އޭއެފްސީ އެގްޒެކްޓިވް ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑިއަށާއި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެމްބަރުގެ ގޮނޑި އަށް އެފްއޭއެމުން ނޮމިނޭޓް ކުރި މަރިޔަމް މުހައްމަދު (މާޔަން) އެގޮނޑި ކާމިޔާބު ކުރުމަށް އެފްއޭއެމްގެ އިސް ވެރިން ހުރަސް އަޅާފައިވާ ކަމަށް ބުނާ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް އަންގައިފި އެވެ.
މާޔަންގެ ފަރާތުން އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެކަން ހިނގާފައިވާގޮތް ބެލުމަށް އިޖުތިމާއީ ކޮމިޓީއަށް އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީގެ އިންތިހާބު ކުރިއަށްދިޔަގޮތާމެދު ހިތްހަމަ ނުޖެހިގެން މާޔަން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުއްވި ކަމަށެވެ. އެކަމާ ގުޅިގެން، އާބިޓްރޭޝަނުން ނިންމި ނިންމުމުގައި އިންތިހާބު އަލުން ބޭއްވުމަށް ކަނޑައަޅައި ބުނެފައި ނެތަސް، އިންތިހާބު ކުރިއަށް ގެންދިޔަ ގޮތުގެ ކަންބޮޑުވުން ހުރި ކިތަންމެ ނުކުތާއެއް ފާހަގަ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މާޔަންގެ އެންމެބޮޑު ޝަކުވާއަކީ އެ އިންތިހާބުގައި ކެނޑިޑޭޓެއްގެ ގޮތުގައި އޭނާ ތަމްސީލް ކުރި އެފްއޭއެމްގެ އިސް ވެއިން އޭނާ އިންތިހާބު ވުމަށް ހުރަސްއެޅުން ކަމަށެވެ. އަދި އޭނާ އަށް އެފްއޭއެމުން އެއްބާރުލުން ދީފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެކަން ހިނގާފައިވާގޮތް ބަލައިދިނުމަށް މަޖިލީހުގެ އިޖްތިމާއީ ކޮމެޓީއަށް ފޮނުވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު