އެޑްވަޓޯރިއަލް

އެމްޓީސީސީގެ ކުރިމަގު - ކުންފުނީގެ ދިވެހި މުވައްޒަފުން

އެމްޓީސީސީއޭ ބުނުމުން ބައެއް މީހުންގެ ހިތަށް ސިފަވަނީ ޕްރޮޖެކްޓް ސައިޓެއްގައި ކޮންސްޓްރަކްޝަން މަސައްކަތްކުރަން ތިބޭ ބިދޭސީ މުވައްޒަފުންތަކެއް ކަމަށްވުމީ ފަހަރުގައި އެކަށީގެންވާ ކަމެކެވެ. ނަމަވެސް ކަންއޮތީ މުޅިއަކުން އެހެންނެއް ނޫނެވެ. 1980 ވަނަ އަހަރު އުފެދުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަކީ، ކުންފުނީގެ ތަރައްގީގެ ދަތުރުގައި ދިވެހި މުވައްޒަފުންގެ ހިއްސާ ބޮޑު ކުންފުންޏެކެވެ. ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން ފެށިގެން އެންމެ އާދައިގެ މުވައްޒަފުންނާ ހަމައަށް ފެންނަ މޫނުތަކުގެ ތެރޭގައި ގިނައީ ދިވެހި މުވައްޒަފުންނެވެ. ތަފާސް ހިސާބުތަކަށް ބަލައިލާއިރު ކުންފުނީގައި މިހާރު ވަޒީފާ އަދާކުރާ 1800 މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންނަކީ ދިވެހި މުއައްޒަފުންނެވެ.

ކުންފުނީގެ އަމާޒަކީ ކުންފުނީގެ މަސައްކަތްތަކުގައި ދިވެހި މުވައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުމެވެ. އެމްޓީސީސީގެ ޓީމު މަސައްކަތްކުރަން ޖެހިފައިވަނީ ބަދަލުވަމުންދާ މާހައުލެއްގައިކަމަށްވުމާއެކު، އެއީ ގާބިލު، ބާރުވެރިކުރުވިފައިވާ، އެކުގައި މަސައްކަތްކުރުމުގެ ރޫހާއި ކުންފުނީގެ އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އޮތް ޓީމަކަށް ވާންޖެހެއެވެ. މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުން އަދި ދެވޭ އުޖޫރަ ކަނޑައެޅުމުގައި އެމްޓީސީސީ ގެންގުޅޭ ސިޔާސަތަކީ ރޭވުންތެރިކަމާއެކު ވިޔަފާރި ހިންގުމަށް މަގުފަހިކޮށްދޭ، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރުސަތު ލިބޭ، ލީޑާޝިޕް ވަރުގަދަކޮށްދޭ، މުވައްޒަފުންގެ ބައިވެރިވުން ހޯދައި، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުރުސަތު ލިބޭ ސިޔާސަތެކެވެ. ކުންފުނީގެ މުވައްޒަފުންނަކީ ހުނަރުވެރި ގާބިލު ބަޔަކަށް ހެދުމަށްޓަކައި، މުވައްޒަފުން ތަމްރީން ކުރުމާއި، ތަރައްގީކުރުމަކީ، ކުންފުނިން އަގުވަޒަންކުރާ ކަންތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ތަފާތު ވިޔަފާރިތަކުގައި ކުންފުނިން އަދާކުރަމުންދާ އިސް ދައުރު އަދާކުރަމުން ގެންދިއުމަށް ބޭނުންވާ ހުނަރާއި ފަންނުވެރިކަން ކަށަވަރުކުރުމަށް، ނަތީޖާ ނެރެވޭ ސިޔާސަތުތަކެއްގެ ދަށުން ތަމްރީނު ޕްރޮގްރާމްތައް ހިންގަމުން ގެންދެވެއެވެ. އަދި ކުންފުންޏަށް ބޭނުންވާ މުހިއްމު ދާއިރާތަކުން ރާއްޖެއާއި ރާއްޖޭން ބޭރުން ފުރަތަމަ ޑިގްރީ އާއި ޕްރޮފެޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައިދެވެއެވެ.

އެމްޓީސީސީން ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް މިއަހަރު އަލުން ފެށުމަށް ނިންމި ނިންމުމަކީ، ކުންފުނީގެ ޓީމުގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުންފުނިން ދޭ މުހިއްމުކަން ރަމްޒުކޮށްދޭ ކަމެކެވެ. ހުނަވަރު ޕްރޮގްރާމްގެ މަގުސަދަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުމެވެ. މި ޕްރޮގްރާމްގެ ތެރެއިން ހެވީ ވެހިކަލް އޮޕްރޭޓް ކުރުމާއި، ކަނޑުގައި ދުއްވާ އުޅަނދުފަހަރު އޮޕަރޭޓް ކުރުމާއި، އިންޖިނިއަރިންގ، ވެލްޑިންގް، ޑްރެޖިންގ އަދި އެންވަޔަރަމެންޓަލް ސާވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީން ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިއަހަރުގެ ޖެނުއަރީ މަހުގެތެރޭ އައްޑޫ އާއި ފުއައްމުލަކުގައި އެމްޓީސީސީން ކުރިއަށްގެންދިޔަ "އޯޕަން ޑޭ" ގެ ޒަރީއާއިން، ގިނަ ބައިވެރިންތަކަކަށް ހުނަވަރު ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. މި ޒުވާނުންނަށް އެމްޓީސީސީގެ ސައިޓްތަކުގައި 5000 ރުފިޔާގެ އެލަވަންސަކާއެކު ތިން މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިކުރެވޭނެއެވެ. އަދި ތަމްރީން ފުރިހަމަކުރާ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ބޮންޑަކާއެކު އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެއެވެ. މި ވަޒީފާތަކުގެ މުސާރަ އުޅެނީ މަހަކު 12،000 އާއި 20،000 އާ ދެމެދުގައެވެ.

އެމްޓީސީސީން ގަބޫލުކުރާ ގޮތުގައި، ދިވެހި މުވައްޒަފުންނަކީ ހުނަރުވެރި، ކަމަށް ގާބިލު، ވަޒީފާއަށް ކަމޭހިތާ އިހުލާސްތެރި ބައެކެވެ. ކުންފުނީގެ އަމާޒަކީ އަބަދުވެސް ދިވެހިންނަށް އިސްކަން ދީގެން ދިވެހިންނަށް ފުރުސަތުތައް ހޯދައިދީގެން، ދިވެހިންގެ ބައިވެރިވުމާއެކު ކުންފުނި ކުރިއެރުވުމެވެ. މިގޮތުން 7 އޮކްޓޯބަރު 2020 ވަނަ ދުވަހު އެމްޓީސީސީގެ ބޮޑު ޑްރެޖަރު މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކުރުމަކީވެސް ކުންފުނިން ނިންމި ތާރީހީ ނިންމުމެކެވެ. އެމްޓީސީސީގެ މި ނިންމުމުގެ ސަބަބުން ބިދޭސީ ފަޅުވެރިންގެ މުސާރައިގެ ގޮތުގައި ދިވެހިރާއްޖޭން ބޭރުވާ ފައިސާ ރާއްޖޭގައި ހިފެހެއްޓި، ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތަކެއް ފަހިވެ މިކަމުގެ ހެޔޮ އަސަރު ރާއްޖޭގެ އިގުތިސާދަށް ކުރާނެއެވެ.

ކުންފުނީގެ އަމާޒަކީ ކުންފުނީގެ މުވައްޒަފުންނަކީ ގިނަ ދުވަހު ވަޒީފާގައި ދެމިތިބޭ، ކުންފުންޏަށް އެ މުވައްޒަފުންގެ ފަރާތުން ދިގު ރާސްތާގައި ފައިދާތަކެއް ލިބޭ ބަޔަކަށް ހެދުމެވެ. ނަތީޖާ ނެރެދޭ ވަކިވަކި މުވައްޒަފުންނާއި ޓީމުތައް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ އެފަރާތްތަކުގެ އަގު ކުންފުނިން އަބަދުވެސް ވަޒަންކުރެއެވެ. "އެމްޕްލޯއީ ޕާފޯމަންސް އިވެލުއޭޝަން އެންޑް ރިވާޑިންގް ޕޮލިސީ" ގެ ދަށުން މުވައްޒަފުންނަށް އަންނަނީ ވަޒީފާގެ ކުރިއެރުންތައް ފަހިކޮށްދެމުންނެވެ. މި އިވެލުއޭޝަނަކީ އަހަރަކު ދެ ފަހަރު ހަދާ އިވެލުއޭޝަނެކެވެ. އަދި ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް "އިންކްރިމެންޓް އެލަވަންސް" އެއް ދެވެއެވެ. އަދި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނާއި ކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުން ފާހަގަކޮށް އެ މުވައްޒަފުންނަށް "އެކްސަލެންސް އެވޯޑު" ކޮންމެ އަހަރަކުވެސް ދެވެއެވެ. އަހަރީ ޕްރޮގްރާމެއްގެ ދަށުން ހައްޖު އަދި އުމްރާގެ އަޅުކަން ގާއިމުކުރަން މުވައްޒަފުންނަށް ފުރުސަތު ދެވެއެވެ. އަދި "ހެލްތު އިންޝުއަރެންސް" ގެ ހިދުމަތް ހުރިހާ މުއައްޒަފުންނަށް ފޯރުކޮށްދެވެއެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެތަކެއްފަހަރު ވިދާޅުވެފައިވާ ފަދައިން ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ ކުންފުނީގެ މުވައްޒަފުންނެވެ. އެހެންކަމުން ކުންފުނީގެ މުވައްޒަފުންނަށް ހިތްހަމަޖެހޭ ފަދަ މަސައްކަތުގެ މާހައުލެއް ތަނަވަސްކޮށްދީ އެ މުވައްޒަފުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރުމަކީ ކުންފުނި އިތުރަށް ކުރިއަރާނޭ ކަމެކެވެ.

އެމްޓީސީސީގެ މަގުސަދަކީ ތަފާތުތައް އެކުލެވޭ މުވައްޒަފުން ބައިވެރިކޮށް ޓީމު ބިނާކޮށް، އެންމެންގެ ބައިވެރިވުން ލިބޭ، އެކަކު އަނެކަކަށް އިހުތިރާމު ކުރާ މަސައްކަތުގެ މާހައުލެއް ގާއިމުކޮށް ވިޔަފާރިތަކަށް ކުރިއެރުން ހޯދުމެވެ. އެމްޓީސީސީ ގަބޫލުކުރާގޮތުގައި ޓީމުތަކުގެ ތެރޭގައި ހިމެނޭ ތަފާތުކަމުގެ ސަބަބުން މަސައްކަތުގައި މުވައްޒަފުންގެ ފަރާތުން ލިބޭ ބައިވެރިވުން އިތުރުވެއެވެ. އަދި މީގެ ސަބަބުން ވިޔަފާރީގެ ކުރިއެރުމަށް މަގުފަހިކޮށްދީ، މުވައްޒަފުންގެ ބޭނުންތަކާއި ތަފާތު ކަސްޓަމަރުން، ވިޔަފާރީގެ ބައިވެރިން އަދި ނަފާވެރިންގެ ބޭނުންތައް ދެނެގަތުމަށް އެހީތެރިވެދެއެވެ. އަދި ޓީމުގައި އެކުލެވޭ ހުނަރު އިތުރުވެ ފުޅާވެގެންދެއެވެ. ވުމާއެކު އެއްވެސް މީހަކަށް ތަފާތުކުރުމެއްނެތި، މީގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންވެސް ހިމެނޭގޮތަށް، ވަޒީފާގެ ފުރުސަތު ދިނުމާއި ވަޒީފާގެ ކުރިއެރުން ހޯދައިދިނުން އަދި ތަމްރީނުކުރުމާއި މުވައްޒަފުންގެ އަގު ވަޒަންކުރުމަކީ ކުންފުނިން މުހިންމުކަންދޭ ކަމެކެވެ. ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާދިނުމުގައި ވަޒީފާގެ މަސްއޫލިއްޔަތަށް ބަދަލުގެނެވޭ މިންވަރަކުން ވަޒީފާގެ ޑިޒައިން ބަދަލުކޮށް، ކަމާގުޅޭ ތަމްރީނު އެފަދަ މުވައްޒަފުންނަށް ފޯރުކޮށްދެވެއެވެ.

އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ކުންފުންޏެވެ. ކުންފުނި ކުރިއަރުވައި ހިންގަން ކުންފުންޏަށް ބޭނުންވަނީ ދިވެހި މުވައްޒަފުންގެ ހިދުމަތެވެ. މެދުކެނޑުމެއްނެތި އެންމެ ގިނައިން ވަޒީފާގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދޭ ކުންފުންޏަކަށް ހަމަގައިމުވެސް އެމްޓީސީސީ ވާނެއެވެ. ވެލްޑަރުންނާއި ކާޕެންޓަރުންނާއި، މޭސަނުންނާއި، ޑްރައިވަރުންނެވެ. ލޯޑް އޮޕްރޭޓަރުންނާއި، ކްރޭން އޮޕަރޭޓަރުންނާއި، އެކްސްކަވޭޓާ އޮޕްރޭޓަރުންނެވެ. އެޑްމިން އޮފިސަރުންނާއި ސަޕޯޓް ސްޓާފުންނެވެ. މެނޭޖީރިއަލް އަދި އެގްޒެކެޓިވް ލެވެލްގެ އެކި މަގާމުތަކެވެ. މިއަދު ކުންފުންޏަށް ލިބިފައިވާ ކާމިޔާބީއަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައްޔިތުންގެ ހިދުމަތުގައި ކުންފުނީގެ މުވައްޒަފުން ކުރަމުންގެންދާ އިހުލާސްތެރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އެމްޓީސީސީގެ ރައުސްމާލަކީ އެ ކުންފުނީގެ މުވައްޒަފުންނެވެ. ފަންނުވެރި، ގާބިލު އެމްޓީސީސީގެ ޓީމަށް ދިވެހި މުވައްޒަފުން ކުރިއަށްއޮތް ތަނުގައިވެސް އިތުރުވެގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ. އެމްޓީސީސީގެ ކުރިމަގު އޮތީ ދިވެހި މުވައްޒަފުންގެ އަތްމަތީގައެވެ.