ވިޔަފާރި

ކިނޮޅަހުގެ ކުނި މެނޭޖުކުރުމަށް ބީއެމްއެލްގެ އެހީ

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ރ. ކިނޮޅޮހުގައި ކުނި މެނޭޖުކުރުމުގެ ސިސްޓަމްގައި ހިމެނޭ އެކި ބާވަތުގެ ކުނި ވަކިކުރުމާއި އާންމު ތަންތަނުގައި އުފެދޭ ކުނި ފަސޭހަކަމާއެކު މެނޭޖުކުރުމަށް އެހީތެރިވުމުގެ ގޮތުން ހިންގި ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި ޕްރޮޖެކްޓު ހިންގުމަށް އެރަށު ވާފިރު އަހުމަދު ޕްރޮޕޯސަލް ހުށަހެޅި އިރު ކިނޮޅޮހުގެ ކައުންސިލުން އައީ ރަށުގެ އެންމެހައި ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖުކުރަމުންނެވެ.

ވާފިރު ބުނީ، ކިނޮޅޮހުގެ ކައުންސިލުން ރަށުގެ ގޭބިސީތަކުން ކުނި ނަގައި ދުވަހުން ދުވަހަށް ކުނި މެނޭޖް ކުރަމުން އައި ނަމަވެސް ކުނި ވަކިކޮށް އަދި ކުނި އެޅުމަށް ހާއްސަ ގޮތްތަކެއް ނެތުމުން ދަތިތަކާ ކުރިމަތިވެފައި އޮތް ކަމަށެވެ.

އެގޮތުން މި ޕްރޮޖެކްޓުގެ ދަށުން ރަށުގެ ފަސް ސަރަހައްދެއްގައި ވަނީ އެކި ބާވަތުގެ ކުނި އެޅުމަށް ހާއްސަ ޑަސްބިންތަކެއް ބަހައްޓާފައިވާ ކަމަށް އޭނާ ބުންޏެވެ.

"ބަނދަރު ސަރަހައްދާއި އާންމު ތަންތަނުގައި އުފެދޭ ކުނިތައް ވަކިކޮށް އެ ކުނި އެޅުމަށް ޑަސްބިން ބެހެއްޓިގެން ދިއުމާއެކު މިރަށުގެ ކުނި މެނޭޖުކުރުމަށް މިވަނީ ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިފަ. އަދި މިއީ ރަށަށް ލިބިގެންދާ ޒީނަތްތެރިކަމެއްވެސްމެ. އަޅުގަނޑުގެ އުއްމީދަކީ 'ރީތި ކިނޮޅަސް، މަގޭ ކިނޮޅަސް' މި ޝިއާރާ އެއްގޮތަށް އެންމެހާ ބޭފުޅުންގެ އެއްބާރުލުން ލިބިގެންދާނެކަމަށް." ވާފިރު ބުންޏެވެ.

އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ.

މިގޮތަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޖެކްޓު ހޮވައި އެ ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ބޭންކުން ފޯރުކޮށްދެ އެވެ.

ބޭންކުން މިހާރު ވަނީ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ދެވަނަ ކުއާޓާއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ލިބޭނެ އެވެ.