މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ގޮތުން އެސްޓީއޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގް އޮތޯރިޓީ (ޓިވެޓް އޮތޯރިޓީ) އާއި އެސްޓީއޯއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޓިވެޓް އޮތޯރިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޑިރެކްޓާ އާމިނަތު އާސްރާއެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާއެވެ.

އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ "ފުލްޓައިމް އެންޕްލޯޔާ ބޭސްޑް ޓްރޭނިންގް" ނުވަތަ މަސައްކަތު މާހައުލުގައި ދެވޭ ތަމްރީނު ޕްރޮގްރާމެއްގެ ގޮތުގައި ކަމަށް ޓިވެޓް އިން ބުންޏެވެ.

ޓިވެޓް އިން ބުނީ މި ޕްރޮގްރާމްގެ ބައިވެރިންނަށް ވަޒީފާގެ މާހައުލުގައި އުޅެމުން މަސައްކަތުގެ ހުނަރު ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ވަޒީފާގެ ދާއިރާގެ މަސައްކަތާ ގުޅޭގޮތުން އިތުރަށް އުނގެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓިވެޓް އޮތޯރިތީގެ ނެޝަނަލް ކޮންޕީޓަންސީ ސްޓޭންޑަޑްގެ މިންގަނޑުތަކާއި ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށްވެސް ޓިވެޓްއިން ބުންޏެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ޓިވެޓް އާއި އެސްޓީއޯ ގުޅިގެންނެވެ.

އެސްޓީއޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި 50 ބައިވެރިނަށް ހަތަރު ދާއިރާއަކުން ތަމްރީން ކުރާނެއެވެ. އެގޮތުން އޮޓޯމޯޓިވް މެއިންޓެނެންސް ދާއިރާއިން 10 ބައިވެރިން، ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކް ދާއިރާއިން ދެ ބައިވެރިން، ރީޓެއިލް ސާވިސަސްގެ ދާއިރާއިން 36 ބައިވެރިންގެ އިތުރުން އިލެކްޓްރިޝަންގެ ދާއިރާއިން ދެ ބައިވެރިން ހިމެނެއެވެ.

މި ޕްރޮގްރާމުން ފާސްވާ ބައިވެރިންނަށް ލެވެލް ތިނެއްގެ ނެޝަނަލް ސެޓްފިކެޓެއް ލިބޭނެއެވެ.