ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު އަންނަ ހޮނިހިރު ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖައިޝަންކަރުގެ ދެ ދުވަހުގެ އެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ފޮރިން މިނިސްޓަރު ޝާހިދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގުނު މުހިންމު މަޝްރޫއުތަކެއް އިފްތިތާހުކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ 2019 ވަނަ އަހަރު މެއި މަހު މަގާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅަކީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ފަސްވަނަ އިންޑިއަން އޯޝަން ކޮންފެރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެވެ.