ ކަމަށެވެ. އަދި ފަހުން އޭނާގެ ކެނޑިޑެންސީ ބާތިލު ކުރި ކަމަށް އީސީން އެންގި ނަމަވެސް އެ އިހްތިޔާރު އީސީއަށް ނެތް ކަމަށް މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް މިއަދު ކުރި ހުކުމުގައި ބުނެފައިވެ އެވެ.

އެހެންކަމުން އީސީގެ ނިންމުން ބާތިލުކޮށް ހަސަން މޫސާ އަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު، އެ އިންތިހާބުގައި ވާދަކުރާ ބައެއް ފަރާތްތަކުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން އިންތިހާބާ ނުލައި ގިނަ ބަޔަކަށް މިހާރު ވަނީ ގޮނޑި ކަށަވަރުވެފައެވެ.