އުރީދޫ މޯލްޑިވްސްގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވަން ނިންމައި، އެކަން އިއުލާނު ކޮށްފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ ދެވަނަަ ދުވަހުގެ ރޭގަނޑު 8:30 ގައި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްއެސްޑީ)ގެ އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް "ފަހިވޯޓު" މެދުވެރިކޮށް ކަމަށެވެ.

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު 8:30 ރަޖިސްޓަރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

އަހަރީ އާންމު ޖަލްސާގައި ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ވާހަކަދައްކަވާނެ އެވެ. އަދި މިދިޔަ އަހަރުގެ އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓާއި ޑިރެކްޓަރުންގެ ރިޕޯޓާއި ޑިވިޑެންޓުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން އޮންނާނެ އެވެ. އޭގެ އިތުރުން މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން ވެސް ޖަލްސާގައި އޮންނާނެ ކަމަށް ޔައުމިއްޔާގައި ބުނެފައިވެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ، އެ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި އިއްޔެގެ މެންދުރު 2:30 ގެ ކުރިން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް އެއް ވޯޓު ލިބޭނެ ކަމަށް ބުންޏެވެ.

އުރީދޫން އިތުރަށް ވަނީ، މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވުމަށް ފަހު "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރާނަމަ "ޕްރޮކްސީ ފޯމު" ފުރުމަށްފަހު ހުށަހަޅަން އެދިފަ އެވެ.

ރަޖިސްޓްރީ ކުރުމަށް އެމްއެސްޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅުއްވައިގެން ރަޖިސްޓްރީ ކުރެއްވޭނެއެވެ. ފޯމުތައް ފުރުމަށްފަހު މިމަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު 8:30ގެ ކުރިން [email protected] އަށް އީ މެއިލް ކުރަންޖެހެ އެވެ. އަދި ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބޭނެ އެވެ.

އުރީދޫއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 407 މިލިއަން ރުފޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ ފައިދާއިން އެ ކުންފުނިން ވަނީ ހިއްސާއަކަށް 2.34 ރުފިޔާ ބަހަން، އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅަން ޑިރެކްޓަރުންގެ ބޯޑުން ނިންމާފަ އެވެ.