ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މަރުވި ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ހަސަން އަލީ މަނިކު (ކޮއްޔަ ހަސަނިކު)ގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސްގެ އަމިއްލަ އަތްޕުޅުން ލިޔުއްވައި މިއަދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވީ، ކޮއްޔަ ހަސަނިކުއަކީ އުފެއްދުންތެރި ހިޔާލު ތަނަވަސް ބޭފުޅެއް ކަމަށެވެ. އަދި މީގެ ތިން ހަފުތާ ކުރިން އޭނާއާ ބައްދަލުކޮށް އެފަދަ އެތައް ވާހަކައެއް ހިއްސާ ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"ހަސަނިކަކީ ވަރަށް ގިނަ ބައެއްގެ ތާއީދާއި ލޯބި ހޯއްދެވި ފަންނާނެކެވެ،" ރައީސް ވިދާޅުވި އެވެ.

ކޮއްޔަ ހަސަން މަނިކަށް ކޮވިޑް ޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ނަމަވެސް ހާލު ދެރަވުމާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށް، ފަރުވާ ދެމުންދަނިކޮށް މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.