ކޮވިޑާ ގުޅިގެން އޮންލައިންކޮށް ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދިޔަ "ޓެލިކިލާސް"އަށް އޭޝިއާ ޕެސިފިކް ސަރަހައްދުގެ "ވެންހުއި އެވޯޑް ފޯ އެޑިޔުކޭޝަނަލް އިނޮވޭޝަން 2020" ލިބިއްޖެއެވެ.
ވެންހުއި އެވޯޑަކީ ޔުނެސްކޯ އޭޝިއާ ޕެސިފިކް ޕްރޮގްރާމް އޮފް އެޑިޔުކޭޝަނަލް އިނޮވޭޝަން ފޯ ޑިވެލޮޕްމެންޓާއި، ނޭޝަނަލް ކޮމިޝަން އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ފޯ ޔުނެސްކޯ ގުޅިގެން 2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުން އަންނަ އެވޯޑެކެވެ.
"ޓެލިކިލާސް"އަށް ޔުނެސްކޯ ވެންހޫ އެވޯޑު ލިބިފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގައި މެދުކެނޑުމެއްނެތި ގައުމީ ޓީވީން ފިލާވަޅުތައް ދެއްކުމުގެ ޕްރޮޖެކްޓުންނެވެ. އެ އެވޯޑާއެކު ރާއްޖެއަށް 20،000 ޑޮލަރު ލިބިފައިވެއެވެ. މިއީ ރާއްޖެއަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.
ވެންހުއި އެވޯޑުގެ މަގުސަދަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ތައުލީމީ ދާއިރާ ކުރިއެރުވުމަށް އީޖާދީގޮތެއްގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރާ މީހުންނާއި އިދާރާތަކުގެ އަގުވަޒަންކޮށް އެ ފަރާތްތަކަށް ހިތްވަރު ދިނުމެވެ.
ކޮވިޑް 19ގެ ސަބަބުން ރާއްޖެ ލޮކްޑައުންކޮށް ސްކޫލުތައް ބަންދުކުރަން ޖެހުމުން، ދަރިވަރުންނަށް ޓެލިކިލާސް ފެށީ މިދިޔަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ. އެ ޕްރޮގްރާމް ގެނެސްދީފައި ވަނީ ޕީއެސްއެމްގެ މުންނާރު ޗެނަލާއި ޔެސްޓީވީ އާއި ދިވެހި ޗެނަލް މެދުވެރިކޮށެވެ.
"ޓެލިކިލާސް"އަށް ސަރަހައްދީ އެވޯޑެއް ލިބުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ކާމިޔާބުކަމާއެކު ޓެލިކިލާސް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ.