ކޮންމެ މަހަކު ވެސް އެއްވަރަކަށް ކަރަންޓު ބިލު ދެއްކޭނެ ޕްލޭނެއް ސްޓެލްކޯ އިން ތައާރަފު ކޮށްފި އެވެ.

"އީކުއަލް ޕޭމެންޓް ޕްލޭން"ގެ ނަމުގައި ސްޓެލްކޯ އިން މިއަދު ތައާރަފު ކުރި ޕްލޭނަކީ ގޭބިސީތަކުން ކަރަންޓު ބޭނުން ކުރެވޭ ނިސްބަތުގެ އެވްރެޖަށް ބަލައި، ކޮންމެ މަހަކު ވެސް އެއް އަދަދަކަށް ފައިސާ ދެއްކޭނެ ގޮތަށް ތައްޔާރު ކޮށްފައިވާ ޕްލޭނެކެވެ.

އެ ހިދުމަތް ލިބޭނީ ފޯމެއް ހުށަހަޅައިގެން، ވޭތުވެދިޔަ ހުރިހާ ބިލަކަށް ފައިސާ ދައްކާފައިވާ މީހުންނަށެވެ. އަދި ޕްލޭނުގައި ބައިވެރިވުމަށް ކަސްޓަމަރާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ.

ސްޓެލްކޯ އިން ބުނީ، ޕްލޭންގެ ދަށުން ދައްކަންޖެހޭ އަދަދު ކަނޑައަޅާނީ ބޭނުން ކުރަމުންދާ ކަރަންޓެއް ނަމަ، ފާއިތުވި 12 މަސް ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރުގެ އެވްރެޖު ޔޫސޭޖަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން ނިމިދިޔަ އަހަރަކީ ކަސްޓަމަރުންގެ އަތްމަތި ދަތި އަހަރަކަށް ވެފައި ޔޫޓިލިޓީ ބިލުތައް ދައްކަން ދަތިވި އަހަރަކަށް ވުމުން މިއަހަރު ބަލާނީ 2019 ވަނަ އަހަރުގައި ކަސްޓަމަރުން ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށެވެ.

އަދި އަލަށް ބޭނުންކުރާ ކަރަންޓެއް ނަމަ އެތަނެއްގެ ކުޑަ ބޮޑުމިނާއި ބޭނުންކުރާ ތަކެތީގެ ލޯޑާއި އަދި ކަރަންޓު ބޭނުން ކޮށްފައިވާ މިންވަރުގެ އެވްރެޖަށް ބަލާނެ އެވެ.

މި ޕްލޭނުގައި ބައިވެރިވެވޭނީ ގޭގެ ވެރިފަރާތް ނުވަތަ ކަރަންޓުގެ ވެރިފަރާތުގެ އިތުރުން އިމާރާތް ކުއްޔަށް ހިފާފައިވާ ފަރާތަށެވެ. އިމާރާތް ކުއްޔަށް ހިފާފައިވާ ފަރާތުން ޕްލޭނުގައި ބައިވެރިވުމަށް އިމާރާތުގެ ވެރިފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ސިޓީއެއް ހުށަހަޅަންޖެހޭނެ އެވެ.

ސްޓެލްކޯ އިން ބުނީ، ކަސްޓަމަރަކު ކޮންމެ މަހަކު ވެސް ބޭނުންކުރާ ކަރަންޓުގެ މިންވަރަށް ބިލު ކުރެވޭއިރު ކޮންމެ ހަ މަހަކުން ހަ މަހަކުން އެ ޕްލޭން ރިވިއު ކުރެވޭނެ ކަމަށެވެ. އަދި ރިވިއުކުރާއިރު ވޭތުވެދިޔަ މަސްތަކުގައި އީކުއަލް ޕޭމަންޓުގެ އިތުރުވި އަދަދު ނުވަތަ މަދުވި އަދަދު ރިވިއުކުރާއިރު އެއްކޮށް ނުވަތަ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުންޏެވެ.

އަދި ކުންފުނި ނުވަތަ ކަސްޓަމަރު ބޭނުންވެއްޖެނަމަ ވެސް ޕްލޭން ރިވިއު ކުރެވިދާނެ ކަމަށާއި އަދި ބިލަށް އަރާ އަދަދު އީކުއަލް ޕޭމަންޓުގައި ދައްކަން އެއްބަސްވެފައިވާ އަދަދަށްވުރެ 100 ޕަސެންޓް ކުޑަ ނުވަތަ ބޮޑުވެއްޖެނަމަ ވެސް ރިވިއު ކުރެވޭނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.