ކޮވިޑު ވެކްސިން ޖެހުމަކީ ގާނޫނީ ގޮތުން މަޖުބޫރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދާ ވެކްސިނޭޝަން ޕްރޮގްރާމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ވެކްސިން ނުޖަހައި ތިބުމަކީ ގާނޫނީ ގޮތުން އޮތް ފުރުސަތެއް ނޫން ކަމަށާއި ހުރިހާ ބޭފުޅުން ވެސް ވެކްސިން ޖަހަންޖެހޭ ކަމަށެވެ. އެހެންކަމުން ވެކްސިން ޖެހުމަށް ފުރަންޖެހޭ ފޯމުގެ ބޭނުމެއް ސާފު ނުވާ ކަމަށް ވިދާޅުވިއެވެ.

"ވެކްސިން ޖެހުމަކީ ގާނޫނީ ގޮތުން މަޖުބޫރު ކަމެއް. އެހެންވީމާ ކޮންސެންޓް ފޯމުގެ ބޭނުމެއް އެހާ ބޮޑަކަށް ސާފެއް ނުވޭ. އެންމެބޮޑަށްް ސާފުވާ ސަބަބަކީ މައުލޫމާތު ހޯދަންކަން އެއީ އެއްވެސް ކަހަލަ ރިއެކްޝަނެއް ވެކްސިން ޖެހީމަ ގޮތެއްވޭތޯ ބެލުމަށް އޮންނަ ފޯމެއްކަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ތިރީހަކަށް މެންބަރުންނަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. ނަމަވެސް ބައެއް މެންބަރުންނަކީ އިންޖެކްޝަން ކަށިދެކެ ބިރު ގަންނަ މެންބަރުން ކަމަށާއި އެފަދަ ބައެއް މެންބަރުންނަކީ ނަރުހުންނާއެކު ޒަވާޖީ ހަޔާތް ކުރިއަށްގެންދަވާ މެންބަރުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވެކްސިން ޖެހުމުގެ ކަންތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މެންބަރުންނަށް މައުލޫމާތު ދެއްވުމަށްޓަކައި މިއަދުގެ ޖަލްސާގައި އެކަމާބެހޭ ވީޑިއޯއެއް ވަނީ ދައްކައިފަ އެވެ.