އެމްޑީޕީއަކީ ސޫރަ ބަދަލުކޮށްގެން ދޮގާއި މަކަރުން އުޅޭ ޕާޓީއެއްކަން މިއަދު ދިވެހި ރައްޔިތުންނަށް ފެނި ހާމަވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިގޮތަށް ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން ޖެހުމުންނެވެ.

ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުޅި އެމްޑީޕީއަކީ ސޫރަ ބަދަލްކޮށްގެން ދޮގާއި މަކަރުން އުޅޭ ޕާޓީއެއްކަން ދިވެހި ރައްޔިތުންނަށް މިއަދު ފެނިގެން ގޮސްފި ކަމަށެވެ. ޖަމީލް ވަނީ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރާ މީހުން މުއްދަތު ޖެހުން މިހާރު މޮޅު ކަމަކަށްވީތޯ ސުވާލު އުފައްދައިފައެވެ.

"ހަނދާން ކޮށްލަންޖެހޭ އިހުތިޖާޖުގެ ހައްގޭ ކިޔައިގެން މުޅި ރައްޔިތުންނަށް ތުރާވާގޮތަށް އުޅުނު ގޮތް. ހައްޔަރުކޮށް މުއްދަތު ޖެހުން މިހާރު މޮޅުކަމަކަށްވީތޯ؟" ޖަމީލް ވިދާޅުވިއެވެ.

އިއްޔެ އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. ތެރޭގައި ހަތަރު އަންހެނުން ވެސް ހިމެނެއެވެ. ނަމަވެސް އެމީހުންގެ ތެރެއިން މުހައްމަދު އިސްމާއިލް ފިޔަވައި އެހެން އެންމެން ކޯޓުން މިއަދު ވަނީ ދޫކޮށްލައިފައެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ އިއްޔެގެ މުޒާހަރާއިން ހައްޔަރު ކުރި މުހައްމަދު އިސްމާއިލްގެ ބަންދަށް މިއަދު ކޯޓުން ތިން ދުވަސް ޖަހާފައިވާ ކަމަށެވެ.

މުހައްމަދު އިސްމާއިލް ވަނީ މީގެ ކުރިންވެސް އިދިކޮޅުން ބޭއްވި މުޒާހަރާތަކުގައި ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރު ކުރުމަށްފަހު، ފަހުން ދޫކޮށްލާފައިވެއެވެ. އޭނާއަކީ އިދިކޮޅު މުޒާހަރާތަކުގައި އެންމެ ކުރީ ސަފުގައި އުޅޭ އެއް ފަރާތެވެ.