ހިޔާ މަޝްރޫއުގެ ދަށުން މިދިޔަ ސަރުކާރުން ހަދަން ނިންމި އެއް ކޮޓަރީގެ ފްލެޓްތަކަށް މި ސަރުކާރުން ކަންކުރި ގޮތުގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ހިޔާ މަޝްރޫއުގެ އަލަތު ކައިވެނި ކެޓަގަރީ ހިމެނޭ ގޮތަށް ތިން ކެޓަގަރީއެއް އުވާލައި ފޯމުތައް ބާތިލުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ އިޖްތިމާއީ ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހެދި އެއް ކޮޓަރީގެ ފްލެޓުތަކާމެދު މި ސަރުކާރުން ކަންކުރި ގޮތުގެ ތަފްސީލު ހާމަކުރުމަށެވެ. އެ މައްސަލަ މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާވެސް ކޮށްފައެވެ.

ތިން ކެޓަގަރީއަކުން ފްލެޓް ނުދިނުމަށް ނިންމައި ސަރުކާރުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނީ ފްލެޓް ލިސްޓުން އުވާލަން ނިންމާފައިވަނީ H11 (އަށާރަ އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް)، H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް) އަދި H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ އެއްކޮޓަރީގެ އެޕާޓްމަންޓް) ކަމަށެވެ.

އިއުލާނުގައި ބުނީ 2018 ވަނަ އަހަރު ހިޔާ މަޝްރޫއަށް އިއުލާނުކުރި އިރު، އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުގައި ކަމަށެވެ.

އެގޮތުން ހައުސިން މިނިސްޓްރީން ވަނީ ސަރުކާރުން ގަތުމަށް ލިބެން ހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް ދޭއްގައި ޓަވަރުތައް ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާއި މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެން ހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމުގައިވެސް އިއުލާނުގައިވެއެވެ.

އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެން ހުރި 36 ފްލެޓް، ހިޔާ މަޝްރޫއަށް ހުށަހަޅާފައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ އެއް ކޮޓަރި ކެޓަގަރީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް މާލޭ ރަށްވެހިންނަށް ހާއްސަ އެއް ކޮޓަރި ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ނިންމާފައި ކަމަށެވެ.

ފްލެޓުތަކުގެ މައްސަލަ އަލުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ފްލެޓު ކޮމިޓީން އެ މައްސަލަ އަލުން ބެލުމަށް ފަހު ހިޔާ މަޝްރޫއުގެ އަށް ކެޓަގަރީއަކުން ދާއިމީ ލިސްޓު މިހާރު ވަނީ އިއުލާންކޮށްފައެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ، މާލޭގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ، ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ އަދި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީގެއެވެ.