އެވިޑް ކޮލެޖުން ހިންގަމުން އައި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ކޯސް، މުރާޖައާ ކުރުމަށްފަހު ޒަމާނާ އެއްގޮތަށް ފަރުމާކޮށް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތަށް ހުޅުވާލައިފި އެވެ.

މި ގެނެވުނު ބަދަލުތަކާއެކު މިކޯހަކީ ވާދަވެރި ވަޒީފާގެ މާހައުލަށް ތައްޔާރުވުމުގައި ހުރިހާ ގޮތަކުން ވެސް ދަރިވަރުންނަށް އެހީތެރިކަން ލިބިގެންދާނެ ފަދަ ކޯހަކަށް ވާނެކަމުގެ ޔަގީންކަން އެވިޑް ކޮލެޖުގެ މެނޭޖްމަންޓުން ވަނީ ދީފަ އެވެ.

އެވިޑް ކޮލެޖުން ބުނީ، މިކޯހަށް އަލަށް އިތުރުކުރި މޮޑިއުލްތަކުގެ ތެރޭގައި "ލީޑާޝިޕް އިފެކްޓިވްނަސް" މޮޑިއުލްގެ ސަބަބުން ވަޒީފާގެ މާހައުލުގައި ކަންކަމަށް އިސްނެގުމާއި އަދި މަތީ ފަންތީގެ މަގާމުތައް އަދާކުރުމަށް ބޭނުންވާ ފަންނީ ގާބިލުކަމާއި ހުނަރުވެރިކަން ލިބުމުގެ މަގު، ދަރިވަރުންނަށް ފަހިވެގެންދާނެ ކަމަށެވެ.

އަދި މުރާޖައާ ކުރެވުނު މޮޑިއުލްތަކުގެ ތެރޭގައި "މެނޭޖީރިއަލް އިކޮނޮމިކްސް" އަދި "އީ-ބިޒްނަސް މެނޭޖްމެންޓް" ހިމެނެއެވެ. ދުނިޔެއަށް ކުރިމަތިވެފައި މިވާ ބަލިމަޑުކަމުގެ ސަބަބުން، ދިރިއުޅުގެ ގިނަ ކަންކަން މިހާރު އޮންލައިންކޮށް ކުރުމަށް ވަނީ މަޖުބޫރުވެފައެވެ. އެގޮތުން "އީ-ބިޒްނަސް މެނޭޖްމެންޓް" މޮޑިއުލް އިން ކާމިޔާބުކަމާއެކު އޮންލައިންކޮށް ވިޔަފާރިކޮށް އަދި ބެލެހެއްޓުމުގެ ފަންނު އުނގަންނައި ދެވޭނެ ކަމަށް އެވިޑް ކޮލެޖުން ބުންޏެވެ.

އެ ކޮލެޖުން ބުނީ، މުޅި ދުނިޔެ އިންޓަނެޓުގެ ދުނިޔެއަށް ބަދަލުވެގެންދާއިރު، އެކަމަށް ދަރިވަރުން އަހުލުވެރި ކުރުވުމަކީ އެވިޑް ކޮލެޖުން ވަރަށް ބޮޑު އަހަމިއްޔަތެއް ދޭ ކަމެއް ކަމަށެވެ. އަދި "މެނޭޖީރިއަލް އިކޮނޮމިކްސް" މޮޑިއުލް އަކީ އިގްތިސާދަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ވިޔަފާރީގެ ސްޓްރެޓެޖީތައް އެކުލަވާލައި ވިޔަފާރީގައި ކާމިޔާބު ހާސިލުކުރަން ބޭނުންވާ ފަންނުވެރިކަން ދަރިވަރުނަށް ދަސްކޮށްދެވޭނެ މޮޑިއުލްއެއް ކަމަށް ބުންޏެވެ.

އެވިޑް ކޮލެޖުން ބުނީ، މިކޯހުގެ ފައިނަލް ޕްރޮޖެކްޓުގެ ގޮތުގައި ދަރިވަރުންނަށް ތަފާތު އިލްމީ ދިރާސާކުރުމުގެ އިހްތިޔާރުތަކެއް ފަހިކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިޒްނަސް ރިސާޗް ޑެސެޓޭޝަނެއް ލިޔުމާއި ސްޓްރެޓީޖިކް ކޮންސަލްޓިން ޕްރޮޖެކްޓެއް ހެދުމާއި އަދި ބޭނުންވާ ވިޔަފާރިއަކަށް ބިޒްނަސް ޕްރޮޕޯސަލް ހެދުމުގެ ފުރުސަތު ހިމެނެއެވެ.

މާސްޓަސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނަށް ރެޖިސްޓާ ކުރުމުގެ ފުރުސަތު އެވިޑް ކޮލެޖުން މިހާރު ހުޅުވާލާފައިވާއިރު، މޭ އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ކޯހަށް މި ލިންކުން ހުށަހެޅޭނެ އެވެ. https://www.avidcollege.edu.mv/online-application-form/

ދެހާސް ފަސްވަނަ އަހަރު އުފެދިގެން އައި އެވިޑް ކޮލެޖަކީ، ހެޔޮއަގުގައި މަތީ ތައުލީމު ދިވެހިންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖެވެ. އެވިޑް ކޮލެޖުގެ ކެމްޕަސްތައް މާލެ ސިޓީ އަދި ތިނަދޫގައި ގާއިމްކޮށްފައިވެ އެވެ.