މާލެ އަތޮޅު އުތުރު ތިލަފަޅުގައި އެމްއެންޑީއެފުގެ ކޯސްޓްގާޑުގެ ބަނދަރަކާއި ސާވިސް ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވެފައިވަނީ އެތަނުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް ކަމަށް ބުނެ، އެ ކަމާބެހޭ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝިޔާމު ވިދާޅުވީ، އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ރައްޖޭގެ ސިޔާދަތާއި ގައުމީ ސަލާމަތާއި ގުޅުން ހުރި ކަމަކަށްވާއިރު އެ އެއްބަސްވުން އެކުލަވައިލީ މަޖިލީހަށް ހުށަހަޅައި ރުހުން ހޯދުމަކާ ނުލައި ކަމަށެވެ.

އެގޮތުން "މިލިޓަރީ ޕާސަނަލްގެ ބަދަލުގައި އޮފިޝަލުން، ނުވަތަ ޓެކްނީޝަނުން ފަދަ ލަފުޒުތައް ހިމަނައިގެން އެތަނުގައި ސިފައިން ގާއިމުވެ ތިބެވޭ ގޮތަށް އެއްބަސްވުން ފަރުމާ ކޮށްފައިވަނީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) ގައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެން މެނުވީ ރާއްޖޭން ބޭރުގެ ފަރާތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ދީގެން ނުވާނެ ކަމަށް ބުނެފައިވާ މައްދާއިން ރެކި ސަލާމަތްވެ އެ އެއްބަސްވުމުގެ ޝަރުތުތައް ރައްޔިތުންނަށް ސިއްރު ކުރުމަށް ކަމަށް ބެލެވޭ،" ޝިޔާމު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކި މަސައްކަތްތައް ކުރުމުގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ތިބި އިރު އެމީހުންގެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާ ކަމަށެވެ. އަދި ރައްޔިތުންގެ ޓެކްސް ފައިސާ އިން އެ މީހުންނަށް ކުރާ ހަރަދުގެ ތަފުސީލު ވެސް ހާމަކުރަން ސަރުކާރުން އިންކާރު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި ޑޮކްޔާޑެއް ގާއިމުކޮށް ތަރައްގީކުރުމަކީ ކުރީގެ ރައީސް ޔާމީންގެ ވެސް ވިސްނުންފުޅެއްކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ، އެކަމާބެހޭ ގޮތުން އިންޑިއާއެކު މަޝްވަރާ ކުރި ނަމަވެސް، އެކަމުގައި އެގައުމުން ހުށަހެޅި ޝަރުތުތަކަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ރަނގަޅު ޝަރުތުތަކެއް ކަމަށް ގަބޫލު ނުކުރެވޭތީ އެ އެއްބަސްވުން ގާއިމު ކޮށްފައިނުވާ ކަމަށެވެ. އަދި އެ ޝަރުތުތަކާ އެއް ގޮތަށް އެއްބަސްވުން އެކުލަވައިލުމަކީ ރާއްޖޭގެ ގައުމީ ސަލާމަތާ ފުށުއަރާނެ ކަމެއް ކަމަަށް މަޖިލީހުގެ ގައުމީ ސަލާމަތާގުޅޭ ކޮމިޓީން އޭރު ލަފާދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، އިގުތިސާދީ ގޮތުން ރާއްޖެ ނާޒުކު ހާލަތެއްގައި އޮއްވައި، 2020 ވަނަ އަހަރު ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން ނެގި 6.45 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން ގިނަ ލޯނުތަކަކީ އިންޑިއާ އިން ނަގާފައިވާ ލޯނުތަކެއް ކަމަށްވާއިރު، މި ނާޒުކު ދަނޑިވަޅުގައި ގައުމުގެ އިގުތިސާދު އެއް ގައުމެއްގެ މައްޗަށް އެހާ ބޮޑަށް ބަރޯސާވުމަކީ ރައްިޔތުންގެ ކަންބޮޑުވުމެއް ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރު މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގެން ސޮއިކުރެއްވި ލޯނު އެއްބަސްވުންތަކަށް އިޝާރާތް ކުރައްވައި ޝިޔާމު ވިދާޅުވީ، ޑިފެންސް މަޝްރޫތައް ހިންގުމަށް އިންޑިއާ އިން 50 މިލިއަން ޑޮލަރުގެ ލޯނު ދީފައިވާއިރު، ކުޅިވަރު ތަރައްގީކުރުމަށް އިތުރު 40 މިލިއަން ޑޮލަރުގެ ލޯނު ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން ބުނެފައިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން އެ ތަފުސީލުތައް ރައްޔިތުންނަށް ހާމަކުރަން ޝިޔާމު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.