ޓެނިސް

ނުވަވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް، ޖޮކޮވިޗަށް 18 ވަނަ ގްރޭންޑް ސްލޭމް

ނުވަވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް، ސާބިއާގެ ނޯވާކް ޖޮކޮވިޗް ކެރިއަރުގައި 18 ވަނަ ގްރާންޑް ސްލޭމް ތަށި ކާމިޔާބުކޮށްފިއެވެ.

އޮސްޓްރޭލިއާގެ މެލްބަންގެ ލޯޑް ލާވާ އެރީނާގައި ރަޝިޔާގެ ޑެނީލް މެޑްވެޑޭންއާ ދެކޮޅަށް ކުޅުނު ފައިނަލް ޖޮކޮވިޗް ކާމިޔާބުކުރީ 7-5، 6-2 އަދި 6-2 އިން ސެޓުތައް ގެންގޮސްގެންނެވެ. މިހާތަނަށް ކެރިއަރުގައި 18 ގްރޭންޑް ސްލޭމް ތަށި ކާމިޔާބުކޮށްފައިވާ ޖޮކޮވިޗަށް ވުރެ ގިނައިން ތަށި ހޯދާފައިވާ ހަމައެކަނި ދެ ކުޅުންތެރިންނަކީ ރޯޖާ ފެޑެރާއާއި ރެފޭލް ނަޑާލްއެވެ. މިއަހަރަކީ ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން މުބާރާތް، ޖެހިޖެހިގެން ކާމިޔާބުކުރި ތިންވަނަ އަހަރެވެ.

އުމުރުން 33 އަހަރުގެ ޖޮކޮވިޗް މިހާތަނަށް މެލްބަންގައި ކުޅުނު އެއްވެސް ފައިނަލަކުން ބަލިވެފައިނުވާ އިރު، މިއަހަރުގެ މުބާރާތަށް އެއްވަނައަށް ސީޑު ކޮށްފައިވާ ކުޅުންތެރިޔަކީވެސް އޭނާއެވެ. ފައިނަލުގައި ޖޮކޮވިޗާ ދެކޮޅަށް ނުކުތް ޒުވާން، 25 އަހަރުގެ މެޑްވެޑެވްއަކީ ހަތަރުވަނައިގައި ސީޑް ކޮށްފައިވާ އަރަމުން އަންނަ ހުނަރުވެރި ޓެނިސް ކުޅުންތެރިއެކެވެ. 2019 ވަނަ އަހަރު ޔޫއެސް އޯޕަންގެ ފައިނަލުގައި މެޑްވެޑެވް ޖޮކޮވިޗާ ދެކޮޅަށް ނުކުމެފައިވާއިރު، މެޑްވެޑެވްއަށް މިހާތަނަށް ގްރޭންޑް ސްލޭމް ތަށްޓެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

މުބާރާތް ފެށިއިރު ބަނޑަށް ލިބުނު އަނިޔާއަކާއެކު ޖޮކޮވިޗަށް މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނެ ކަމާމެދު ސުވާލުތަކެއް އުފެދުނު ނަމަވެސް، އޭނާގެ ފަރާތުން މިހާތަނަށް ފެނިގެން ދިޔައީ އާދަޔާ ހިލާފު މޮޅު ކުޅުމެކެވެ. ހާއްސަކޮށް ފައިނަލުގައި ތަފާތު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ތިންވަނަ ސެޓުގައި މެޑްވެޑެވްގެ ފަރާތުން ވަނީ ރުޅިވެރިކަމާއި، މާޔޫސްކަން ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ. 20 މެޗުން މޮޅުވެ، ރަނގަޅު މޮޅުވުމުގެ ސިލްސިލާއަކާއެކު މެޑްވެޑެވް ފައިނަލަށް ދަތުރު ކުރި ނަމަވެސް، ޖޮކޮވިޗް އަތުން ބަލިވެގެން ދާން ފެށުމުން އޭނާ ވަނީ ރެކެޓް އެއްލާލައި، ރުޅި އައިސް ހަޅޭވެސް ލަވައިފައެވެ.

މެޗުގެ ދިގުމިން ޖުމްލަ 53 މިނެޓަށް ދެމިގެން ގޮސްފައިވާ އިރު، މެޗަށްފަހު ކޯޓުގައި ކުޅިބަލަން ވަދެތިބި 7،500 ސަޕޯޓަރުންނާ ވާހަކަދައްކަމުން ޖޮކޮވިޗް ބުނެފައި ވަނީ އަހަރަކަށްވުރެ އަހަރެއް އޭނާއަށް ކާމިޔާބުވަމުން އަންނަ ކަމަށާއި، އޮސްޓްރޭލިއަން އޯޕަންއަށް އޮތް ލޯބި ދާނީ އަބަދުވެސް އިތުރުވަމުން ކަމަށެވެ.