ރާއްޖެއިން އޮމާންއަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރު މުހައްމަދު ހަލީލު ސަފީރުކަމުގެ ފަތްކޮޅު، އޮމާންގެ ރަސްގެފާނު ސުލްތާނު ހައިތަމް ބިން ތާރިކްއަށް އަރުވައިފިއެވެ.
ހަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި އޮމާންގެ ވެރިރަށް މަސްކަޓްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި އެމްބެސެޑަރު ހަލީލު ވަނީ އޮމާންގެ ރަސްގެފާނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ރައްޔިތުންގެ ފަރާތުން މަރުހަބާ ދަންނަވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އެރުވުމުގެ ކުރިން، އެމްބެސެޑަރު ހަލީލު ވަނީ އެ ފަތްކޮޅުގެ ކޮޕީއެއް، އޮމާންގެ ހާރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީއަށް ފޮނުއްވައިފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އޮމާންގެ ފަރާތުން އެގައުމުގެ މާލީ ވަޒީރާއި ހާރިޖީ ވަޒީރުގެ އިތުރުން ހެޑް އޮފް ރޯޔަލް ޕްރޮޓޮކޯލް، ކޮމާންޑާ އޮފް ރޯޔަލް ގާޑް އަދި ރަސްގެފާނުގެ މިލިޓަރީ އެއިޑް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރާއްޖޭގެ ފަރާތުން ސަފީރުގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ހުސައިން ސިނާހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު