ނަހާ، ޖަޕާން – ޖަޕާނުގެ ކަނޑުގެ ސަރަހައްދުގައި އޮންނަ ސެންކަކޫ އައިލެންޑު ކައިރިއަށް ޗައިނާ ކޯސްޓް ގާޑުގެ އިތުރު ދެ އުޅަނދެއް ވަދެ، ހަރަކާތްތެރިވާން ފަށައިފި އެވެ.

ސެންކަކޫ އައިލެންޑް ނުވަތަ ޗައިނާއިން ބުނާ ގޮތުން، ޑިއައުޔޫ އައިލެންޑްސް އަކީ ޖަޕާނުގެ އެންމެ ދެކުނުގައި އޮންނަ ފަޅު ރަށްތަކެކެވެ. ޝިޕިން ލޭނުތަކާއި ކައިރީގައި އޮންނަ އަދި މަސްވެރިކަން ތިޔާގި ސަރަހައްދެއްގައި އޮންނަ އެ ރަށްތަކަކީ 1895 ވަނަ އަހަރުން ފެށިގެން ޖަޕާނުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ރަށްތަކެކެވެ.

ނަމަވެސް އެ ރަށްތައް ކައިރީގައި ތެޔޮ ހުރިކަމުގެ ހެކިތަކާއެކު 1970 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ޗައިނާއިން ވަނީ އެރަށްތަކުގެ ބާރުވެރިކަމާމެދު ސުވާލު އުފައްދަމުންނެވެ. އެ ފަހުން ޗައިނާއިން ދަނީ ދޭތެރެ ދޭތެރެއިން އެގައުމުގެ ކޯސްޓް ގާޑުގެ އުޅަނދުތައް އެރަށްތަކުގެ ކައިރީގައި ހަރަކާތްތެރިވާން ފޮނުވަމުންނެވެ.

އެކަމާ ގުޅިގެން ޖަޕާނުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ޗައިނާއިން ވަނީ ބޭރުގެ ބޯޓުފަހަރާ ދެކޮޅަށް ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ އެގައުމުގެ ކޯސްޓް ގާޑަށް ދިނުމަށް އާ ގާނޫނެއް ފާސްކޮށްފަ އެވެ.

ޖަޕާނުގެ ކޯސްޓް ގާޑާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޗައިނާ ކޯސްޓް ގާޑުގެ އިތުރު ދެ އުޅަނދަކާއެކު ޖަޕާނުގެ ކަނޑުގެ ސަރަހައްދުގައި މިހާރު ޗައިނާގެ ހަތަރު އުޅަނދަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ޖަޕާނުގެ މަސް ބޯޓަކާ ދިމާލަށް އެ އުޅަނދުތައް ކައިރިވާން މަސައްކަތް ކޮށް، ބިރު ދައްކާފައިވާ ކަމަށް ވެސް ބުންޏެވެ.

އޮކިނާވާ ޕްރިފެކްޝާގައި ހުންނަ 11 ވަނަ ރީޖަނަލް ކޯސްޓް ގާޑު ހެޑްކުއާޓާސް އިން ބުނާ ގޮތުން، މިއީ މިއަހަރުގެ ތެރޭގައި ޗައިނާގެ އުޅަނދުތަކެއް ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ވަތް ހަތް ވަނަ ފަހަރެވެ.

މި މައްސަލައާ ގުޅިގެން ޖަޕާނުގެ ފޮރިން މިނިސްޓްރީން ވަނީ، ޗައިނާ ސަރުކާރަށް ރަސްމީކޮށް އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އަދި އެގައުމުގެ އުޅަނދުތައް ޖަޕާނުގެ ކަނޑުގެ ސަރަހައްދު ދޫކޮށް ދިއުމަށް ވަނީ އެދިފަ އެވެ.