ވިލިމާލޭ އިން ގަސް އިންދުމަށް ހާއްސަކޮށްގެން 30 ބިމެއް ދޫކުރަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ވިލިމާލެއިން ދޫކުރަނީ ގަސް ހެއްދުމަށް ކަނޑައެޅިފައިވާ ބިމުން 400 އަކަފޫޓުގެ 30 ޕްލޮޓު ކަމަށެވެ. އެ ޕްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 1000 ރުފިޔާއަށެވެ.

އިއުލާނުގައި ބުނީ، އެ ފްލޮޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްލޮޓްތަކަށް އެދޭނީ އެކަމަށް ހާއްސަކޮށް ކައުންސިލުގެ ވެބްސައިޓުގައި ހުޅުވާފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

ޕޯޓަލްގައި ރަޖިސްޓްރީ ކުރުމަށް އެހީތެރިކަން ބޭނުންވާ މީހުންނަށް ވިލިމާލެ އޮފީހުން ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް އެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، ޝަރުތު ހަމަވާ ފަރާތްތައް ހޮވުމުގައި 30 ފަރާތަށްވުރެ އިތުރުވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އެދޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށެވެ. އަދި އެއްވެސް ޕްލޮޓެއް ފަހުން ހުސްވެއްޖެނަމަ އިތުރަށް ދޫކުރާނީ ގުރުއަތު ތަރުތީބުން ކަމަށް ވެސް ބުންޏެވެ.