ރާއްޖެއަށް މުދާ އިމްޕޯޓްކުރި އަދަދާއި އެކްސްޕޯޓް ކުރި އަދަދު އަދި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައި ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ދަށަށް ހިނގައްޖެއެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވަނީ 3.8 ބިލިއަން ރުފިޔާގެ މުދަލެވެ. އަދި މިދިޔަ މަހު ރާއްޖެ އިމްޕޯޓް ކޮށްފައިވަނީ 2.9 ބިލިއަން ރުފިޔާގެ މުދަލެވެ. އެއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، 24 ޕަސެންޓްގެ ދަށްވުމެކެވެ.

ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އެތެރެ ކުރި މުދަލުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 272 މިލިއަން ރުފިޔާއެވެ. ނަމަވެސް މިދިޔަ މަހު ދައުލަތަށް ލިބުނީ 240 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 12 ޕަސެންޓު ދަށްވުމެކެވެ.

މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މުދަލުގެ އަގު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅައި ބަލާއިރު 25ޕަސެންޓް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއިން 420 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރި އިރު، މިދިޔަ މަހު އެކްސްޕޯޓް ކޮށްފައިވަނި 316 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ، ޗައިނާ އަދި އޮމާންއިންނެވެ. އެގޮތުން ޔޫއޭއީ އިން 386 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 365 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 364 މިލިއަން ރުފިޔާގެ މުދާ ވަނީ މިދިޔަ މަހު ރާއްޖެއަށް އެތެރެކޮށްފައެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލެންޑާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތަށެވެ. އެގޮތުން ތައިލެންޑަށް 32 ޕަސެންޓުގެ މުދާ ބޭރު ކޮށްފައިވާ އިރު، ޖަރުމަނަށް ވަނީ 10 ޕަސެންޓު މުދާ ބޭރުކޮށްފައެވެ. އަދި އިނގިރޭސި ވިލާތަށް ވަނީ އަށް ޕަސެންޓް މުދާ ބޭރުކޮށްފައެވެ.