(20 ފެބުރުއަރީގެ އަދަދާ ގުޅޭ)
އަންހެންބޭފުޅާ ވިދާޅުވިއެވެ. "ޤަތުލުވި ދެމީހުންގެ ހަށިގަނޑު އޮންނާނީ ކުތުބުޚާނާއާ ޖެހިގެންހުރި ކޮޓަރީގައި. ރަނގަޅުވާނީ ކޮންމެވެސް އެހެންތަނެއްގައި އެކަށްތައް ފޮރުވިއްޔާ!"
"ދަރިފުޅު އެކަމާ ފިކުރު ނުކުރައްވާ! އޭނާގެ އަރިހުގައި އަޅުގަނޑުމެންގެ ފަރާތުން ވިދާޅުވޭ އަޅުގަނޑުމެން މިތިބީ އޭނާގެ އަމުރުފުޅުގެ އިންތިޒާރުގައޭ. ރައްކާތެރިވެވަޑައިގަންނަވާތި! ޚުދާ ޙާފިޒު!"
ތިންބޭފުޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. އެއީ ހަނދުމަހެއްގެ ފަސްވަނަ ރެއެވެ. މިހާރު ހަނދު އޮއްސިއްޖެއެވެ. ގޯޅިތެރެ ވަރަށް އަނދިރިއެވެ. ވަރަށް ހިމޭނެވެ. އެބޭފުޅުންގެ އާރުކާޓީއަކީ على އެވެ. ގާތްގަނޑަކަށް ފަސްސަތޭކަ ވަރަކަށް ގަޒުހައިތަނަށް ވަޑައިގެންނެވުނުތަނާ މަގު ދެކަފިވެއްޖެވެ. على އަނބުރައިލީ ދެވަނަ ކަތްޕާ ދިމާޔަށެވެ. ނަމަވެސް ތަންކޮޅަކަށް ގޮސްފައި އޭނާ ހުއްޓިއްޖެއެވެ. أحمد އާއި އަންހެންބޭފުޅާއާ ތިއްބެވީ ތަންކޮޅެއް ފަހަތުގައެވެ. އެބޭފުޅުން ތަންކޮޅެއް ބާރަށް ހިންގަވައިފައި على ގެ ގާތަށް ވަޑައިގެންފިއެވެ.
على މަޑުމަޑުން ބުންޏެވެ. "ކޮންމެވެސް މީހެއް އެބައާދޭ!"
أحمد ސަމާލުވެވަޑައިގެން އަޑުއައްސަވާން ފައްޓަވައިފިއެވެ.
"އެމީހުން އެއަންނަނީ މިކޮޅަށް." އަންހެންބޭފުޅާ ވިދާޅުވިއެވެ.
على ބުންޏެވެ. "އަޅުގަނޑުމެން އައިކޮޅަށް ދަމާ ހިންގަވާ! މިގޯޅީގެ ތެރެއިން ނުކުންނާންވީ."
އެބޭފުޅުން ބާރަށް ހިންގަވައިފައި ވަޑައިގެން މަގު ދެކަފިވީ ހިސާބަށް ވަޑައިގެންފިއެވެ.
على އަނެއް މަގަށް އަޅުވައިލައިފިއެވެ. އޭނާ ކުރީގައިހުރެގެން ދާންފަށައިފިއެވެ. ނަމަވެސް މަގުގެ ލަނބައިލާ ހިސާބަށް ދެވުނުތަނާ އޭނާއަށް ބަޔަކު ވާހަކަދައްކާ އަޑު އިވިއްޖެއެވެ. على އެނބުރިލައިފައި އޭނާގެ އެކުވެރީންނާ ދިމާޔަށް ބުންޏެވެ. "އަޅުގަނޑުމެންގެ ދުވަސް ހިނގައްޖެ."
أحمد މަޑުކޮށްލައްވައިފިއެވެ. އޭނާ ދުރުން އަންނަ މީހުން ދައްކާ ވާހަކަ އަޑުއައްސަވައިލެއްވިއެވެ. أحمد އެއަށްފަހު ވިދާޅުވިއެވެ. އެމީހުން އަންނަނީ މިކޮޅަށް. އެމީހުންގެ އަދަދުވެސް މާގިނަ. އަނެއް ގޯޅީން ވަޑައިގަންނަވަމާ ހިންގަވާ!"
على ގެ ބަދަލުގައި މިހާރު މަގުދައްކަވަނީ أحمد އެވެ. އޭނާ ހިންގަވަނީ ކުރިޔަށްވުރެ މާބާރަށެވެ. أحمد ކުއްލިޔަކަށް ހުއްޓިވަޑައިގެން އޭނާގެ އެކުވެރީންނާ ދިމާޔަށް ބައްލަވައިލައްވައިފައި މަޑުމަޑުން ވިދާޅުވިއެވެ. ތިޔަބޭފުޅުން މަޑުކުރައްވާ!"
ވަރަށް ކައިރީން ބައެއްގެ ފިޔަވަޅުގެ އަޑު އިވެމުންދެއެވެ. على ބުންޏެވެ. "އެއަންނަނީ އެންމެ މީހެއް ނޫން. ދެމީހުން ނުވަތަ ތިންމީހުން. ކަލާ ގިނިކަންޏާ ވަޑައިނުގަންނަވާ!"
أحمد ޖަވާބު ދެއްވުމުގެ ބަދަލުގައި على ކޮއްޕަވަމުން ފާރުކައިރިޔަށް ގެންދަވައިފިއެވެ. އެއަށްފަހު ކަނޑި އުރައިން ދަންމަވައިގެން ދިހަވަރަކަށް ފިޔަވަޅު ކުރީގައި ހުއްޓިވަޑައިގެންފިއެވެ. އަނދިރީގެ ތެރެއިން ސިފައިންގެ ތިންމީހުން ފެނިއްޖެއެވެ. އެބައިމީހުންގެ ފިޔަވަޅުގެ އަޑު އަންނަނީ ކައިރިވަމުންނެވެ. އެންމެ ކުރިޔަށްހުރި ސިފައިންގެ މީހާ ކުއްލިޔަކަށް ހަޅޭއްލަވައިގަތެވެ. "ކޮންބައެއް؟"
އޭނާ ކަނޑި އުރައިން ދަމައިގަންނާން އުޅެނިކޮށް أحمد ވަރަށް ބާރަށް ކުރިޔަށް ވަޑައިގެން އެކަތިފަހަރުން އޭނާގެ ކަންތައް ނިންމައިލައްވައިފިއެވެ. ސިފައިންގެ ދެންތިބި ދެމީހުން ދުވެފައި ކުރިޔަށްއަރައި أحمد އާ ޙަމަލަދީފިއެވެ. أحمد އެ ދެމީހުންގެ އެތިއެތިފަހަރު އޭނާގެ ކަނޑިކޮޅުން މަތަކުރައްވަމުން އެއްފަރާތަކަށް އަރައިވަޑައިގެންފިއެވެ. މިހާރު އޭނާ ސިފައިންގެ ދެމީހުންނާ ދިފާޢީ ހަނގުރާމައެއް ކުރައްވަމުން މަޑުމަޑުން ފަހަތަށް ޖެހިވަޑައިގަންނަވަނީއެވެ. އަންހެންބޭފުޅާ ކުއްލިޔަކަށް ކުރިޔަށް އަރައިވަޑައިގެން އެތަނުން އެކެއްގެ ކޮނޑުގައި ކަނޑިއެތިފަހަރެއް ޖައްސަވައިފިއެވެ. އެމީހާ ބިރުވެރި ހަޅޭކަކާއެކު ބިންމައްޗަށް ވެއްޓިއްޖެއެވެ. ތިންވަނަ މީހާ ފަހަތަށް އެނބުރިފައި ފިލަން ދުއްވައިގަންނާން އުޅުނެވެ. ނަމަވެސް على އޭނާއަށް ހުރަސްއަޅައިފިއެވެ. އޭނާ އޭނާގެ އެކުވެރީންގެ އެހީއަށްއެދި ވަރަށް ބާރަށް ހަޅޭއްލަވާން ފަށައިފިއެވެ. އެއާއެކު އޭނާގެ ކުރިމަތީން މަގު ސާފުކުރުމަށްޓަކައި على އާ ދިމާޔަށް ދެތިން އެތިފަހަރެއް ދޫކޮށްލައިފިއެވެ. މިއީ على އޭނާގެ ޙަޔާތުގައި ކަނޑިއެއްގެ ބޭނުންކުރި އެންމެ ފުރަތަމަފަހަރު ކަމުގައި ވެދާނެއެވެ. އޭނާ ފަހަތަށްފަހަތަށް އަންނާން އުޅުމުގެ ތެރޭގައި ވެއްޓިފައިއޮތް ސިފައިންގެ މީހެއްގެ ހަށިގަނޑުގައި ފައިއަޅައިގެންފައި އިދިފުށަށް ވެއްޓިއްޖެއެވެ.
أحمد ކުރިޔަށް ވަޑައިގެން އެ ސިފައިންގެ މީހާ ޤަތުލުކުރައްވައިފިއެވެ. މިހާރު ގޯޅިތެރެއިން ޤަޞްޠިލާގެ ސިފައިންގެ އެތައްބައެއްގެ ހަޅޭކުގެ އަޑު އިވޭންފަށައިފިއެވެ. އެ ތިންބޭފުޅުން ދުވެވަޑައިގެންނެވޭ އެންމެ ބާރަށް ދުވެވަޑައިގަންނަވާން ފައްޓަވައިފިއެވެ. أحمد އުންމީދުކުރެއްވިގޮތާ ޚިލާފަށް އަންހެންބޭފުޅާ أحمد އާ އެއްވަރަކަށް ހިފަހައްޓަވައިލެއްވޭތޯ ހިތްވަރު ކުރައްވައެވެ. ނަމަވެސް على ގެ ދުވެލި ހައްތާވެސް އަންނަނީ މަޑުވަމުންނެވެ. أحمد އަށް އިޙުސާސުވެވަޑައިގަންނަވަނީ އެބޭފުޅުން ފަހައި އަންނަ މީހުން ހިނދުކޮޅަކަށްވުރެ ހިނދުކޮޅެއް ކައިރިވަމުން އަންނަކަމެވެ. أحمد، على ގެ މުލައްދަނޑީގައި ހިއްޕަވައިފައި ވިދާޅުވިއެވެ. "على ކީއްވީތަ؟ އަނެއްކާ ކަލޭ ޒަޚަމުވީތަ؟"
على ޖަވާބު ދިނެވެ. اللّـه އަށްޓަކައި ކަލާ އަޅުގަނޑުމެދު ވިސްނައިވަޑައިނުގަންނަވާ طـاهـــرة ގެ ފުރާނަފުޅު ސަލާމަތްކުރައްވާ!"
أحمد ވިދާޅުވިއެވެ. "على ހިތްވަރުކުރޭ! އަހަރެމެންނަށް ކޮންމެވެސް ދަނޑަކަށް ނުވަތަ ބަގީޗާއަކަށް ވަދެވެނިކޮށް ސަލާމަތްވެވުމުގެ އެކަށޭނަކަން އޮންނާނެ. ނުރައްކަލުން ސަލާމަތްވެވިދާނެ."
على، أحمد ގެ އަތްޕުޅުގައި ހިފައިފައި އޭނާގެ މޭގައި أحمد ގެ އަތްޕުޅު ޖައްސައިލައިފައި ދެންނެވިއެވެ. "ބައްލަވާ! އަޅުގަނޑުގެ ކަންތައް މިނިމެނީ. ކަލާ ކޯރު ހުރަސްކުރައްވައިފައި އައްސޭރި އޮތްގޮތަށް މައްޗަށް ވަޑައިގަންނަވާތި. އެތާ ބޮޑު ބަގީޗާއެއްގެ ތެރޭގައި ގެއެއް ހުންނާނެ. އެމީހުން ތިބޭނީ އެގޭގައި. މިގޯޅީގެ އެކޮޅުގައި ހުންނަނީ ދަނޑުތައް. ކޯރުގެ އައްސޭރީގެ އަވަށަކުން ބައްތެއްޔެއް ލިބިވަޑައިގެންފާނެ. ފާލަމާ ދިމާޔަށް ވަޑައިނުގަންނަވާތި. އެދިމާ ވަރަށް ނުރައްކާވާނެ. މާތްކަލާކޮށްޓަކައި އަވަހަށް ވަޑައިގަންނަވާ. އެބައިމީހުން ވަރަށް ކައިރިޔަށް އަތުވެއްޖެ."
أحمد، على ނަންގަވައި ކޮނޑަށް ލައްވައިފިއެވެ. އެބޭފުޅުން ފަހައިއަންނަ މީހުން ވަރަށް ކައިރިޔަށް އަތުވެއްޖެއެވެ. على ހަޅޭއްލަވައިގަތެވެ. "އަޅުގަނޑު ބިންމައްޗަށް ބާލުއްވާ. ތިޔަހެން އުޅުއްވާން ހައްދަވައިގެން އަޅުގަނޑުމެން އެންމެން ޤަތުލުވެދާނެ. އަޅުގަނޑަށް ހިނގައިފައި ދެވިދާނެ."
أحمد އޭނާ ބިންމައްޗަށް ބާލުއްވަމުން ވިދާޅުވިއެވެ. "ކަލޭ މިގޯޅި ނިމޭ ހިސާބުގެ ރައްކާތެރި ތަނެއްގައި އަހަންނަށް އިންތިޒާރުކުރޭ. އަހަރެން އިރުކޮޅަކު އެމީހުން ހުއްޓުވާނަން."
أحمد ކަނޑި އުރަޔަށް ލައްވައިފިއެވެ. އޭނާގެ ކޮނޑުފުޅުގައި އަޅުވައިލައްވައިފައި އޮތް ދުނިދަނޑި ނަންގަވައިފިއެވެ. އޭނާ ފާރު ކައިރީގައި ހުއްޓިވަޑައިގެންފިއެވެ. ނަމަވެސް على އޭނާ ހުރިތަނުން ގުޑައެއް ނުލިއެވެ. طـاهـــرة ކަންބޮޑުވެވަޑައިގެންފައި ތަންކޮޅެއް ދުރުގައި ހުންނެވިއެވެ. أحمد ވިދިވިދިގެން ދެތީރު ފޮނުއްވައިލައްވައިފިއެވެ. އެބޭފުޅުން ފަހައި އަންނަ މީހުންކުރެ އެކަކު ހަޅޭއްލަވައިގަތެވެ. "ހުސިޔާރު! ހުސިޔާރު!"
أحمد އޭނާގެ ދުނިދަނޑީގައި ތިންވަނަ ތީރު ރުވައިލައްވަމުން ފަހަތަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "على. މާތް اللّـه އަށްޓަކައި އަވަހަށްދޭ. މިއީ ކަލެޔަށް ލިބޭނެ އެންމެފަހު ފުރުސަތު!"
على ކުރިޔަށް ޖެހިލައިފައި ބުންޏެވެ. "އަޅުގަނޑުގެ ރަޙުމަތްތެރިޔާ! އިރުކޮޅަކު ދުނިޔޭގައި ހުރުމުގެ ބޭނުމުގައި އަޅުގަނޑަކަށެއް ކަލާގެ ޙަޔާތްޕުޅު ނުރައްކަލުގެ ތެރެޔަކަށް ވައްޓައެއް ނުލެވޭނެ."
"على! على! މަޑުކުރޭ! ނަމަވެސް على އަރިއަޅަމުން އަނދިރީގެ ތެރެޔަށް ގެއްލިއްޖެއެވެ. އޭނާ ހަޅޭއްލަވާ އަޑު އިވޭންފަށައިފިއެވެ. "ޤަޞްޠިލާގެ މިނިކާ ވަގުތަކާ! ތިޔަބައިމީހުންގެ ހިސާބު ބެލެވޭނެ ދުވަސް އޮތީ ދުރެއްގައެއް ނޫން. ތިޔަބައިމީހުންގެ މީހުންތައް ޤަތުލުކުރީ އަހަރެން."
"އަންހެންބޭފުޅާ ކުރިޔަށް ވަޑައިގެން أحمد ގެ އަތުގައި ހިއްޕަވައިފައި ވިދާޅުވިއެވެ. "ވަޑައިގަންނަވާ! على އަށް އޭނާގެ މަންޒިލު ފެނިއްޖެ!"
أحمد، طـاهـــرة ގެ ފަހަތްޕުޅުން ވަޑައިގެންފިއެވެ. އެބޭފުޅުންގެ ފަހަތްޕުޅުން "މަރައިލާ! އަތުލައިގަނޭ. ދިޔަނުދީ!" މިބާވަތުގެ ހަޅޭކުގެ އަޑު އިވޭންފަށައިފިއެވެ. އޭގެފަހުން ކަނޑީގެ އަޑާއެކު اللّـه أكبــر ގެ ނައުރާއެއްގެ އަޑު ފަޒާގެ ތެރޭގައި ގުގުމައިލިއެވެ. އެއާއެކު އަޑުބަޑު މަޑުވެއްޖެއެވެ.
އެވަގުތު ކޮންމެވެސް މީހަކު ބުނާއަޑު އިވުނެވެ. "ފިނޑީންނޭ! ކީއްވެގެންތަ ތިޔަބައިމީހުން ހުއްޓުނީ؟ ކުރިއަށް އާދޭ!"
أحمد ދުވެވަޑައިގަންނަވާއިރު އިރުއިރުކޮޅާ ހުއްޓިވަޑައިގެން ތީރެއް ދޫކޮށްލައްވައެވެ. އެގޯޅި ނިމެނީ ކުޑަކުޑަ މައިދާނަކާ ހަމަޔަށެވެ. އެހަނި ގޯޅީން ނުކުމެވަޑައިގެންނެވި މައިދާނަށް ވެދެވަޑައިގެންނެވުމުން أحمد އަށް އޭނާގެ ވަށައިގެން މަސްރަޙު ބައްލަވައިލައްވާން ފަސޭހަފުޅުވިއެވެ. ނަމަވެސް އެތާނގައި ނުރައްކާތެރިކަންވެސް ނިސްބަތުން މާބޮޑެވެ. أحمد ގަހެއްގެ ނިވަލަށް ޖެހިވަޑައިގެން ވަށައިގެން ހޯއްދަވައިލެއްވިއެވެ. އެމައިދާނުގެ ތިންފަރާތުންހުރީ ގެތަކެވެ. އެއްފަރާތަކުން ފާރެއްގެ ބިއްދޮށުން ބޯގަސްތަކެއް ފެނިވަޑައިގެންފިއެވެ. أحمد އަންހެންބޭފުޅާގެ އަރިހުގައި ވިދާޅުވިއެވެ. "ކަލާ އެފާރުގެ ބިއްދޮށަށް ވަޑައިގެން އަޅުގަނޑަށް އިންތިޒާރު ކުރައްވާ!"
ގޯޅިތެރެއިން ނުކުމެވަޑައިގެންނެވިފަހުން އޭނާ އުއްކެވި ދުނީގެ ސަބަބުން ޤަޞްޠިލާގެ މީހުން ވަނީ ވަރަށްބޮޑަށް ސަމާލުވެފައެވެ. އެބައިމީހުން ހަޅޭއްލެވުމުގެ ބަދަލުގައި ކުރިޔަށް އަންނަނީ ވަރަށް ވިސްނައިގެން މަޑުމަޑުންނެވެ. އެބައިމީހުން ގޯޅިތެރެއިން ނުކުތުމާއެކު أحمد ދުނިއުއްކަވާން ފައްޓަވައިފިއެވެ. އޭނާ އެންމެފުރަތަމަ ފޮނުއްވައިލެއްވި ދެތީރުވެސް އެރީ ދެމީހެއްގެ ގަޔަށެވެ. އެދެމީހުން ޒަޚަމުވެގެން ވެއްޓިއްޖެއެވެ. ފަހަތުންއައި މީހުން އެދެމީހުން ދޫކޮށްލައިފައި ހަޅޭއްލަވަމުން އެނބުރި ގޯޅިތެރެޔަށް ވަދެއްޖެއެވެ. أحمد ދުވެވަޑައިގެންފައި ފާރާ ދިމާޔަށް ވަޑައިގެންފިއެވެ. ހަމައެއާއެކު ގޯޅީގެ ތެރެއިން اللّـه أكبــر ގެ ނައުރާގެ އަޑުއިވޭން ފެށުމުން އޭނާ ހުއްޓިވަޑައިގެންފިއެވެ. ޤަޞްޠިލާގެ ސިފައިންގެ ފަސްމީހުން ގޯޅިތެރެއިން ނުކުމެގެން މައިދާނާ ދިމާޔަށް ދުވެފައި އަންނާން ފަށައިފިއެވެ. ވިއްސަކަށް ފަނަރަވަރަކަށް މީހުން "މަރައިލާ! އަތުލައިގަނޭ!" މިފަދަ ނައުރާތަކުގެ އަޑު އުފުލަމުން ޤަޞްޠިލާގެ ސިފައިންގެ ފަހަތުން އާދެއެވެ. ސިފައިންގެ އެކަކު ބިރުގެންފައި ހުރިވަރުން ދުވެފައި އައީ أحمد ހުންނެވި ދިމާޔަށެވެ. أحمد ދުންޏެއް ޖައްސަވައި އެމީހާ މަރުއްވައިލެއްވިއެވެ.
أحمد ފާރުކައިރިޔަށް ވަޑައިގެންފައި ފަހަތަށް ބައްލަވައިލެއްވިއިރު އޭނާގެ ތިންފަރާތުން އެކިދިމަދިމާއިން މީހުންތައް ކޯޅިކޯޅިވަރަށް ނުކުންނަމުންދެއެވެ. އަންހެންބޭފުޅާގެ އުނަގަނޑުފުޅާ ހަމަޔަށް ފާރުމަތީން ފެނެއެވެ. އޭނާ ހުންނެވީ މައިދާނާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އޭނާ أحمد އަށް ވިދާޅުވެލެއްވިއެވެ. "އަޅުގަނޑު މިހުރީ މިފަރާތުގައި."
أحمد ފާރުމަތީން އަރައިވަޑައިގެން އެބޭފުޅާގެ އަރިހަށް ވަޑައިގެންފިއެވެ. އެބޭފުޅާ ސުވާލު ކުރެއްވިއެވެ. "ކީއްތޯ މިވަނީ؟"
أحمد ޖަވާބު ދެއްވިއެވެ. "ޠުލައިޠުލާގެ މުސްލިމުންގެ ޣީރަތު ހޭލަނީ. އިރާދަކުރެއްވިއްޔާ ޝަހީދުންގެ ލޭގެ އަގު ގެއްލިގެންނެއް ނުދާނެ. ހިސާބު ބެލެވޭދުވަސް ފެށުނީ."
މައިދާނުގެ ތެރެއިން ކޮންމެވެސް މީހަކު ވަރަށް ބާރަށް ގޮވައިލި އަޑު އިވުނެވެ. "މުސްލިމުންނޭވެ! ބަދަލުހިފުމުގެ ވަގުތު އަތުވެއްޖެ. ޤަޞްޠިލާގެ ފައުޖުގެ އެކަކުވެސް އިރުއަރާއިރު ދިރިހުއްޓަދީގެން ނުވާނެ."
އަންހެންބޭފުޅާ ވިދާޅުވިއެވެ. "މިކަމުގެ ނިމުން އަންނާނީ ކޮންގޮތަކަށްކަމެއް ނޭނގެ. އަޅުގަނޑުމެންގެ ޤާއިދު އަންގަވައިފައިވަނީ ކަނޑައެޅިފައިވާ ސުންގަޑި ޖެހުމުގެ ކުރީން އެއްވެސްކަހަލަ ޢަމަލީ ޙަރަކާތެއް ނުފަށަން. މިހާރު މިވީގޮތުން ޤަޞްޠިލާގެ ހުރިހައި ސިފައިންނާއި يحـيى ގެ ސިފައިންނާއި ފުލުހުން ހެނދުނު ފަތިހާ މިއަވަށުގައި މާރާބާޑީ ފަށާނެ."
أحمد ވިދާޅުވިއެވެ. "އަޅުގަނޑު ކަލާގެ އަރިހުން ސާފުކޮށްލަން ބޭނުން. ކޯރުގެ އެފަރާތުގައި ތިޔަބޭފުޅުންގެ ޤާއިދުގެ އަރިހުގައި ކިތަކަށް މީހުން ތިބޭނެތޯ؟"
"އެތަނަށް ދާން އަމުރު އައިސްފައިއޮތީ ރަށުތެރެއާއި އާބާދީން ބޭރުގެވެސް ޚާއްޞަ މެމްބަރުންނަށް. މިހައިތަނަށް މަޝްވަރާ ކުރެވިފައިއޮތީ ޙަމަލަތައް ފަށާނެ ވަގުތަކާއި ކުރިޔަށްގެންދާނެ ގޮތަކާމެދު ގޮތެއް ނިންމުމަށްފަހު ދުވަސްކޮޅެއްވަންދެން އެބައެއްގެ ދާއިރާގައި އިތުރަށް މަސައްކަތްކޮށްލަން. އެކަމަކު މިހާރު
މި ޙަރަކާތް މިވަނީ ވަގުތުގެ ކުރީން ފެށިފައި."
أحمد ވިދާޅުވިއެވެ. "އަވަހަށް އޭނާގެ އަރިހަށް ދެވޭތޯ ބަލަމާ ހިންގަވާ. ދުނިދަނޑީން ބޭރުކޮށްލެވިއްޖެ ތީރެއް އަނބުރައެއް ނުގެނެވޭނެ. އަޅުގަނޑުމެންނަށް ދެން ހެދޭނެގޮތަކީ މިފެށުނު ފެށުމުން ނެރެވޭންއޮތް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތްކުރުން.
އަންހެންބޭފުޅާ ވިދާޅުވިއެވެ. "ހިންގަވާ! ކޯރު އޮތީ މިފަރާތުގައި."
ބަގީޗާއިން ނުކުމެވަޑައިގެން އެދެބޭފުޅުން ދަނޑުތަކުގެ ތެރޭގެ ވަލުހިނގާ މަގުން ކޯރާ ދިމާޔަށް ވަޑައިގަންނަވާން ފައްޓަވައިފިއެވެ.
* * * * * * * * * * *
ކޯރުގެ ކައިރީގައި ކުޑަކުޑަ އުސްގަނޑެއްގެ މަތީގައިހުރި ޖިފުޓިތަކެއް ފެނިވަޑައިގެންފިއެވެ.
އެ ފަސްގަނޑުގެ ކައިރިޔަށް ވަޑައިގެންނެވިއިރު ކޯރުގެ އައްސޭރީގައި ކުދިކުދި ބައްތެލިފަހަރު ހުއްޓެވެ.
އަންހެންބޭފުޅާ ވިދާޅުވިއެވެ. "ކަލާ އެ އުސްގަނޑަށް އަރައިވަޑައިގެން ޔޯތް ގޮވައިލައްވާ."
أحمد ވިދާޅުވިއެވެ. "މިވަގުތު މީހުން އެއްކުރުން ރަނގަޅެއް ނޫން. އަޅުގަނޑަށް ބައްތެލީގެ ފަލިޖެހިދާނެ."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު