ކުޅިވަރު

މެސީ ގެންދިޔުމުގެ ވިސްނުމާ ސިޓީ ދުރަށް

މުޙައްމަދު ޝަމްޢޫން

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ގެންދަން މެންޗަސްޓާ ސިޓީން މިވަގުތު މަސައްކަތް ނުކުރާ ކަމަށް އެ ކްލަބުން ބުނެފިއެވެ.

މި ސީޒަންގެ ނިޔަލަށް ބާސާއާއެކު މެސީ ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު، މި ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލާނެ ކަމަށް އޮތީ ވަރަށް ބޮޑަށް ބެލެވިފައެވެ. އެހެން ނަމަވެސް ބާސާގެ ރައީސް ކަމަށް މިހާރު ވާދަކުރާ ހުރިހާ ކެންޑިޑޭޓުންވެސް މެސީ ކްލަބުގައި ބަހައްޓަން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

ޔޫރަޕްގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ މެސީ، ބާސާ ދޫކޮށްލުމުގެ ވާހަކަތައް މިދިޔަ ސީޒަނަށްފަހު ދައްކަން ފަށާފައިވާއިރު، މެސީ ވަނީ އަމިއްލައަށްވެސް ކްލަބު ދޫކޮށްލަން އެދިފައެވެ. ބާސާއިން އޭނާ ދޫނުކުރި ނަމަވެސް މި ސީޒަން ނިމުމުން މެސީ ކްލަބު ދޫކޮށްލާނެ ކަމަށް ކުރިން ބުނެފައިވާއިރު، އޭނާ ދާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނީ ސިޓީއަށެވެ.

ސިޓީއާއި ޕީއެސްޖީ ފަދަ ކްލަބުތަކަކީ މެސީ ގެންދިޔުމުގެ ކުޅަދާނަކަން ހުރި ހަމައެކަނި ކްލަބުތައް ކަމަށްވާއިރު، ސިޓީން ބުނެފައި ވަނީ މެސީ ގެންދަން އެ ކްލަބުން ބިޑުކޮށް، މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. ކުރިން މެސީ ސިޓީއަށް ގެންދަން މަސައްކަތް ކުރި ކަމެއް، ނުވަތަ ނޫން ކަމެއް ސިޓީން ހާމަކޮށްފައިނުވާއިރު، މެސީގެ ޓްރާންސްފާއާ ސިޓީން ދުރަށް ޖެހިލުން ވެގެންދާނީ އެހެން ކްލަބުތަކަށް ލިބޭނެ ފެހި ސިގްނަލަކަށެވެ.

ޚާއްސަކޮށް ޕީއެސްޖީ ފަދަ ފައިސާގެ ގޮތުން މުއްސަނދި ކްލަބުތަކުން މެސީއަށް އަބަދުވެސް ފާރަލަމުން ދެއެވެ، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަ ފަހަރަށް ހޯދާފައިވާ މެސީ އަކީ އަބަދުވެސް ޕީއެސްޖީގެ ޓާގެޓެއް ކަމަށް އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރު ލިއެނާޑޯ ވަނީ ކުރިން ބުނެފައެވެ.