ދިވެހި ގައުމީ ޓީމު އަދި ކްލަބު އީގަލްސްގެ ވިންގާ އަހުމަދު ރިޒުވާން (ރިޒޭ)ގެ ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން ސާޖަރީއެއް ހަދައިފިއެވެ.
ރިޒޭގެ ކަކުލުގެ އޮޕަރޭޝަން ކާމިޔާބު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ކުރެއްވި ޓުވީޓެއްގައި ހާމަކުރައްވާފައިވާއިރު، ބައްސާމް ވަނީ ރިޒޭއަށް އަވަސް ޝިފާއަކަށް އެދިފަ އެވެ.
މިސީޒަންގެ ކުރީކޮޅުގައި ރިޒޭގެ ކަކުލަށް އަނިޔާވެ ބައެއް މެޗުތައް ގެއްލިފައިވާއިރު، އެންމެފަހުން އޭނާއަށް އަނިޔާވީ އީގަލްސް އިން ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ރިޒޭގެ ކަކުލަށް އަނިޔާވެ، އޭނާ ދަނޑުން ބާލަން ޖެހުނީ އަށިގަނޑުގައެވެ.
މެޗަށްފަހު ސްކޭންކޮށް، ރިޒޭގެ ކަކުލަށް ލިބިފައިވާ އަނިޔާގެ ތަފްސީލު ހާމަކޮށްފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ. ބައްސާމްގެ މީސް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް އޭނާ ހާމަކޮށްފައިވާ ގޮތުގައި ރިޒޭގެ ކަކުލުގެ މައި ލިގަމެންޓް، އޭސީއެލް ވީދައިގެން ގޮސްފައިވެ އެވެ.
ރިޒޭގެ އަނިޔާއާ ގުޅިގެން ސާޖަރީ ހަދާފައިވާއިރު، އޭނާ ގާތްގަނޑަކަށް ހަ މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެއެވެ.
ރިޒޭއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު، އެންމެ ފޯމުގައި ކުޅެމުން އަންނަ ކުޅުންތެރިޔާއެވެ. އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ރިޒޭ، 2015 ވަނަ އަހަރުން ފެށިގެން އީގަލްސްއަށް ކުޅެމުން އަންނައިރު، އޭނާ ވަނީ ކްލަބާއެކު ޕްރެސިޑެންޓްސް ކަޕެއް ވެސް ކާމިޔާބު ކޮށްފަ އެވެ.
2018 ވަނަ އަހަރުގެ ސީޒަންގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި، އޭނާ ވަނީ ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަކޮށްފައެވެ. ކ. ދިއްފުއްޓަށް އުފަން ރިޒޭއަކީ އުމުރުން 25 އަހަރުގެ ޒުވާން ތަރިއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު