Close
ޚަބަރު

ކައުންސިލްތަކަށް 30 މެންބަރުން އަދި އަންހެނުންގެ ކޮމިޓީތަކަށް 90 މެންބަރުން އިންތިހާބުވެއްޖެ

އިބްރާހިމް ޒަކީ

އިންތިހާބަކާ ނުލައި، ލޯކަލް ކައުންސިލްތަކަށް 30 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް 90 މެންބަރުން އިންތިހާބުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ބެހޭ މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް ވިދާޅުވީ، ގާނޫނުގައި ބުނާގޮތުގެ މަތިން އެ ދެ އިންތިހާބަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 11 ގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި 308 ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔަ ކަމަށެވެ.

އެހެންކަމުން އިންތިހާބަކާ ނުލައި މިހާތަނަށް ކައުންސިލްތަކަށް 30 މެންބަރުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް 90 މެންބަރުން އިންތިހާބުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ނަން އަނބުރާ ގެންދިއުމުގެ ސަބަބުން ކައުންސިލަށް އިންތިހާބުވި 15 މެންބަރުންގެ ނަން މީގެ ކުރިން އިއުލާންކޮށްފައިވާ އިރު، އިތުރަށް އިންތިހާބުވި ކަމަށް ޝަރީފް މިއަދު އިއުލާން ކުރެއްވި މެންބަރުންގެ ތެރޭގައި ހިމެނެނީ، ނ. މިލަދޫ ކައުންސިލުގެ ރައީސްކަމަށް އެމްޑީޕީގެ ކެންޑިޑޭޓް އަބްދުލް މަޖީދު މުހައްމަދު، މަގޫދޫ ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ނަސީރު، ހުޅުދޫ ދާއިރާގެ ކައުންސިލް މެންބަރުކަމަށް އެމްޑީޕީގެ ހުސެއިން ފައިޒުއްރަހުމާން، ހިތަދޫ ކޮރޮވައު ދާއިރާގެ މެންބަރުކަމަށް އެމްޑީޕީގެ އިބްރާހިމް ޝިނާޒު، ހއ. ތުރާކުނު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް އަމިއްލަގޮތުން ކުރިމަތިލި ދެ ކެންޑިޑޭޓުން ކަމަށްވާ ހުސްނާ އިބްރާހިމް އާއި މަރިޔަމް ފަރުޝާ، ހއ. މޮޅަދޫ ކައުންސިލުން އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ސަފީނާ އަބްދުއްރަޝީދާއި އެމްޑީޕީ ކެންޑިޑޭޓް އައިމިނަތު އަރޫޝާއެވެ.

މީގެ އިތުރުން އދ. ހަންޏާމީދޫ ކައުންސިލް މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓުން ކަމަށްވާ ހަސަން އަޝްރަފާއި މުހައްމަދު ޝާފިއީ، ވ. ރަކީދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑިއަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި އައިމިނަތު ޝީޒާ އާއި އެމްޑީޕީގެ ކެންޑިޑޭޓް ސާދިޔާ އަބްދުލް މުހުސިން، މ. ދިއްގަރު ކައުންސިލް މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލެއްވި އިބްރާހިމް ހަލީލާއި އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއީލް މާހިދު، އަދި ތ. ކަނޑޫދޫ ކައުންސިލް ރައީސްގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން ވަނީ އިންތިހާބުވެފައެވެ. ކަނޑޫދޫ ކައުންސިލް ރައީސްގެ މަގާމަށް ރީހާން ހޮވުނީ، އޭނާއާ ވާދަކުރި ހަސަން މޫސާ މައްސަލައެއް އޮވެގެން އޭނާގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރުމާ ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ ނަން ގެންދިއުމުގެ ސަބަބުން ވާދަކުރާނެ ކެންޑިޑޭޓުން ނެތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު ފަހުން ހުޅުވާލާނެ ކަމަށެވެ. އެ ދެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި މުއްދަތު މިހާރު ހަމަވެފައިވާތީ ދެން އެއްވެސް ކެންޑިޑޭޓަކަށް ނަން ނުނެގޭނެ ކަމަށާއި މިހާރު ތިބި ކެންޑިޑޭޓުންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.