ގެއްލިގެން، ވަގަށް ނެގުމުން ނުވަތަ އެހެނިހެން ސަބަބުތަކާ ގުޅިގެން ކެންސަލް ކުރާ ޕާސްޕޯޓުގެ މައުލޫމާތު އިންޓަޕޯލްއާ ހިއްސާކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ ގެއްލިގެން ނުވަތަ ވަގަށް ނަގައިގެން ނުވަތަ އެނޫން ވެސް ސަބަބަކާ ހުރެ ކެންސަލް ކުރެވޭ ޕާސްޕޯޓުގެ މައުލޫމާތު އިންޓަޕޯލްގައި ހިމެނުމަށް ނިންމާފައިވަނީ އެފަދަ ޕާސްޕޯޓު ބޭނުން ކޮށްގެން ކުރާ ކުށްތައް ހުއްޓުވުމަށްޓަކައި ކަމަށެވެ. އަދި އިންޓަޕޯލްގައި ހިމެނުމުން މި މައުލޫމާތު އެހެން ގައުމުތަކުގެ އިމިގްރޭޝަންގެ ސަމާލުކަމަށް ގެނެވޭނެ ކަމަށް ބުންޏެވެ.

އިންޓަޕޯލް އާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން، ދިވެހީން ދަތުރުކުރުމަށް ދޫކުރާ ޕާސްޕޯޓާއި ދަތުރުކުރުމުގެ ވަގުތީ ލިޔުން ގެއްލިގެން ނުވަތަ ވަގަން ނެގުމާއި ގުޅިގެން ރިޕޯޓުކުރުމުން އެ މައުލޫމާތު އިންޓަޕޯލްގެ "ސްޓޯލަން އެންޑް ލޮސްޓް ޓްރެވަލް ޑޮކިއުމެންޓް" (އެސްއެލްޓީޑީ) ޑާޓާބޭސްގައި މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ހިމަނަމުން ގެންދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ގެއްލިގެން ނުވަތަ ވަގަށް ނަގައިގެން ނުވަތަ އެނޫން ވެސް މައްސަލައެއްގައި ކެންސަލް ކުރުމާ ގުޅިގެން ރިޕޯޓުކުރާ ވަގުތުން ފެށިގެން ޕާސްޕޯޓަކީ ދަތުރު ކުރުމަށް ބޭނުން ކުރެވޭ ސައްހަ ލިޔެކިއުމަކަށް ނުވާތީވެ، ރިޕޯޓު ކުރާ ފަހުން ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި ވެސް ރާއްޖެ އާއި އަދި ރާއްޖެއިން ބޭރުގެ ގައުމުތަކުން އެތެރެވެ ބޭރުވުމަށް ސައްހަ ލިޔެކިޔުމެއްގެ ގޮތުގައި އެފަދަ ޕާސްޕޯޓެއް ބޭނުން ނުކުރެވޭނެ ކަމަށެވެ.

އެސްއެލްޓީޑީގައި ޕާސްޕޯޓު ގެއްލިފައިވާ ކަމަށް ނުވަތަ ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ހިމަނައިފިނަމަ، އިންޓަޕޯލުގެ މެމްބަރުންގެ ގޮތުގައިވާ 194 ގައުމަކަށް އެ މައުލޫމާތު ފެންނަން ހުންނާނެ އެވެ. އެހެންކަމުން ރިޕޯޓު ކުރާ ފަހުން ޕާސްޕޯޓު ފެނިގެން އެ ޕާސްޕޯޓު ދަތުރު ކުރުމަށް ބޭނުން ކޮށްފިނަމަ، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގައުމުތަކުގެ އިމިގްރޭޝަނުން ހުއްޓުވަމުން ދާނެ އެވެ.

އިމިގްރޭޝަނުން ބުނީ، ގެއްލިގެން ނުވަތަ ވަގަށް ނެގުމާއި ގުޅިގެން ރިޕޯޓު ކުރުމަށްފަހު ޕާސްޕޯޓު ފެނިއްޖެ ހާލަތެއްގައި ކުރިމަތިވެދާނެ އުނދަގޫ ހާލަތަކުން ރައްކާތެރިވުމަށްޓަކައި އެފަދަ ޕާސްޕޯޓު ދަތުރުފަތުރު ކުރުމަށް ބޭނުން ކުރުމުގެ ބަަދަލުގައި އިމިގްރޭޝަނަށް ރައްދު ކޮށްދިނުމަށް އަންގައިފަ އެވެ.