ޚަބަރު

އަމާންވެށީގައި ތިބޭ ކުދިންނާ ގުޅޭ ގޮތުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތައް: ޖެންޑާ މިނިސްޓްރީ

ރިފާ ހަލީލު

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކުދިންތަކުގެ ތެރެއިން އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އެފަދަ ކުދިން ބަލާ މަރުކަޒުތަކަށް ބަދަލުކުރި ކުދިންނާ ގުޅޭ ގޮތުން ދައްކަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން މިހެން ބުނެފައިވަނީ، ދާދިފަހުން ބ. އޭދަފުށީގައި ހުންނަ އަމާންވެއްޓަށް ބަދަލުކުރި ކުދިންތަކެއްގެ ސަބަބުން އެރަށު ސްކޫލު ދަރިވަރުންތަކަށް އެކިކަހަލަ ނޭދެވޭ އަސަރު ކުރަމުންދާ ކަމަށް ބުނެ، އެދިން ރަށުން ބޭރުކުރުމަށް މުޒާހަރާ ކުރުމާ ގުޅިގެންނެވެ.

އޭދަފުށީގައި މުޒާހަރާ ކުރި މީހުން ބުނި ގޮތުގައި، އަމާންވެށީގައި ތިބޭ ބައެއް ކުދިން ސްކޫލަށް ގޮސް އެހެން ދަރިވަރުންނަށް ޖެއްސުންކޮށް ޓިޗަރުންނަށާއި ދަރިވަރުންނަށް ބިރު ދައްކައި ހަޑި ހުތުރު ބަހުން ވާހަކަދައްކަ އެވެ. އަދި މީގެ ތެރެއިން އެއް ކުއްޖަކު ސްކޫލަށް ވަޅިއެއް ހިފައިގެން ގޮސް ދަރިވަރަކު ކަރުގައި ޖައްސާ ބިރުދައްކާފައިވާ ކަމަށާއި އެކުއްޖާ ސަލާމަތްވާން އުޅުމުގެ ތެރޭގައި އަތް ކަފައިގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.

މުޒާހަރާގެ ބައިވެރިން ބުނީ އެކަމުގެ ޒިންމާ ކަމާބެހޭ މުވައްސަސާތަކުން ނަގަން ޖެހޭނެ ކަމަށާއި އެ ކުދިން ސްކޫލަށްދާއިރު ދަބަހަށް ވަޅިފަދަ ތަކެތި ލެވިގެން ނުވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އާއިލީ ވެއްޓެއްގައި ކުޑަކުދިންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހާލަތްތަކުގައި އެ ކުދިންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމުވާ ކަމަށެވެ.

އެގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ އެފަދަ ކުދިން މި ފާއިތުވެދިޔަ މުއްދަތުތަކުގައި ދިރިއުޅެމުން ދިޔައީ މާލޭ ސަރަހައްދުގައި ގާއިމުކޮށްފައިވާ ދެ މަރުކަޒެއްގައި ކަމަށާއި ނަމަވެސް، ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ވެސް ބާކީވުމުގެ އިހުސާސްވިޔަ ނުދީ، އެހެން ކުދިންނެކޭ އެއްފަދައިން މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި އެކަމަށް ހާއްސަކުރެވިގެން ގާއިމުކުރެވޭ "އަމާންވެށި"ތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިފަދަ މަސައްކަތެއް ފުޅާ ދާއިރާއެއްގައި ކުރެވެމުންދާއިރު، އެ މަސައްކަތުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެ ކަންކަން ހައްލުކުރުމުގައި ގުޅުން ހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެފަދަ ގޮންޖެހުންތަކަށް ރިއާޔަތް ކުރުމެއް ނެތި ބައެއް ފަރާތްތަކުން ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކުގެ ނޭދެވޭ އަސަރު، އެކުދިންނަށް ފޯރާ ހާލަތުތައް އަންނަ ކަމަށް ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން މި ކުދިންތައް އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެށިތަކަށް ބަދަލުކޮށްފައިވަނީ އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ކަމަށާއި އެ ކުދިންނާ ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން ކަންބޮޑުވާ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާ ހިލާފަށް، ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރާކަމީ އެ މިނިސްޓްރީން ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން، އެ ކުދިންނާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ މުޖުތަމައުގެ ތެރޭގައި ފެތުރުމާއި އެ ކުދިންނާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ފަދަ ޝުއޫރު ފާޅުކުރެވިގެންދާ ހާލަތުތައް އަންނަ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އަދި އެފަދަ ބައެއް ހާދިސާތައް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވެސް ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، ހަޔާތުގައި ކުރިމަތިވެފައިވާ ބައެއް ހާދިސާތަކާއި ހާލަތްތަކުގެ ސަބަބުން އެފަދަ ކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ހާއްސަ ސަމާލު ކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެ ކުދިން މުޖުތަމައުއަށް ރުޖޫއަކުރުމުގައި ގޮންޖެހުންތަކެއް ހުންނާނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ގޮންޖެހުތައް ހައްލުކުރުމުގައި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކުގެ ދައުރުގެ އިތުރުން މުޅި މުޖުތަމައުގެ ޒިންމާތަކެއްވާނެ ކަމަށް ވެސް ބުންޏެވެ.