އެކި ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުން ބޮޑުވެފައިވާ އިރުމައްޗާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ބާރުވެރިކަން ދައްކަން އުޅޭތީ ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑެ ސުގާ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ސުގާ އެ ކަންބޮޑުވުން ފާޅުކުރެއްވީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީއާއެކު މިދިޔަ ހޮނިހިރު ދުވަހު ޓެލެކޮންފަރެންސް މެދުވެރިކޮށް ބޭއްވި ޖީ7ގެ ފުރަތަމަ ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި ސުގާ ވަނީ ޖަޕާނުން ބުނަންޖެހޭ އެއްޗެއް ބުނާނެ ކަމަށާއި އަދި ކަނޑުތަކުގެ މައްސަލައިގައި ޗައިނާއިން ފިޔަވަޅެއް އަޅަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ޗައިނާގެ ބަނޑުދަށުގައި އޮންނަ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަކީ ބައިނަލްއަގުވާމީ ސަރަހައްދެއް ނަމަވެސް, އެ ސަރަހައްދަކީ ޗައިނާގެ މުހިންމު ޖިޔޮސްޓްރެޓީޖިކް ސަރަހައްދަކަށްވާތީ އެ ސަރަހައްދުގައިވާ ބައެއް ޖަރީޒާތަކާއި ފަޅުތަކުގެ މިލްކުވެރިކަމަށް ޗައިނާ ދައުވާކުރެއެވެ.
އެގޮތުން އެ ސަރަހައްދުގައި ހިމެނޭ ރަށްތަކާއި ސަރަހައްދުތަކަކީ އެއްވެސް ޝައްކެތް ނެތް މިންވަރަށް ޗައިނާގެ އިސްތިގުލާލުގެ ތެރޭގައި ހިމެނޭ ތަންތަން ކަމަށާއި އެހެންކަމުން އެ ސަރަހައްދު ދޫކޮށް ނުލާނެ ކަމަށް ބުނެ, ޗައިނާ ކަނޑުގައި ޗައިނާގެ ސަރަހައްދީ ރޮނގު އެގައުމުން އަމިއްލައަށް ވަނީ ކަނޑައަޅައިފަ އެވެ.
އެ މައްސަލައިގައި ފިލިޕީންސް, ވިއެޓްނާމް އަދި މެލޭޝިއާ އިން ވަނީ ޗައިނާއާ ދެބަސްވެފައެވެ. ނަމަވެސް, ޗައިނާއިން ވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި މާސިންގާ ބޮޑެތި ފަރުތަކެއް ހިއްކައިގެން ރަށްތަކެއް ވެސް ހަދައިފަ އެވެ.
އެ ސަރަހައްދަށް ގައުމުތަކުން ލޯއަޅަނީ އެ ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގައި މުހިއްމު ސަރަހައްދަކަށްވާތީ އެވެ. އެގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 30 ޓްރިލިޔަން ޑޮލަރުގެ މުދާ އިންޕޯޓްކޮށް އެކްސްޕޯޓް ކުރަނީ މިސަރަހައްދު ހުރަސްކޮށެވެ.