ކުޅިވަރު

22 އަހަރުވީ އިންތިޒާރެއްގެ ނިމުން، ލިވަޕޫލް ދަނޑުގައި އެވަޓަންއަށް ކާމިޔާބު

މުޙައްމަދު ޝަމްޢޫން

މާސީ ސައިޑް ޑާބީގެ ގޮތުގައި ސިފަކުރެވިފައިވާ ލިވަޕޫލާއި އެވަޓަންގެ ތާރީހީ ކުރިމަތިލުންތައް އަބަދުވެސް ފޯރިގަދައެވެ. ރޭގެ މެޗަށް ނުކުތްއިރު، ލިވަޕޫލްގެ ހާލަތު އޮތް ގޮތުން އެވަޓަން އޮތީ ފެވަރިޓުންގެ ގޮތުގައެވެ. ލިވަޕޫލަށް މިދިޔަ ދެ ސީޒަން އިންތިހާއަށް ކާމިޔާބު ނަމަވެސް، މި ސީޒަންގެ މިހާތަނަށް އަނިޔާގެ މައްސަލަތައް ބޯމަތިވެ، އެޓީމަށް ވަނީ މާޔޫސްކަމާ ކުރިމަތިލާން ޖެހިފައެވެ.

މުހިއްމު ކުޅުންތެރިންނަށް އަނިޔާވެ، ލިވަޕޫލްގެ ނަތީޖާތައްވެސް ދަށްކޮށް ދާއިރު، ރޭގެ ޑާބީއަށް ނުކުތްއިރުވެސް އޮތީ އެންމެފަހުން ހޯމްގައި ކުޅުނު ތިން މެޗުން ބަލިވެފައެވެ. ކޮންމެހެން މޮޅަކަށް މަޖުބޫރުވެފައި އޮތް ނަމަވެސް، ލިވަޕޫލްގެ ދަނޑުގައި އެވަޓަން ވަނީ 2-0ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.

އެވަޓަންގެ އެ މޮޅަކީ 1999 ވަނަ އަހަރަށްފަހު ލިވަޕޫލްގެ ތާރީހީ އެންފީލްޑް ސްޓޭޑިއަމްގައި އެޓީމުން ހޯދި ފުރަތަމަ މޮޅެވެ. އެވަޓަންއިން އެންމެފަހުން މާސީ ސައިޑް ޑާބީ ކާމިޔާބު ކޮށްފައި ވަނީވެސް 2010 ވަނަ އަހަރުއެވެ. ރޭގެ ބައްޔާއެކު ލިވަޕޫލް ވެއްޓިގެން ދިޔައީ 1923 ވަނަ އަހަރުގެ ރެކޯޑަކާ ހަމައަށެވެ. އެންމެފަހުން ލީގުގައި ކުޅުނު ހަތަރު ހޯމް މެޗުންވެސް ލިވަޕޫލް ބަލިވެފައިވާއިރު، މިއީ 1923 ވަނަ އަހަރަށްފަހު އެފަދަ ބަލިވުމުގެ ސިލްސިލާއަކާ ލިވަޕޫލް ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގައި ރިޗާލްސަންގެ ފަރާތުން ފުރަތަމަ ގޯލް ފެނިގެން ދިޔައިރު، މެޗުގައި އޭނާގެ މަސައްކަތް ފާހަގަކޮށްލެވުނެވެ. އެހެންނަމަވެސް އެވަޓަންގެ ތަރިންނަކީ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑާއި ޑިފެންޑަރު މައިކަލް ކީންއެވެ. ލިވަޕޫލް ކެޕްޓަން ޖޯޑަން ހެންޑަސަން އާއި އެލެޒެންޑްރާ އާނޯލްޑް އަދި ފިރްމީނޯގެ ހަމަލާތައްވެސް ޕިކްފޯޑް މަތަކުރިއިރު، މެޗުގެ ފުރަތަމަ ހާފްގައި ހެންޑަސަންއަށް އަނިޔާވެ ބާލަން ޖެހިފައިވެއެވެ.

ސަޑިއޯ މާނޭ އާއި މުހައްމަދު ސަލާހަށް ދެވަނަ ހާފްގައި ލިބުނު ފުރުސަތުތައް ނަގާލާފައިވާއިރު، ގޯލެއް ނުޖެހި ލިވަޕޫލުން ނިންމާލީ 24 ހަމަލާއެއް އުފައްދާފައެވެ. އެވަޓަންގެ ދެވަނަ ގޯލަކީ އާނޯލްޑް އޭރިއާ ތެރެއިން، ޑޮމިނިކް ކަލްވާޓް ލެވިންއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީގައި ގުލްފީ ސިގަޑްސަން ޖަހައިދިން ގޯލެކެވެ.

އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލުން މިހާތަނަށް ކުޅުނު 25 މެޗުން އެޓީމަށް 40 ޕޮއިންޓް ލިބިފައިވާއިރު، ޓީމު އޮތީ ތާވަލުގެ ހަވަނައިގައެވެ. ތަށި ދިފާއުކުރުމުގެ އުންމީދު ކޯޗު ޔާގަން ކްލޮޕްވެސް ދޫކޮށްލާފައިވާއިރު، މިވަގުތު މަސައްކަތް ކުރަން ޖެހިފައި އޮތީ ގަދަ ހަތަރަކަށެވެ. އެވަޓަންއަށް 24 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، އެޓީމުވެސް ވަނީ މޮޅާއެކު ގަދަ ހަތަރެއްގެ އުންމީދު އާކޮށްފައެވެ.