މުޒާހަރާ ކުރުމަކީ ކުށެއް ނޫން ކަމަށާއި އެއީ އަސާސީ ހައްގެއް ކަމަށް ކުރީގެ އުއްތަަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން އިއްޔެ އިންޒާރު ދިނުމާ ގުޅިގެންނެވެ.
އިދިކޮޅު ފަރާތްތަކުން މާލޭގައި އިއްޔެ ކުރި މުޒާހަރާއާ ގުޅިގެން ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ރޭ ވިދާޅުވީ، ކޮވިޑާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު، ޕީޕީއެމް އާއި ޕީއެންސީން އިންތިޒާމު ކޮށްގެން މާލޭގައި ގަވާއިދާ ހިލާފަށް އެއްވުންތައް ބާއްވަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތައް ތަކުރާރުކޮށް ފުލުސް އޮފީހަށް ގެނެސް ނަސޭހަތް ދީފައިވާނެ ކަމަށާއި ނަމަވެސް އެއްވުންތަކަށް ހުއްޓުމެއް އައިސްފައިނުވާތީ އެފަދަ ކަންކަން ކުރާނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ތަނުގައި މިފަދަ އެއްވުންތައް ބާއްވަމުންދާ ކަމުގައިވަނީނަމަ އެކަމަކީ ގާނޫނު ހިންގުމަށް ހުރަސްއެޅުން ނުވަތަ ދައުލަތުގެ ހިންގުމަށް ހުރަސް އެޅޭ ފަދަ ކަމަކަށްވާތީ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނަން،" ޝަރީފް ވިދާޅުވި އެވެ.
ފުލުހުންގެ އެ އިންޒާރަށް ރައްދު ދެއްވައި ޑރ. ދީދީ ވިދާޅުވީ، ގާނޫނުލް އުގޫބާތަކީ ކުޅޭ ކުޅޭ އެއްޗަކަށް ހަދައި ގާނޫނުގައި ސާފު އިބާރާތުން ކުށެއް ކަމަށް ކަނޑައަޅައިފައި ނުވާ ކަމެއްގެ މައްޗަށް ގާނޫނު އަސާސީގެ 59(ހ) އާ ހިލާފަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި މުޒާހަރާ ކުރުމަކީ ކުށެއް ނޫން ކަމަށާއި އެއީ އަސާސީ ހައްްގެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު