(18 ފެބުރުއަރީގެ އަދަދާ ގުޅޭ)

ސިފައިންގެ އެކަކު ތެދުވެ އޭނާގެ އެކުވެރިޔާގެ މުލައްދަނޑީގައި ހިފައިފައި ދަމާން ފަށައިފިއެވެ. ކުއްލިޔަކަށް އޭނާގެ ނަޒަރު ދޮރޯއްޓާ ދިމާޔަށް ހުއްޓިއްޖެއެވެ. އޭނާއަށް أحمد ފެނިއްޖެއެވެ. "ކާކުތަ؟" އޭނާ ކަނޑި ދަމައިގަންނަމުން ހަޅޭއްލަވައިގަތެވެ.

أحمد ވިދުވަރެއްހައި ހަލުއިކޮށް ކުރިޔަށްވަޑައިގެން އޭނާގެ ކަނޑިކޮޅު އެސިފައިންގެ މީހާގެ މެޔަށް ވަރަށް ބާރަށް ކޮއްޕައިލައްވައިފިއެވެ. އަނެކަކު ސަމާލުވާން މަސައްކަތްކުރާން ފަށައިފިއެވެ. أحمد އޭނާއާވެސް ޙަމަލަ ދެއްވައިފިއެވެ. ޤަޞްޠިލާގެ ސިފައިންގެ މީހާ أحمد ގެ އެތިއެތިފަހަރު އޭނާގެ ކަނޑީން މަތަކުރަމުން ފަހަތަށްޖެހޭން ފަށައިފިއެވެ. ހަމައެއާއެކު އެހީއަށްއެދި އޭނާގެ އެކުވެރީންނަށް ގޮވާންފަށައިފިއެވެ. أحمد ކުއްލިޔަކަށް އޭނާގެ ކަނޑިކޮޅުގެ އެތިފަހަރެއް އެމީހާގެ ކަނދުރާމައްޗަށް އަރުވައިލައްވައިފިއެވެ. އޭނާ ބިރުވެރި ހަޅޭކަކާއެކު ބިންމައްޗަށް ވެއްޓިއްޖެއެވެ. أحمد ގެ ދެވަނަ އެތިފަހަރުން އެމީހާގެ ކަންތައް ނިންމައިލައްވައިފިއެވެ. އެހިސާބުގަނޑުގެ ގޭގޭގެ މީހުން ކުޑަދޮރުތައް ހުޅުވައިގެން މަގުމަތި ބަލާންފަށައިފިއެވެ. أحمد އަވަސްއަވަހަށް ދޮރޯށީގައި ބުރަކަށިފުޅު ޖައްސަވައިގެން ހުއްޓިވަޑައިގެންފިއެވެ. ދޮރާށި އެތެރެޔަށް ހުޅުވޭހެން އޭނާއަށް ހީފުޅުވާން ފަށައިފިއެވެ. އޭނާ ކުޑަކޮށް ބާރުލައްވައިފައި ކޮއްޕައިލެއްވުމުން ދޮރޯށި ހުޅުވިއްޖެއެވެ. أحمد ބައްލަވާކަށެއް ނުހުންނަވައެވެ. އަވަސްއަވަހަށް އެތެރެޔަށް ވެދެވަޑައިގެންފިއެވެ.

އަނދިރި ކޮޓަރިޔެއްގެ އެއްކަނަކުން އަންހެނެއްގެ އަޑު އިވުނެވެ. "ތިޔައީ ކާކުތަ؟"

أحمد ޖަވާބު ދެއްވުމުގެ ބަދަލުގައި ސުވާލެއް ކޮށްލެއްވިއެވެ. "މިއީ شيـخ أبــو يـعـقــوب ގެ ގެތޯ؟"

أحمد މުޚާޠަބު ކުރެއްވި މީހާ ޖަވާބެއް ނުދީ ކުރިޔަށްޖެހި أحمد އާ ދިމާޔަށް ބަލައިލައިފައި ބުންޏެވެ. "ކަލާގެ ތިޔަ ހިތްވަރުފުޅު ގަދަކަމަށް މިއަވަށުގެ މީހުން ވަރަށްބޮޑު އަގެއް ދައްކާންޖެހޭނެ. ޤަޞްޠިލާގެ ސިފައިން މިއަވަށުގެ އެކަކުވެސް ދިރިހުއްޓަކަ ނުދޭނެ. ދެންވެސް އަވަސްކުރޭ. އެދެމީހުންގެ ހަށިތައް އެތެރެޔަށް ވައްދާ. އެބައިމީހުންގެ އެކުވެރީން އަތުވެދާނެ. عـلـى ކަލޭ ތިޔަ ވިސްނަނީ ކޮންކަމަކާތަ؟"

أحمد އެއްޗެކޭ ވިދާޅުނުވެ ބޭރަށް ނުކުމެވަޑައިގެންފިއެވެ. މަރުވެފައިއޮތް މީހެއްގެ ދެފައިގައި ހިއްޕަވައި ދަންމަވައިފައި އެތެރެޔަށް ވައްދަވައިފިއެވެ. މުސްކުޅިޔެއް ބިރުންހުރެ ދޮރޯށީން ބޭރަށް ނުކުމެއްޖެއެވެ. އޭނާ ދެން އޮތް ހަށިގަނޑު ދަމައިފައި އެތެރެޔަށް ގެންދެވޭތޯ މަސައްކަތްކުރާން ފަށައިފިއެވެ. ނަމަވެސް އެހަށިގަނޑު ބަރުކަމުން އޭނާއަށް އެހަށިގަނޑު އެތެރެޔަށް ވެއްދޭވަރެއް ނުވެއެވެ. أحمد ބޭރަށް ނުކުމެވަޑައިގެން ވިދާޅުވިއެވެ. "ބާއްވާ. އަހަރެން ވައްދަފާނަން. ކަލޭ މިދެމީހުންގެ ކަނޑި ނަގާ!"

أحمد ދެވަނަ ހަށިގަނޑު އެތެރެޔަށް ގެންދަވަނިކޮށް ކުރިމަތީގައިހުރި ގެއެއްގެ ދޮރޯށި ހުޅުވައިލައިފައި މީހަކު ބަލައިލައިފިއެވެ. އޭނާ ބުންޏެވެ. "عـلـى އަވަސްކުރޭ. ތިޔަކަށްތައް އެތެރެޔަށް ވައްދައިފައި ދޮރު ލައްޕައިލާ. ހީވަނީ މަގުމަތީން ސިފައިންގެ ބަޔަކު އެބައަންނަހެން. ތަންކޮޅެއް ހަނދު ތިރިވެލުމުން އަހަރެން ތިޔަބައިމީހުންނަށް ގޮވާނަން. ފަތިސްވުމުގެ ކުރީން ތިޔަ ލޭގެ ނިޝާންތައް ފިލުވައިލާންޖެހޭނެ. ޤަޞްޠިލާގެ ސިފައިންގެ އެކުވެރީންގެ ބަޔަކު ކައިރީގައި ތިބިކަމުގައިވާނަމަ އެމީހާގެ ހަޅޭކުގެ އަޑު އިވޭނެ. ތިޔަ ދެމީހުންގެ ހަށިގަނޑު ރަނގަޅަށް ފޮރުވާތި!"

أحمد އިރުކޮޅެއްވަންދެން ހިމޭނުން ހުންނެވިއެވެ. އަނދިރީގެ ތެރޭގައި އޭނާއަށް އިޙުސާސުވެވަޑައިގަންނަވަނީ އޭނާ ހުންނެވީ މުސްކުޅިޔަކާއި އަންހެނަކާ ނުވަތަ އަންހެންކުއްޖަކާ އެކުގައިކަމެވެ.

މުސްކުޅިޔާ މަޑުމަޑުން ސުވާލު ކުރިއެވެ. "ދެން މި ދެ ހަށިގަނޑަށް ހަދާނީ ކިހިނެއްތޯ؟"

އަންހެންމީހާ ޖަވާބު ދިނެވެ. "މިވަގުތު ހެދޭނެގޮތަކީ ކުތުބުޚާނާއާ ޖެހިގެން އެހެރަ ކޮޓަރިޔަށްލުން. ނޫން މަޑުކޮށްލާ. ބަޔަކު މިދިމާޔަށް އެބައަންނަހެން ހީވޭ!"

أحمد ދޮރޯށީގެ ދޮރުފަތުގެ އެއްފަޅީގައި ކަންފަތްޕުޅު ޖައްސަވައިގެން ހުއްޓިވަޑައިގެންފިއެވެ.

އެ އަންހެންމީހާވެސް ދޮރުފަތުގެ އަނެއްފަޅީގައި ކަންފަތް ޖައްސައިގެން ހުއްޓިއްޖެއެވެ. މަގާވީ ފަރާތުން ބައެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގަންނަވާން ފަށައިފިއެވެ. އަންހެންމީހާ މަޑުމަޑުން ބުންޏެވެ. އެމީހުން އެއަންނަނީ މިދިމާޔަށް.

أحمد ހުންނެވީ ހިމޭނުންނެވެ. ގޯޅީގެ އެއްކޮޅުން ކޮންމެވެސް މީހަކު ޤަޞްޠިލާގެ ބަހުން ބުނާއަޑު އިވުނެވެ. "މިފަރާތަކު އެކަކުވެސް ނެތް. ކަލޭ އެއްވެސްކަމަކާ ނުލައި އަހަރެން ހާސްކުރުވީ!"

އަޅުގަނޑު މިބުނަނީ ތެދު. މީހަކު ހަޅޭއްލައިގަތް އަޑު އަޅުގަނޑު އެހިން. އަޅުގަނޑު މިގޯޅިތެރެ ބަލައިލާނަން. ކަލާ އަނެއް ގޯޅިތެރެ ބައްލަވައިލައްވާ!"

އެދެމީހުން ވަރަށް ބާރަށް ހިނގައިފައި ކުރިޔަށް ހިނގައްޖެއެވެ. އިރުކޮޅެއްގެ ތެރޭގައި ހަމަ އެބާރުމިނުގައި އެނބުރިއައިސް މަގާ ދިމާޔަށް ހިނގައްޖެއެވެ. އޭގެތެރެއިން އެކަކު އޭނާގެ އެކުވެރިޔާ ގާތު ބުނާ އަޑު އިވުނެވެ. "އެއީ އަޅުގަނޑަށް ހީވި ހީއަކަށްވެސް ވެދާނެ. އެކަމަކުވެސް އަޅުގަނޑުމެން އުޅޭންވާނީ ވަރަށްބޮޑަށް ރައްކައުތެރިވެގެން. އިއްޔެއްސުރެ އަޅުގަނޑަށް އިޙުސާސުވާ ކަމެއް އެބައޮތް. މިއަވަށުން ހެނދުނު މަސައްކަތުދާން ގެއިން ނުކުންނަ މީހުންކުރެ ގިނަމީހުން ހަވީރަކު ގެޔަކަށް ނާދޭ. މިހިސާބުގަނޑުން މިހާރު ހައްތާވެސް ފެންނަނީ މުސްކުޅީން."

އަނެކަކު ޖަވާބު ދިނެވެ. "އަޚާ. އެވާގޮތަކީ ފިލައިގެން ދެވޭނީވެސް ޒުވާނުންނަށް. މުސްކުޅީންނަކަށް ފިލައިގެނެއް ނުދެވޭނެއެއްނު؟"

އަންހެންމީހާ ހިތްހަމަޖެހުމުގެ ނޭވާއެއް ލައިފިއެވެ. އޭނާ ބުންޏެވެ. "على މީނާއާއެކު ގޮސް އެދެމީހުންގެ ހަށިގަނޑު ނަގައިގެން އެތެރެޔަށް ގެނޭ. އަހަރެން އެތަނަށްގޮސް އަލިކޮށްލަދޭނަން."

އަންހެންމީހާ ދޮރޯށީން ނުކުމެގެން ގޯތިތެރެޔާ ދިމާޔަށް ހިނގައްޖެއެވެ. أحمد އެތަނުން އެކެއްގެ ގަބުރުގެ ދެއަތުގައި ހިފައި އުފުލައިލައްވައިފައި على ގާތު ވިދާޅުވިއެވެ. "ކަލާ ދެފައިގައި ހިއްޕަވާ. ދަމައިފައި ގެންދިޔުމުން މާގިނަ ތަންތާނގައި ލޭހޭކޭނެ."

أحمد އެދެ ހަށިގަނޑު ގެންދެވިއިރު ހަނދުވަރުގެ އަލީގައި އެ މުސްކުޅިޔާއާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލާއަކީ شيـخ أبــو يـعـقــوب ގެ.....؟"

މުސްކުޅިޔާ ޖަވާބު ދިނެވެ. "އަޅުގަނޑަކީ އޭނާގެ ޚާދިމެއް."

"އޭނާ ގޭގައި ނުއުޅުއްވަނީތަ؟"

"އޭނާ ވަނީ ހައްޔަރުވެވަޑައިގެންފައި."

أحمد ކުތުބުޚާނާއަށް ވެދެވަޑައިގެންނެވިއިރު ޒުވާން އަންހެންކުއްޖެއް ދަންމަރެއް ހިފައިގެން ހުއްޓެވެ. أحمد ގެ އެންމެފުރަތަމަ ނަޒަރުންވެސް އޭނާއަށް އިޙުސާސުވެވަޑައިގެންނެވީ އެއަންހެންކުއްޖާއާމެދު އަނދިރީގެ ތެރޭގައި އޭނާގެ ހިތްޕުޅުގައި އުފެދުނީ ކުށް ތަޞައްވުރެއްކަމެވެ. މޮޅިވެރިކަމާއި ހިތާމައިގެ އަސަރުތަކާއެކުވެސް އެކުއްޖާގެ މޫނުމަތީގައިހުރީ އިންތިހާދަރަޖައިގެ ރީތިކަމެވެ. ހިތް ދަމައިގަތުމުގެ އަސަރެވެ. އެއީ ހިމަ ހޯއްދުން ހުރި ކުއްޖެކެވެ. އޭނާ أحمد ފެނުމާއެކު އަނެއްފަރާތަށް މޫނު އަނބުރައިލައިފިއެވެ.

أحمد، على އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ބޭރުގެ ކޮންމެވެސްތަނަކު މިދެމަސްގަނޑު ވަޅުލުން ރަނގަޅެއް ނުވާނެތަ؟"

على ޖަވާބު ދިނުމުގެ ބަދަލުގައި އަންހެންކުއްޖާއާ ދިމާޔަށް ބަލައިލިއެވެ. އެކުއްޖާ ޖަވާބުދިނެވެ. "ނޫން އެކަމަށް ވަރަށްގިނަ ވަގުތު ބޭނުންވާނެ. ކަލާ އަވަސްކުރައްވާ!"

على ކުތުބުޚާނާގެ ބިއްދޮށުގައިހުރި ކުޑަކޮޓަރިޔެއްގެ ދޮރު ހުޅުވައިލައިފިއެވެ. أحمد ގެ އެހީއާއެކު އެދެމަސްގަނޑު އެކޮޓަރިޔަށް ވައްދައިފިއެވެ.

أحمد ވިދާޅުވިއެވެ. "އަދިވެސް އަޅުގަނޑު ދަންނަވާނީ މިކަށްތައް މިތާ ބެހެއްޓުމަކީ ރައްކާތެރިކަމެއް ނޫންކަމުގައި. މާދަމާގެ ނިޔަލަށް މި ކަށްތައް ވަރަށްބޮޑަށް ފިލުނދުވެދާނެ. ތިޔަބޭފުޅާއަށް ގޭގައި އުޅުއްވަންވެސް ކެރިވަޑައިނުގަންނަވާ ވަރަށް ވަސް ނުބައިވެދާނެ. ޤަޞްޠިލާ ސިފައިން މިމީހުން ހޯދަން އުޅުނުކަމުގައިވިޔަސް ފިލުނދުވަހުގެ ސަބަބުން ހޯދަން އުނދަގުލެއް ނުވާނެ. އިރުކޮޅަކުން ހަނދު އޮއްސިދާނެ. އަޅުގަނޑު މިކަށްތައް ގެންގޮސް މަގުމައްޗަށް އެއްލައިލައިފާނަން."

އަންހެންކުއްޖާ ޖަވާބުދިނެވެ. "އަޅުގަނޑުމެން މިތާކު ނުތިބޭނަން. މާދަމާއާ ހަމަޔަށް މިކަށްތަކަކީ އަޅުގަނޑުމެންނަކަށް ނުރައްކަލަކަށެއް ނުވާނެ."

"ކަލާ ވަޑައިގަންނަވާނީ ކޮންތަނަކަށްތޯ؟"

"އެވާހަކަ ދެންނެވުމުގެ ކުރީން އަޅުގަނޑު އޮޅުންފިލުވަން ބޭނުން. ކަލާ މިގަޑީގައި މިގެޔަށް ވަޑައިގެންނެވުމުގެ މަޤުޞަދަކީ ކޮބައިތޯ؟"

أحمد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މިގެޔަށް ފޮނުއްވީ ޣަރުނާޠާއިން قـاضى أبـو جـعـفـر. އޭނާ ވަނީ شيـخ أبــو يـعـقــوب ގެ ނަންފުޅުގައި އަޅުގަނޑަށް ތަޢާރުފުގެ ސިޓީއެއް ދެއްވައިފައި. أبــو يـعـقــوب ހުންނެވީ ޖަލުގައިކަން އަޅުގަނޑަށް އެނގުނީ ހަމަދެންމެ. ކަލާގެ ޚާދިމުގެ ފަރާތުން އަޅުގަނޑު މިރަށަށްއައީ މިއަދު ހަވީރު. އަޅުގަނޑު ފޭބީ ރަށްބޭރުގެ ކުޑަކުޑަ ސަރާއަކަށް. އަޅުގަނޑު ގަސްދުކޮށްގެންހުރީ މިރޭ އެތާނގައި ހުރެފައި ހެނދުނު މިގެޔަށް އަންނާންކަމަށް. އެކަމަކު އަޅުގަނޑު އެ ސަރާގެ ކައިރީގައިހުރި މިސްކިތަކުން މަޣުރިބުނަމާދު ކޮށްގެން ފޭބިތަނާ ސަރާގެ ވެރިޔާގެ ދަރިފުޅު އަޅުގަނޑުގެ ގާތަށް އައިސް ބުނެފި ފުލުހުން އަޅުގަނޑުގެ އަސް އަތުލި ވާހަކައާއި ސިފައިންގެ ބަޔަކު އަޅުގަނޑުގެ އިންތިޒާރުގައި ސަރާގައި ތިބި ވާހަކަ. އަޅުގަނޑަށް މަޖުބޫރުވީ މިގެއަށް އަންނަން. އަޅުގަނޑު މިއަވަށަށް އަންނަން މަގުދެއްކީ އެކުއްޖާ."

އަންހެންކުއްޖާ ސިއްސައިގެން ގޮސްފައި ބުނެފި. "ކަލާ ވަޑައިގަންނަވަނީ ބައްޕާފުޅާ ބައްދަލުކުރައްވާން ކަމުގައި އެކުއްޖާގެ ގާތުގައި ވިދާޅުވީމުތޯ؟"

އެ އަންހެންކުއްޖަކީ شيـخ أبــو يـعـقــوب ގެ ބޭފުޅެއްކަން أحمد އަށް އެނގިވަޑައިގެންނެވީ އެހައިތަނުންނެވެ. أحمد ވިދާޅުވިއެވެ. "ނޫން. އަޅުގަނޑު އެކުއްޖާ ގާތު އެއްވެސް ވާހަކައެއް ނުދައްކަން. އެކުއްޖާ މިއަވަށާ ކައިރީން އަޅުގަނޑާ ވަކިވެގެން އެނބުރި ހިނގައްޖެ. އެއަށްފަހު އަޅުގަނޑު ވަނީ މަގުކައިރީގައިހުރި މިސްކިތަކަށް. މިސްކިތުގައި މީހަކު ނަމާދުކުރާންހުރި. މިގޭގެ އެޑްރެސް އަޅުގަނޑަށް ބުނެދިނީ އެމީހާ."

"އެމީހާއަކީ ސަރުކާރުގެ ޖާސޫސެއް ނޫންކަން ކަލާޔަށް ކަށަވަރުތޯ؟"

"އާދެ. އޭނާ ހީކުރީ އަޅުގަނޑަކީ ސަރުކާރުގެ މީހެއްކަމުގައި. އޭނާ ކަލާގެ ބައްޕާފުޅު ހައްޔަރުވެވަޑައިގެންނެވި ވާހަކަ އަޅުގަނޑު ގާތު ނުބުނީ އެހެންވެގެންކަމުގައި ވެދާނެ. އަޅުގަނޑު ހިތާމަކުރަން. އަޅުގަނޑަކަށެއް މިގޭގެ ކަންހުރިގޮތެއް ނޭނގެ. އެހެންނޫންނަމަކަ އަޅުގަނޑު މިފަދަ ވަގުތެއްގައި ކަލާއަށް އުނދަގޫފުޅެއް ނުކުރީމުސް."

އަންހެންބޭފުޅާ ވިދާޅުވިއެވެ. "قـاضى أبـو جـعـفـر އަކީ ބައްޕާފުޅުގެ ރަޙުމަތްތެރިއެއް. އޭނާ ޠުލައިޠުލާއަށް ވަޑައިގަންނަވާ ކޮންމެފަހަރަކުވެސް ހުންނަވަނީ މިގޭގައި. އަޅުގަނޑުގެ ސުވާލަކީ އޭނާ ކަލާ ފޮނުއްވީ ކޮން މަޤުޞަދެއްގައިތޯ؟"

"އަޅުގަނޑު އައީ ކަލާގެ ބައްޕާފުޅު މެދުވެރިކޮށް މިތާނގެ މިނިވަންކަމަށް ލޯބިކުރާ މީހުނާ ގުޅުން އުފައްދަން. އަޅުގަނޑަށް ހީވާގޮތުގައި މިހާރު އެކަން ކޮށްދެއްވޭނީ ކަލާއަށް."

އަންހެންބޭފުޅާ ހިތާމަވެރި ލަހެޖާއަކުން ވިދާޅުވިއެވެ. "އެކަމަކު މެހުމާނަކު އަޅުގަނޑުމެންގެ މުސީބާތުގެ ހިއްސާދާރަކަށް ވެވަޑައިގަންނަވާކަށެއް އަޅުގަނޑުމެން ނޭދެން."

"އެކަމަކު މިހާރުވެސް އަޅުގަނޑާހުރެ މިވަނީ ކަލާއަށް ވަރަށްބޮޑު ނުރައްކަލެއް ކުރިމަތިވެފައި. ފަހަރެއްގައި އެއީ މުޅި މިހިސާބުގަނޑަށްވެސް ކުރިމަތިވި ނުރައްކަލަކަށް ވެދާނެ."

"ބާޣީންގެ އަދަބަކީ ކޮބައިކަން ކަލާއަށް އެނގިވަޑައިގަންނަވާތޯ؟"

"އާދެ. އަޅުގަނޑަށް އެނގޭ. މަދަރުސާގެ ކުރިމަތީގައި އެލުވައިފައިހުރި ހަށިތައް ދެކެފިން."

"އެހަށިތައް!" އަންހެންބޭފުޅާ ވޭނީ ރާގެއްގައި ވިދާޅުވިއެވެ. "މީގެ ދެހަފުތާގެ ކުރީން އަޅުގަނޑުގެ ބޭބެއާއި ބޮޑުބޭބެ ވަނީ އެތާނގައި ދަންޖައްސައިފައި." އަންހެންބޭފުޅާގެ ލޯފުޅުގައިވަނީ ކަރުނަފޮދެއް ނޫނެވެ. އެރީތި ލޯފުޅުން ނުކުމެނުކުމެހުރީ ބަދަލުހިއްޕެވުމުގެ އަލިފާނެވެ. أحمد ގެ ދޫފުޅުވަނީ އޭނާގެ އިޙުސާސު ތަރުޖަމާކޮށްދެއްވަން ނުކުޅެދިފައެވެ. އޭނާ ތުންފަތްޕުޅު ހައްޕަވަނީއެވެ.

އަންހެންބޭފުޅާ على އާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "على އަހަރެމެން ދާންވީ އޭނާގެ އަރިހަށް. ހަނދު އޮއްސުމުން އަނދިރީގެ ތެރޭގައި ކަލެޔަށް އެމަގު ހަނދާނެއް ނުނެތޭނެތަ؟"

"ތިޔަ ވިދާޅުވީ އަޅުގަނޑުމެން عبـدالـواحــد ގެ އަރިހަށް ދާންވީއޭތޯ؟"

"އާނ!"

أحمد ސުވާލުކުރެއްވިއެވެ. "عبـدالـواحــد އަކީ ކާކުތޯއެވެ؟"

އެއީ މިހާރު އަޅުގަނޑުމެންގެ ލީޑަރު. ކަލާ އަޅުގަނޑުމެންގެ މުސީބާތުގެ ބައިވެރިޔަކަށް ވެވަޑައިގަންނަވާން ނިންމަވައިފި ކަމުގައިވާނަމަ އަޅުގަނޑުމެންނާއެކު ވަޑައިގަންނަވާން ތައްޔާރުވެވަޑައިގަންނަވާ!"

أحمد ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ޣަރުނާޠާއިން ފުރީވެސް ތިޔަބޭފުޅުންގެ މުސީބާތުގެ ބައިވެރިޔަކަށްވާން ޢަޒުމު ކަނޑައަޅައިގެން."

އަންހެންބޭފުޅާ ވިދާޅުވިއެވެ. "على! ކަލޭގޮސް طـلحــة ގެ ގޭގެ ދޮރޯށީގައި ޓަކިޖަހައިލާ. އެގޭގެ ޚާދިމެއް ކަލޭގެ އިންތިޒާރުގައި ހުންނާނެ. އަހަރެމެން ދާވާހަކަ އޭނާ ގާތު ބުނޭ. ފަތިސްވުމުގެ ކުރީން ގޯޅިތެރެއިން ލޭގެ ނިޝާން ފިލުވާށޭ ބުނާތި. މަގު ހުރަސްކުރުމުގެ ކުރީން ރަނގަޅަށް ދެކޮޅު ހޯދައި ބަލާތި. ކަލޭ އަންނާންވާއިރަށް އަހަރެން ތައްޔާރުވާނަން."

أحمد، على ގާތު ވިދާޅުވިއެވެ. "އަހަރެންވެސް ކަލެޔާއެކު ދާނަން."

على އާއި أحمد އާ ބޭރަށް ނުކުމެވަޑައިގެންނެވުމުން އަންހެންބޭފުޅާ އުށްބައްތިޔެއް ދިއްލައިލައްވައިފިއެވެ. އޭނާ މަތީބުރީގެ ކޮޓަރިޔަކަށް ވަޑައިގެންފިއެވެ.

أحمد އާއި على އާ އިރުކޮޅެއްގެފަހުން އެކޮޓަރިޔަށް އެނބުރި ވަޑައިގެންފިއެވެ. أحمد ގޮނޑިޔެއްގައި އިށީނދެވަޑައިގަންނަވަމުން على ގާތު ވިދާޅުވިއެވެ. "އަހަރެން އައީ އަހަރެންގެ ދުނިދަނޑިއާއި ތުރުކަސް ސަރާއަށް ދޫކޮށްލައިފައި. މިގޭގައި ލިބޭންހުރި ހުރިހައި ދުނިދަނޑިތަކަކާއި ތީރުތަކެއް ނަގާ. މަގުމަތީގައި ބޭނުންވުމަކީ އެކަށީގެންވާ ކަމެއް."

"މިހާރު މިގެންނަނީ." على އެހެން ބުނެފައި އެހެން ކޮޓަރިޔަކަށް ހިނގައްޖެއެވެ. އޭނާ ދުނިދަނޑިއަކާއި ދުނިއަޅައި ފުރައިފައި އޮތް ތުރުކަހެއް ގެނެސްފިއެވެ.

أحمد، على އާ ކުޑައިރުކޮޅަކު ވާހަކަ ދައްކައިލެއްވުމަށްފަހު ޚިޔާލުފުޅުގެ ދުނިޔެއަކަށް ގެއްލިވަޑައިގެންފިއެވެ. އޭނާ ވަނީ އިންސާނިއްޔަތުގެ ދުޝްމިނުންގެ ދެމީހަކު އެންމެފުރަތަމަ ފަހަރަށް ޤަތުލުކުރައްވައިފައެވެ. އޭނާގެ ހިތްޕުޅުގައިވަނީ މާމެލާމެލީގެ ހިނިތުންވުމުގެ ތެރޭގައި ދުނިޔެއަށް ލޯފުޅު ހުޅުއްވައިލެއްވި އިންސާނަކު ކަނޑިއުފުލައިލައްވަން މަޖުބޫރުކުރުވި ޙާލަތާމެދު ކުރައްވާ އިޙުތިޖާޖެވެ. އެތައް ލައްކަ އިންސާނުންގެ މޫނުމަތީން އުފާވެރިކަމުގެ ހިނިތުންވުން ފޭރިގަތް ނިޒާމާ ދެކޮޅަށް ކުރައްވާ ގިނަގުނަ ޝަކުވާތަކެވެ. އޭނާ ހިތްޕުޅުން ވިދާޅުވަމުން ގެންދެވިއެވެ. އެއްދުވަސްވަރެއްގައި އަންދަލުސަކީ ސުވަރުގޭގެ ނަމޫނާއެކެވެ. އެކަމަކު އަމިއްލަ އެދުމުން ފުރިފައިތިބި މަދުބައެއްގެ ސަބަބުން އަންދަލުސު މިހާރު މިވަނީ ނަރަކަޔަކަށް ބަދަލުވެފައެވެ. އެތަކެއް ލައްކަ އިންސާނުންނަށް މިހާރު މިވަނީ މަދުބައެއްގެ ދީންވެރިކަމެއް ނެތުމާއި މަގުފުރެދުމުގެ ސަޒާ ލިބިގަންނާން ޖެހިފައެވެ. މާތް اللّـه ގެ މިދުނިޔެއަކީ ކިހައި ރީތި ކިހައި ހިތްފަސޭހަ ދުނިޔެއެއް ހެއްޔެވެ. އިންސާނުން މިވަނީ މިރީތި ހިތްފަސޭހަ ދުނިޔެ ކިހައި ހުތުރުކޮށްފައިހެއްޔެވެ. ކިހައިވަރަކަށް ހަލާކުކޮށް ސުންނާފަތި ކޮށްފައިހެއްޔެވެ؟ ޤުދުރަތުން އާދަމުގެ ދަރީންގެ ބަގީޗާގައިވަނީ މާމެލާމެލީގެ ނާސަރީތަކެއް އުފައްދަވައި ދެއްވައިފައެވެ. ނަމަވެސް މިނަލަނަލަ ޗާލު ބަގީޗާގެ އެތެރެފުށް ނުބައި އަދި ޤާބިލިއްޔަތެއް ނެތް ޑަރޯގާއިން މިވަނީ މިރީތި ބަގީޗާ ކަށިކުނބުރު ޖަންގައްޔަކަށް ބަދަލުކޮށްފައެވެ.

أحمد ގެ ހިތްޕުޅަށް އެހައިތަނުން ފެށިގެން ތަކުރާރުކޮށް އަރައިފައިބަމުން ދާންފެށީ އެ އަންހެންބޭފުޅާގެ ޚިޔާލެވެ. އޭނާގެ ބައްޕާފުޅުވަނީ ޖަލުގައެވެ. ބޭބޭފުޅާއި، ބޮޑުބޭބޭފުޅުވަނީ ހަތަރު އަނގޮޅިޔެއްގައި ދަންޖައްސައިފައެވެ. އޭނާގެ މޭފުޅުގައި ރޯވެ އަނދަމުން އެދަނީ އިންސާނިއްޔަތުގެ ދުޝްމިނުންގެ ކިބައިން ބަދަލުހިއްޕަވާން އެދިވަޑައިގަންނަވާ އެދިވަޑައިގެންނެވުމުގެ އަލިފާނެވެ. އެ ނުލަފާ ދުޝްމިނުންވަނީ އަންދަލުސުގެ ދިގާއި ހުރަހުން އެތަކެއްހާސް އަންހެންދަރީންނާއި އުޚުތުންގެ ޙަޔާތުގެ ހުރިހައި އުފަލަކާއި ރާހަތެއް ފޭރިގެންފައެވެ. أحمد ގެ ޒަމީރު އޭނާގެ އަރިހުގައި ދަންނަވަމުންދެއެވެ. "أحمد އެވެ! ކަލާ އުފައްދަވައިފައިވަނީ މި ޖައްވުގައި ރީތި ޅެންތަކާއި ލަވަތައް ވިދާޅުވާކަށެއް ނޫނެވެ. އަދި ކީއްތޯއެވެ. ވަރުގަދަޔަށް ހަޅޭފުޅު ލެއްވެވުމަށްޓަކައެވެ. ޝަބުނަމަށްވުރެ ބޮޑަށް މިހާރު މި ބަގީޗާއަށް ބޭނުންވެފައިވަނީ މި ބަގީޗާގެ ކަށިގަސްތައް އަންދައި އަޅިޔަށް ހަދައިލާނެ ހޮނު އެޅުމަކަށެވެ."

ކޮންމެވެސް މީހަކު ހިނގައިފައި އަންނަ އަޑު އިވިވަޑައިގެންނެވުމާއެކު أحمد އެނބުރިވަޑައިގެން ބައްލަވައިލެއްވިއެވެ. އެއާއެކު ކުއްލިޔަކަށް ފުންމައިވަޑައިގެން ވަޑައިގެން ފާރުކައިރިޔަށް ހުއްޓިވަޑައިގެންފިއެވެ. އޭނާ ކަނޑި އުރައިން ދަންމަވައިގެންނެވިއެވެ. އޭނާ ހުންނެވީ ދަގަނޑުދަހަނާ އަޅައިގެންހުރި މީހަކާ ދިމާޔަށް ބަލަހައްޓަވައިގެންނެވެ. އެ ދަގަނޑުދަހަނާ އެޅިމީހާ އެއްވެސް ޙަރަކާތެއް ނުކުރުމުން އޭނާ على އާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ.

على ބުންޏެވެ. "ކަލާ ބިރުފުޅުގެން ވަޑައިގެންނެވީ ކީއްވެގެންތޯ؟ މިއީ ހަމަ އޭނާ!"

أحمد އަށް އެއީ ކާކުކަން އެނގިވަޑައިގެންނެވުމާއެކު ލަދުފުޅުން ކަނޑި އުރަޔަށް ލައްވައިފިއެވެ.

އަންހެންބޭފުޅާ ވިދާޅުވިއެވެ. "މަޢާފުކުރައްވާ! އަޅުގަނޑު ކުއްލިޔަކަށް މިހެދުމުގައި ހުއްޓައި ފެނިވަޑައިގެންނެވުމުން ކަލާ ތިޔަހައި ހައިރާންވެވަޑައިގަންނަވާނެ ކަމަކަށް ހީއެއް ނުކުރަން. މިއީ އަޅުގަނޑުގެ ޝަހީދުވެވަޑައިގެންނެވި ބޭބޭފުޅުގެ ހެދުންކޮޅު. އަޅުގަނޑަށް ހީވާގޮތުގައި އަޅުގަނޑުމެން މިހާރު މިތަނުން ދާންވެއްޖެ!"

أحمد ވިދާޅުވިއެވެ. "މިގޭގެ ދޮރޯށި މިހިރީ އެތެރެއިން ތަޅުލައިފައި. އެހެން ދިމާޔަކުން ނުކުމެވޭނެ މަގެއް ނެތްތޯ؟ ބޭރުން ދޮރޯށި ތަޅުލައިފައި ދިޔުމަކީވެސް ރައްކާތެރިކަމެއް ނޫން."

"އަޅުގަނޑު ތިޔަ ހުރިހައިކަމެއް ހަމަޖައްސައިފިން. އަޅުގަނޑުމެން ބޭރަށް ނުކުންނާނީ އަވަށްޓެރި ގެއެއްގެ ތެރެއިން. على މި އުށްބައްތި ނިއްވައިލައިފައި އޭނާ ގޮވައިގެން މައްޗަށް އާދޭ."

على އުށްބައްތިޔަށް ފުމެ ނިއްވައިލައިފައި أحمد ގޮވައިގެން އަންހެންބޭފުޅާގެ ފަހަތްޕުޅުން ދާންފަށައިފިއެވެ. ގޭގެ އެއްކަނެއްގައިހުރި ސިޑިޔަކުން މައްޗަށް އެރުމަށްފަހު ވަދެވުނީ މަތީބުރީގެ އަލިކޮށްފައިހުރި ކޮޓަރިޔަކަށެވެ. އަންހެންބޭފުޅާ އެކޮޓަރީން އުށްބައްތިއެއް ނަންގަވައިފިއެވެ. އަނެއްކާވެސް ތިންކޮޓަރިޔެއް ހުރަސްކޮށްފައި އެއްކަނެއްގައިހުރި ތަނަވަސް ކޮޓަރިޔަކަށް ވަދެވިއްޖެއެވެ. އަންހެންބޭފުޅާ އެކޮޓަރިޔަށް ވެދެވަޑައިގެންނެވުމާއެކު އުށްބައްތި ނިއްވައިލައްވައިފިއެވެ. އޭނާ ކުޑަދޮރެއް ހުޅުއްވައިލައްވައިފައި ބޭރު ބައްލަވައިލައްވަމުން ވިދާޅުވިއެވެ. "ބޮޑުދައިތާ އަޅުގަނޑުމެން ދަންތޯ؟"

ކުޑަދޮރުގެ އަނެއްފަރާތުން ޖަވާބު ދިނެވެ. "އަވަސްކުރައްވާ!"

ޖެހިގެންހުރި ގޭގެ ފުރާޅު އެކުޑަދޮރަށްވުރެ ފަސްފޫޓެއްހައިވަރު ތިރިއެވެ. އެތިންބޭފުޅުން އެއްބޭފުޅަކަށްފަހު އަނެއްބޭފުޅަކު ކުޑަދޮރުން ފުންމައިލައްވައިގެން އެގޭގެ ފުރާޅުމައްޗަށް ވަޑައިގެންފިއެވެ. އެތާނގައި ދެއަންހެނަކު އިންތިޒާރުގައި ތިއްބެވެ. އެދެމީހުން އެބޭފުޅުން ގޮވައިގެން ތިރިޔަށް ފައިބައިފިއެވެ. އެމީހުން ދިޔައީ ގޯތިތެރެއިން މަގުމައްޗަށް ހުޅުވޭ ދޮރުކައިރިޔަށެވެ. ދޮރޯށި ކައިރީގައިވެސް މީހަކު އިންތިޒާރުގައި ހުއްޓެވެ. އޭނާ ދޮރޯށި ހުޅުވައިލަމުން ބުންޏެވެ. "އަޅުގަނޑު މިއައީ ވަރަށް ދުރަށް ދަންދެން ބަލައިފައި. މިހާރަކު މިއިން ހިސާބަކުން ސިފައިންގެ މީހަކު ނުފެނޭ. އެހެންކަމުގައިވިޔަސް ރައްކާތެރިވާން ޖެހިވަޑައިގަންނަވާނެ. على ކަލޭ މިބޭފުޅުން ބޮޑުމަގުގެ ބަދަލުގައި އަނެއްފަރާތުން ގޮވައިގެންދޭ. އެންމެ ރައްކާތެރިވާނީ ދަނޑުތަކުގެ ތެރެއިން ކޯރާ ދިމާޔަށް ދެވޭން އޮންނަ ވަލުހިނގާމަގު!"

އަންހެންބޭފުޅާ ވިދާޅުވިއެވެ. "ޤަތުލުވި ދެމީހުންގެ ހަށިގަނޑު އޮންނާނީ ކުތުބުޚާނާއާ ޖެހިގެންހުރި ކޮޓަރީގައި. ރަނގަޅުވާނީ ކޮންމެވެސް އެހެންތަނެއްގައި އެކަށްތައް ފޮރުވިއްޔާ!"

"ދަރިފުޅު އެކަމާ ފިކުރު ނުކުރައްވާ! އޭނާގެ އަރިހުގައި އަޅުގަނޑުމެންގެ ފަރާތުން ވިދާޅުވޭ އަޅުގަނޑުމެން މިތިބީ އޭނާގެ އަމުރުފުޅުގެ އިންތިޒާރުގައޭ. ރައްކާތެރިވެވަޑައިގަންނަވާތި! ޚުދާ ޙާފިޒު!"

(ނުނިމޭ)