(13 ފެބުރުއަރީގެ އަދަދާ ގުޅޭ)

شيـخ أبــو صـالـح އޭނާގެ ސިޓީފުޅުގައިވަނީ ޣަރުނާޠާއާއި އަންދަލުސުގެ އެހެނިހެން ތަންތާނގެ އަދާހަމަ ޚަބަރުތައް ވިދާޅުވެދެއްވައިފައެވެ. شيـخ أبــو صـالـح ލިޔުއްވައިފައިވެއެވެ. معـتـمـد ގެ އަތްޕުޅުން إبـن عمّــار ޤަތުލުވެއްޖެއެވެ. ޠުލައިޠުލާ މީހުންތިބީ އެތާނގެ ރަސްގެފާނު يحـيى ذوالـنـّون (مـأمـون ذوالـنـّون ގެ ދަރިކަލުން — އޭނާއަށް يحـيى القــادر އޭވެސް ކިޔައެވެ.) ދެކެ ވަރަށްބޮޑަށް ރުޅިއައިސްފައެވެ. އެތާނގައި އާއްމު ބަޣާވަތެއްގެ އަސަރު ފެންނަމުން އެބަދެވެ. އަލްފާންސޫގެ ސިފައިން ސަރުޤިސްޠާއާއި ބަލަންސިއްޔާއާއި އިޝްބީލިއްޔާގެ ސަރަޙައްދަށް ޖަމާވަމުން އެބަދެއެވެ. قـاضى أبـو جـعـفـر ގެ އައު މުހިންމުވެސް ކާމިޔާބުވާނެ ކަމަކަށް ޅިޔަންބޭބެ ނުދެކެމެވެ. އަންދަލުސުގެ ހަރުދަނާ މީހުން ގަބޫލުކުރާގޮތުގައި މިހާރު އަންދަލުސު ސަލާމަތްކޮށްދެއްވޭނެ ޝަޚުޞިއްޔަތަކަށް އިސްލާމީ އުންމަތުގައި ހުންނެވި ހަމައެކަނި ބޭފުޅަކީ މުރާބިޠީންގެ أميـر يـوسف بـن تـاشـفـيـن އެވެ. قـاضى أبـو جـعـفـر ދުވަސްކޮޅަކު ޣަރުނާޠާގައި ހުންނަވައިފައި ބިޠުލިޔޫސަށް ވަޑައިގެންފިއެވެ. އޭނާ މަހެއްހައިދުވަހުގެ ތެރޭގައި އެނބުރިވަޑައިގަންނަވާނެކަމަށް ލަފާކުރެވެއެވެ. އޭނާ އެދިވަޑައިގަންނަވަނީ ދަރިފުޅުގެ މަސައްކަތާ ބެހޭގޮތުން ތަންކޮޅެއް ބޮޑަށް ތަފުސީލު ފޮނުވައިދިނުމެވެ. ދަރިފުޅު أحمد އަށް ފޮނުވި ސިޓީ ބޭބެ އޭނާއަށް ދެއްކީމެވެ. ނަމަވެސް އޭނާ އެވަރަކުން މާބޮޑަކަށެއް ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ.

سعد بــن عبـدالمـنعــم އެފުރިކާއަށް ދޫކޮށްލައިފައި އަޅުގަނޑުމެން އަނެއްކާވެސް އަންދަލުސުގެ ތާރީޚުގެ ޞަފުޙާތަކެއް އުކައިލަމާ ހިންގަވާށެވެ. إبـن عمّــار ގެ ކިބުރުވެރިކަމާއި ބޮޑާކަންވަނީ ހެއްވާކަމެއްގެ ދަރަޖަޔަށް މައްޗަށް ގޮސްފައެވެ. ވައިއަޅުވާ މީހުން މިހާރު އޭނާ ސިފަކުރަމުން ގެންދަނީ ވަޒީރެއްގެ ހައިސިއްޔަތަކުން ނޫނެވެ. ރަސްކަލެއްގެ ޢިއްޒަތާއި ޝަރަފާ ގުޅުވައިގެންނެވެ. އޭނާއަށް ޚުޝާމަދުކޮށް ޅެންހަދާ މީހުންނަށް معـتـمـد ގެ ދަރުބާރީ ޝާޢިރުންނަށްވުރެވެސް މާބޮޑެތި އިނާމު ލިބެއެވެ. އޭނާ معـتـمـد ގެ ނާއިބުއްސުލްޠަނަތެއްގެ ހައިސިއްޔަތުން މުރުސިއްޔާގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވާން ވަޑައިގެންނެވިއިރު ވައިއަޅުވާ ރަޙުމަތްތެރީންގެ ބޮޑު ފައުޖެއްގެ އަރިހުގައި ދަތުރުކުރިއެވެ. އޭނާގެ އަމިއްލަފުޅު އެއްޗެހިކޮޅާއި އުފާކުރެއްވުމާއި މަޖަލާއި ކުޅިވަރު ކުޅުއްވުމާއި، އަރާމުކުރައްވާން ބޭނުންފުޅުވާ ތަކެތި އުފުލުނީ ދުއިސައްތަ ބަޣަލުގެ މަތީގައެވެ. އޭނާ ދަތުރުކުރެއްވި މަގުމަތީން ދިމާވި ކޮންމެ ރަށެއްގައި އޭނާ ދަރުބާރު ބޭއްވެވިއެވެ. އިނާމާއި ބަޚުސީސް ބައްސަވަމުން ގެންދެވިއެވެ. އޭނާ ދަރުބާރު ކުރައްވާއިރު ބޭނުންކުރައްވަނީ معـتـمـد ވެސް ތުރުކުރައްވާކަހަލަ އަގުބޮޑު މޮޅު ގުބާކޮޅެވެ. ޖަވާހިރުން އަތްކަން އަޅައިފައި ހުންނަ ތާކިހާކޮޅެވެ.

އޭނާއާމެދު ހަސަދަވެރިވެފައިތިބި މީހުން އިޝްބީލިއްޔާގައި ވަރަށްގިނައެވެ. معـتـمـد ގެ ދަރުބާރުގެ ނަންހުރި ޝާޢިރެއްކަމުގައިވާ إبـن زيـدون އޭނާ ކުރިޔަށް ވަޑައިގެންނެވުމުގެ މަގުގައި އެންމެބޮޑު ހުރަހެއްކަމުގައި ދެކެވަޑައިގަންނަވަނީ إبـن عمّــار އެވެ. إبـن عمّــار އިޝްބީލިއްޔާގައި ވަޑައިގެން ނުއުޅުއްވާތީ އޭނާ އެކަމުގެ ފައިދާ ނެންގެވިއެވެ. إبـن عمّــار ގެ ވެރިކަމާހުރެ ހިތްޕުޅު ދަތިވެފައި ތިއްބެވި ހުރިހައި ބޮޑުން إبـن زيـدون އޭނާގެ އަރިހަށް އެއްކުރެއްވިއެވެ. معـتـمـد ފަދަ ޖަޒުބާތީ ބޭފުޅަކު إبـن عمّــار އާ މެދު ހިތްޕުޅު ނުބައިކުރުވުމަކީ إبـن زيـدون އަށް ކުޑަކޮށްވެސް އުނދަގޫފުޅުކަމެއް ނޫނެވެ. މުރުސިއްޔާއިން ދުވަހުން ދުވަހަށް ލިބެމުންދިޔައީވެސް إبـن عمّــار އޭނާގެ ސާހިބާގެ އަމުރުފުޅަށް އުރެދިވަޑައިގަންނަވަމުން ގެންދަވާކަމުގެ ޚަބަރުތަކެވެ. إبـن عمّــار މުރުސިއްޔާގެ ހުރިހައިކަމެއްވެސް ނިންމަވަމުން ގެންދެވީ އޭނާގެ ހިތްޕުޅަށްއެރި ގޮތްކޮޅަކަށެވެ.

މުރުސިއްޔާގެ ކުރީގެ ވެރިޔާ إبـن طـاهــر އޮންނެވީ إبـن عمّــار ގެ ޖަލުގައެވެ. إبـن عمّــار،

إبـن طـاهــر އޭނާއާ އެއްބައިކުރެއްވުމަށްޓަކައި އޭނާއަށް ހަދިޔާއަކަށް ވަރަށްމޮޅު އަގުބޮޑު ހެދުންކޮޅެއް ފޮނުއްވިއެވެ. އެކަމަކު إبـن طـاهــر، إبـن عمّــار ގެ ހަދިޔާ ގަބޫލެއް ނުކުރެއްވިއެވެ. إبـن طـاهــر، إبـن عمّــار ގެ ޤާޞިދުގެ ގާތުގައި ވިދާޅުވިއެވެ. "އިއްޔެއާ ޖެހެންދެންވެސް ކާއެތިކޮޅަކަށްޓަކައި މީހުންނަށް ޅެންފަރިހި ހަދައިދީ އުޅުނު މީހަކަށް ކިޔަމަންވާކަށެއް އަހަރެން ބޭނުމެއް ނޫން." إبـن عمّــار ފަދަ އަމިއްލަފުޅަށް ފެނިވަޑައިގެންފައި ހުންނަވާ ބޭފުޅަކަށް އެމަލާތް ހިމެނުނީ ބަރުދާސްތު ނުކުރެއްވޭފަދަ ކަމެއްކަމުގައެވެ. އެހެންކަމުން إبـن طـاهــر އޭނާގެ ފައިތިލަފުޅުމައްޗަށް ވެއްޓިވަޑައިގެންނެވުމުގެ ކުރީން إبـن طـاهــر ދޫކޮށްނުލައްވާން إبـن عمّــار ހުވާކުރެއްވިއެވެ.

ބަލަންސިއްޔާގެ ވެރިޔާ إبـن عبـدالـعــزيــز އަކީ إبـن طـاهــر ގެ ޒަމާންވީ ރަޙުމަތްތެރިޔެކެވެ.

سـلطـان معـتـمـد އާވެސް إبـن عبـدالـعــزيــز އާ ގުޅުން ވަރަށް ރަނގަޅެވެ. ދެބޭފުޅުންގެ ދެމެދުގައި އޮންނަނީ ވަރަށްގާތް ރަޙުމަތްތެރިކަމުގެ ގުޅުމެކެވެ. އެހެންކަމުން إبـن عبـدالـعــزيــز، إبـن طـاهــر އާ ބެހޭގޮތުން معـتـمـد ގެ އަރިހުގައި ސަކާކުރައްވައި ސިޓީފުޅެއް ފޮނުއްވިއެވެ. معـتـمـد އަށް އެސިޓީފުޅު ލިބިވަޑައިގެންނެވުމުން إبـن طـاهــر ދޫކޮށްލައްވާން إبـن عمّــار އަށް އެންގެވިއެވެ. ނަމަވެސް إبـن عمّــار، معـتـمـد ގެ އަމުރުފުޅާމެދު އަޅުއްވައެއްވެސް ނުލެއްވިއެވެ. ނަމަވެސް މާގިނަދުވަހެއްނުވެ إبـن طـاهــر ޖަލުން ފިލައިވަޑައިގެން إبـن عبـدالـعــزيــز ގެ އަރިހަށް ވަޑައިގެންފިއެވެ. إبـن عمّــار ކޯފާވެގެން إبـن عبـدالـعــزيــز އަށް ހަޖޫވިދާޅުވެފައި ޅެމެއް ހެއްދެވިއެވެ. إبـن عبـدالـعــزيــز އަށް އެޅެމުގެ ޚަބަރު ލިބިވަޑައިގެންނެވުމުން އޭނާ معـتـمـد ގެ އަރިހުގައި އެކަމުގެ ޝަކުވާ ކުރައްވައިފިއެވެ. معـتـمـد ވެސް ކޯފާވެގެން إبـن عمّــار އަށް ހަޖޫ ވިދާޅުވެ ޅެމެއް ހައްދަވައިފައި ފޮނުއްވިއެވެ. އޭގެ ޖަވާބުގައި إبـن عمّــار ވެސް ގަލަން ނަންގަވައިފިއެވެ. އޭނާ ހެއްދެވި ހަޖޫ ވިދާޅުވުމުގެ ޅެން ހިމެނުނީ އޭނާގެ ވެރިކަން ފިލައިދިޔުމާއި އެންމެފަހުން ޤަތުލުކުރެވުމުގެ ސަބަބެއް ކަމުގައެވެ.

معـتـمـد ގެ ޅެމުގެ ބައެއް ބައިތުގެ މަފުހޫމުގައި ވެއެވެ. "بــنى عمّــار (إبـن عمّــار ގެ ޢާއިލާ) އަކީ އިހަކަށްދުވަހާ ހަމަޔަށްވެސް ނިކަމެތިކަމާއި ހައިހޫނުކަމުގައި ދިރިއުޅެމުންއައި ބަޔެކެވެ. ތަނަވަސްކަމުގެ އަހުލުވެރިޔެއްކަމުގައިވާ ކޮންމެ މީހެއްގެ ފައިތިލަމައްޗަށް ތިރިވަމުންއައި ބަޔެކެވެ. އެބައިމީހުންގެ ސާހިބަކު އެބައިމީހުނަށް ހިކި ރޮށިކޮޅެއް ފޯރުވައިލި ކަމުގައިވިޔަސް އެދުވަހަކީ އެބައިމީހުންނަށް އީދު ދުވަހެކެވެ. އެބައިމީހުން ނުހަނު ދަށުދަރަޖަޔަކުން މައްޗަށް އުފުލައިލެވި މަތީމަގާމުތަކަށް ގެންދެވުނީ ވަރަށް އާދައިގެ ނިކަމެތި ޚިދުމަތްތަކެއްގެ ބަދަލުގައެވެ."

މިދެންނެވި ޅެމުގެ ބަދަލުގައި إبـن عمّــار ވިދާޅުވި ހަޖުލުގައި ވިދާޅުވެފައިވެއެވެ. "އޭ معـتـمـد އެވެ! ޤައުމުގެ އަންހެންކުދީންގެ ތެރެއިން ކަލެޔަށް ފިކުރާވެވުނީ ރަމީކުގެ އަޅުކުއްޖަކާއެވެ. އެކުއްޖާގެ އަގެއްނެތްވަރު ހަނދާންކުރާށެވެ. އޭނާގެ ސާހިބުން އޭނާ ވިއްކަމުން ގެންދިޔައީ އަހަރު ނުފުރޭ ޅަ ޖަމަލަށެވެ. ކަލޭގެ ލަދުގެންނެވުމަށްޓަކައި އޭނާގެ ބަނޑުން ކަލެޔަށްވަނީ ފަސްދަރީން ލިބިފައެވެ. ޢިއްފަތްތެރިކަމެއްނެތް ކަސްބީ ތިން އަންހެންދަރީންނާއި ޚުލުޤު ނުބައި ވިޔާނުދާ ގުރު ދެފިރިހެންދަރީންނެވެ. އަހަރެން ކަލޭގެ އަގެއްނެތްކަން ދަންމަރެއްހެން މުޅި ދުނިޔެއަށް ފާޅުކޮށް ހާމަކޮށްދޭނަމެވެ. ކަލޭގެ ފާފަތައް ފޮރުވައިފައިވާ ފަރުދާތައް ކަހައިލާނަމެވެ."

إبـن عمّــار މި ހަޖޫ ލިޔުއްވީ معـتـمـد ގެ ޅެމާހުރެ ރަންބުއްދި ވެވަޑައިގެން ހުންނަވައެވެ. ނުވަތަ ރާގެ މަސްތުގައި ބުއްދިފިލައިފައި ހުންނަވައެވެ. އޭނާ މިޅެން އާއްމެއް ނުކުރައްވައެވެ. ޅެން ވިދާޅުވެދެއްވީ އޭނާގެ އަރިހުބޭކަލުންކުރެ ޚާއްޞުންނަށެވެ. އެކަމަކު އޭގެތެރެއިން އެކަކީ ޔަހޫދީއެކެވެ. إبـن عبـدالـعــزيــز ގެ ޖާސޫސެކެވެ. އޭނާ އެޅެން إبـن عبـدالـعــزيــز އަށް ފޮނުވުމުން إبـن عبـدالـعــزيــز، معـتـمـد ގެ އަރިހަށް ފޮނުއްވައިފިއެވެ. ނަތީޖާއަކަށްވީ معـتـمـد އާއި إبـن عمّــار އާ ދެމެދު ގިރާނުކުރެވޭވަރުގެ ދުރުކަމެއް އުފެދުމެވެ.

އޭރު إبـن عمّــار ގެ ދެއްކުންތެރިކަމުގެ ޖާފަތްތަކާއި ޢައްޔާޝީކަމުގެ ސަބަބުން މުރުސިއްޔާގެ ޚަޒާނާވަނީ ހުސްވެފައެވެ. ސިފައިންނަށް މުސާރަ ނުދެވޭތާ އެތައްމަހެއް ވެއްޖެއެވެ. އެހެންކަމުން ނުލިބިހުރި މުސާރަ ވަގުތުން ނުދީފިނަމަ އޭނާ معـتـمـد އާ ހަވާލުކުރާނެކަމަށް ސިފައިންވަނީ އިންޒާރުކޮށްފައެވެ. އާއްމު ރައްޔިތުން ޓެކްސް ދައްކާން އިންކާރު ކޮށްފިއެވެ. ޚުޝާމަދުކުރާ ރަޙުމަތްތެރީންނަށް އޭނާގެ އަތްޕުޅުން ވެރިކަން ބީވެދާނެކަމުގައި ހީވާންފެށުމުން އޭނާއާ ވަކިވެއްޖެއެވެ. އެހައިތަނަށް އޭނާއަށް ސަނާކިޔުމުގެ ޤަޞީދާތައް ހަދައިއުޅުނު ޝާޢިރުން އޭނާއަށް ހަޖޫކިޔުމުގެ ޅެންތައް ހަދާންފަށައިފިއެވެ. إبـن عمّــار ގެ ސިކުނޑިފުޅުން ވެރިކަމުގެ މަސްތު ފިލައިފިއެވެ. إبـن عمّــار މުރުސިއްޔާ ދޫކޮށްލައްވައިފައި ފިލައިވަޑައިގެންފިއެވެ. އޭނާ އެންމެފުރަތަމަ ވަޑައިގަތީ އަލްފާންސޫގެ އަރިހަށެވެ. އޭނާގެ އެހީފުޅަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް އަލްފާންސޫއަކީ ވެއްޓެމުންދާ އިމާރާތްތަކުގައި މުޑިވިއްދަވާ ބޭފުޅެއް ނޫނެވެ. އެތަނުން މާޔޫސްވެވަޑައިގެން އޭނާ މުލޫކުއްޠަވާއިފުންގެ އެކިބޭފުޅުންގެ އަރިހަށް ވަޑައިގެން ސަލާންޖެއްސެވިއެވެ. އެއްވެސްތަނަކުން ޙިމާޔަތެއް ލިބިވަޑައެއް ނުގެންނެވިއެވެ. އެންމެފަހުން بــنى سهــل ގެ ބޭފުޅުން އޭނާ ހައްޔަރުކުރައްވައިފައި معـتـمـد އަށް ވިއްކައިލައްވައިފިއެވެ.

إبـن عمّــار އެއްދުވަސްވަރެއްގައި އިޝްބީލިއްޔާއަށް އަރައިވަޑައިގެން އުޅުއްވީ ޝާހީ ޢިއްޒަތާއި ޝަރަފުގައެވެ. އެކަމަކު މިހާރު އެވަޑައިގަންނަވަނީ ޤައިދީއެއްގެ ހައިސިއްޔަތުންނެވެ. އޭނާގެ ހެދުންކޮޅު ހުރީ ވީދިފައެވެ. އަތްފައިންޕުޅުގައި ޖަހައިފައިހުރި ހިލިހިލާގެ ބަރުގެ ސަބަބުން އަތްފައިންޕުޅު ހުރީ ފާރުވެފައެވެ. އޭނާއަށް ކަމޭހިތުމުގެ ގޮތުން އަތްޕުޅުގައި ބޮސްދިން މީހުން ވައްބަހުން ޖަހަނީއެވެ. ސިމިސިމިލައްވަނީއެވެ. މިހާރު އޭނާ އެހުންނެވީ އިސްއޮބައިލައްވައިގެންނެވެ. އިސްތަށިފުޅު ތިރިކުރައްވައިގެންނެވެ. އެކަމަކު އެއީ މީގެ ދުވަސްކޮޅެއްގެ ކުރީން ފިސާރިޔަކަށް މަތިހަށިނަންގަވައި ޖަވާހިރުން ޒީނަތްތެރިކޮށްފައި ހުންނަ އުސްތާކިހާ ތުރުކުރެއްވި އިސްތަށިފުޅެވެ.

معـتـمـد އަކީ އޭނާގެ ބައްޕާފުޅު ފަދައިން ބަދަލުހިއްޕެވުމުގައި ހައްދުފަހަނަޅައިފައި ހުންނެވި ބޭފުޅެއް ނޫނެވެ. އެހެންކަމުން إبـن عمّــار ގެ ކުރީގެ ޚިދުމަތްތަކަށް ރިޢާޔަތްކުރައްވައި معـتـمـد، إبـن عمّــار އަށް މާފުކުރެއްވުމަކީވެސް އެކަށީގެންނުވާ ކަމެއް ނޫނެވެ. ނަމަވެސް ރަމީކިއްޔާއާއި އޭނާގެ ބޭފުޅުން ތިއްބެވީ إبـن عمّــار ގެ ލޭފޮދަށް ފެންބޮވައިވަޑައިގެންފައެވެ. އެހެންކަމުން معـتـمـد ދުވަސްކޮޅަކު إبـن عمّــار ޖަލުގައި ބަހައްޓަވައިފައި އެއްދުވަހަކު ޚުދު އޭނާގެ އަތްޕުޅުން إبـن عمّــار ޤަތުލުކުރައްވައިފިއެވެ. (إبـن عمّــار ގެ އެރުމާއި ވެއްޓުމާ ބެހޭގޮތުން ތާރީޚުގައި ވަރަށްގިނަ ތަފުސީލުތައް ބަޔާންކޮށްފައި ހުރެއެވެ. ނަމަވެސް ވާހަކައިގެ މުޞަންނިފު ބަޔާންކުރައްވައިފައި މިވަނީ ވާހަކައިގެ ފަސްމަންޒަރަށްޓަކައި ކޮންމެހެން ބޭނުންވާ މިންވަރެވެ.)

* * * * * * * * * * *

ޠުލައިޠުލާގެ ރަސްގެފާނު مـأمـون ذوالـنـّون އަވަހާރަވުމާ ވިދިގެން ތަޚުތަށް އިސްވެވަޑައިގެންނެވީ އޭނާގެ ދަރިކަލުން يحـيى القـادر އެވެ. އޭނާއަކީ ވަރަށް ކަންފަސޭހަ ދިރިއުޅުއްވުމެއް އުޅުއްވި ހިތްވަރުފުޅެއް ހިންމަތްތެރިކަމެއް ނެތް ޒުވާން ބޭފުޅެކެވެ. ގަނޑުވަރުގެ ޚުވާޖާސަރާއިން އޭނާ ގެންގުޅުނީ އެބައިމީހުންގެ އިނގިލިކުރީގައި ނައްޓުވައިގެންނެވެ. އޭނާގެ ބައްޕާފުޅުވަނީ އޭނާ އަވަހާރަވުމުގެ ކުރީން ޠުލައިޠުލާގެ ޚަޒާނާ ހުސްކޮށްލައްވައިފައެވެ. ޤުރުޠުބާ ފަތަޙަކުރައްވާ ހިތްޕުޅުންނެވެ. މިހާރު يحـيى ގެ ކުރިފުޅުމަތީގައި އޮތް އެންމެބޮޑު މައްސަލަޔަކީ އަލްފާންސޫއަށް ދެއްވަން ޖެހިވަޑައިގަންނަވާ ޖިޒީގެ ޢަދަދު ހަމަކުރެއްވުމެވެ. އެހެންކަމުން އޭނާ ރައްޔިތުންގެ އަތުން އިތުރު ޓެކްސްތައް ނަންގަވާން ފެއްޓެވީ ސުމާރެއް ބައްލަވައިގެނެއް ނޫނެވެ. އަލްފާންސޫ އަބަދުވެސް ގެންދަވަނީ ފާއިތުވި އަހަރަށްވުރެ މައްޗަށް އޮންނަ އަހަރުގެ ޖިޒީ އިތުރުކުރައްވަމުންނެވެ. އެހެންކަމުން ކޮންމެ އަހަރަކުވެސް يحـيى އަށް އޭނާގެ ރައްޔިތުން އިތުރަށް ލޫޓުވާން ޖެހިވަޑައިގަންނަވައެވެ. އާއްމު ރައްޔިތުންނަށް ހިކި ރޮށިކޮޅެއްވެސް ލިބުން ދަތިވާ ހިސާބަށް ކަންތައް ދިޔުމުން އޭނާ އެނބުރިވަޑައިގެންނެވީ ޤައުމުގެ ރައީސުންނާއި އަމީރުންނާ ދިމާޔަށެވެ. ބޮޑުން ސާހިބުން ފައިސާ ދެއްވާން އިންކާރުކުރެއްވުމުން يحـيى އިންޒާރުކުރެއްވީ އެބޭފުޅުން ވަގުތުން ފައިސާ ނުދެއްވައިފިނަމަ އެބޭފުޅުންގެ ތުއްޕުޅު ބޭފުޅުން އަލްފާންސޫއާ ހަވާލުކުރައްވައިފާނެ ކަމުގައެވެ!

ޠުލައިޠުލާގެ ރައްޔިތުންގެ ކެތްތެރިކަމުގެ ތަށި ފުރިގެން ބަންޑުންވާން ފަށައިފިއެވެ. ރައްޔިތުން ބަޣާވަތްކުރާން ތައްޔާރުވެއްޖެއެވެ. يحـيى ގެ ސިފައިންނާއި ފުލުހުންނަށް އާއްމު ބަޣާވަތެއްގެ ނިޝާންތައް ފެންނާން ފެށުމުން ކުރިޔަށްތިބި މީހުން ހައްޔަރުކުރާން ފަށައިފިއެވެ. މަދު ހަފުތާތަކެއްގެ ތެރޭގައި ޠުލައިޠުލާގެ ޖަލުތައް ފުރިއްޖެއެވެ. އެކަމަކުވެސް ރައްޔިތުން މައިތިރިއެއް ނުވެއެވެ. يحـيى އާ ޤައިދީންނަށް ޖާގަ ހުސްކުރެއްވުމަށްޓަކައި ޖަލުގައި ކުރީއްސުރެ ތިއްބެވި ޤައިދީން ސަރަޙައްދީ މުހިންމު ކިއްލާއަކަށް ބަދަލުކުރައްވައިފިއެވެ. عبـدالمـنعــم އާއި އޭނާގެ އެކުވެރީންވެސް ހިމެނިވަޑައިގެންނެވީ ސަރަޙައްދީ ކިއްލާއަށް ބަދަލުކުރެވުނު ޤައިދީންގެ ތެރޭގައެވެ. އެބޭފުޅުން ޠުލައިޠުލާގެ ޖަލަށް ބަދަލުކުރެވުނީ إبــن عـكــاشــة ޤުރުޠުބާ ހިފުމާ ވިދިގެންނެވެ. ޠުލައިޠުލާގައި އެބޭފުޅުން ބައިތިއްބައިފައިތިބީ ޖަލުގެ ބިމުއަޑީގެ ކޮޓަރިތަކުގައެވެ. އެކޮޓަރިތަކަކުން އެއްވެސް މީހެއްގެ ފަރިޔާދެއްގެ އަޑު ބޭރަކަށް ނުނުކުމެއެވެ. ޤައިދީން މިނިވަންވުމަށްވުރެ ބޮޑަށް އިންތިޒާރު ކުރަމުންދަނީ މަރު އައިސް ބައްދަލުކުރާނެ ދުވަހަކަށެވެ. ޖަލުގެ އެވައްގަނޑުތައް ބަލަހައްޓަން ތިބެނީ ބީރު، މަންމަން ފާރަވެރީންނެވެ. ބަސްމޮށެވޭ ނުވަތަ އަޑުއިވޭ ފާރަވެރިޔަކަށް ޖަލުގެ އެވައްގަނޑުތަކުގައި ފައިޖައްސައިލުމުގެ ހުއްދައެއް ނޯވެއެވެ. ޖަލުގެ ބަނޑޭރީންގެ ރަޖިސްޓަރީގައި އެފަދަ ޤައިދީންނާ ބެހޭގޮތުން އޮންނަ މިންވަރަކީ ނަން: މިވެނި ނަމެއް. ކުށުގެ ބާވަތް: ނުރައްކާތެރި ކުށްވެރިޔެއް. އަދަބު: ދެވަނަ ޙުކުމަކާ ހަމަޔަށް ޖަލުގައި ބައިތިއްބުމާއި ފަރުވާތެރިކަމާއެކު ބެލެހެއްޓުން! މިގޮތަށެވެ.

އެންމެފުރަތަމަ މަރުޙަލާގައިވެސް عبـدالمـنعــم އާއި އޭނާގެ އެކުވެރީންގެ އިތުރަށް ނުވަދިހަ ޤައިދީއަކު ސަރަޙައްދީ ކިއްލާއަށް ބަދަލުކުރެވުނެވެ. ދެހަފުތާގެ ތެރޭގައި ޠުލައިޠުލާގެ ޖަލު ފުރުމުން އަނެއްކާވެސް އިތުރު ސަތޭކަފަންސާސް ޤައިދީއަކު ސަރަޙައްދީ ކިއްލާއަށް ބަދަލުކުރެވުނެވެ. ކިއްލާއަށް އަލަށް ގެނެވުނު ޤައިދީންގެ ފަރާތުން عبـدالمـنعــم އަށާއި އޭނާގެ އެކުވެރީންނަށް ޚަބަރު ލިބިވަޑައިގެންނެވި ގޮތުގައި يحـيى ވަނީ ތުލައިޠުލާގެ މިނިވަންކަމަށް ލޯބިކުރާ މީހުން ހަންމަތަކުރެއްވުމަށްޓަކައި އަލްފާންސޫގެ އެހީއަށް އެދިވަޑައިގެންފައެވެ. ނަތީޖާއެއްގެގޮތުން އަލްފާންސޫގެ ޢަސްކަރީ ގެމަތަކެއްވަނީ ޠުލައިޠުލާއަށް އައިސް މާރާބާޑީ ކުޅޭންފަށައިފައެވެ.

* * * * * * * * * * *

قـاضى أبـو جـعـفـر އަންދަލުސް މިނިވަންކަމަށް މަސައްކަތްކުރައްވާ ޒުވާނުން އެކިދިމަދިމާޔަށް ފޮނުއްވިއިރު އޭނާގެ އަމުރުފުޅަށް أحمد بــن عبـدالمـنعــم މިސުރާބު ޖެއްސެވީ ޠުލައިޠުލާއަށެވެ. ޠުލައިޠުލާގެ ސަރަޙައްދަށް އަރައިވަޑައިގެންނެވުމާއެކު أحمد އަށް އެނގިވަޑައިގެންނެވީ އަލްފާންސޫއަށް ދެއްވަން ޖެހިވަޑައިގަންނަވާ ޖިޒީ ހަމަނުވެގެން يحـيى ގެ ސަރުކާރުން އާއްމުންގެ އިތުރަށް އަމީރުންވެސް ލޫޓުވާން ފަށައިފިކަމެވެ. ޠުލައިޠުލާގެ ވިޔަފާރިވެރީންނާއި އަމީރުންނަކީ މިހައިތަނާ ޖެހެންދެން ޠުލައިޠުލާގެ މިނިވަންކަމަށް ލޯބިކުރާ މީހުންގެ ޙަރަކާތްތަކަށް އެއްވެސް ޝައުޤުވެރިކަމެއް ބެހެއްޓެވި ބޭފުޅުންނެއް ނޫނެވެ. ނަމަވެސް އެބޭފުޅުން ޒާތީ މަޞްލަޙަތުތައް ނުރައްކަލަށް ހުށަހެޅުނުތަން ފެނިވަޑައިގެންނެވުމުން އެބޭފުޅުންވެސް އާއްމުންނާ ބައިވެރިވެވަޑައިގެންފިއެވެ. އެހެންކަމުން يحـيى ގެ ސަރުކާރާ ދެކޮޅަށް ރަށުގެ މަގުތަކާއި ބާޒާރުތަކުގައި ފާޅުގައި މުޒާހިރާކުރާން ފަށައިފިއެވެ. يحـيى ގެ ސިފައިންނާއި ފުލުހުން މުޒާހިރާތައް އޮއްބާން މަސައްކަތްކުރަމުން ގެންދިޔައީ ފިސާރި ދަގަނޑު އަތްތަކަކުންނެވެ. ހިލަ ހިތްތަކަކާ އެކުގައެވެ. ރަށުގެ ނުފޫޒުހުރި އެތައްބަޔަކު ޖަލަށްލައިފިއެވެ. އެކަމަކު އާއްމުންގެ ރުޅިވެރިކަމާއި ޖޯޝާއި ފޯރި ހައްތާވެސް ދިޔައީ ވަރުގަދަވަމުންނެވެ.

ޠުލައިޠުލާއާ ދެމަންޒިލާ ހަމަޔަށް ކައިރިޔަށް ވަޑައިގެންނެވުނުތަނާ أحمد އަށް އެނގިވަޑައިގެންނެވީ އަނެއްކަމަކީ يحـيى ގެ އެދިވަޑައިގެންނެވުމާ ގުޅިގެން އަލްފާންސޫ އޭނާގެ ސިފައިންގެ ގެމަތަކެއް ޠުލައިޠުލާއަށް ފޮނުއްވައިފިކަމެވެ. ނަޞާރާ ސިފައިންގެ އަނިޔާވެރިކަމުގެ ސަބަބުން ސަރުކާރާމެދު އާއްމު ރައްޔިތުން އިހުނަށްވުރެވެސް ހިތްނުބައިވެއްޖެކަމެވެ.

قـاضى أبـو جـعـفـر ވަނީ ޠުލައިޠުލާގެ ދީނީ ޢިލްމުވެރިޔެއްކަމުގައިވާ أبــو يـعـقــوب ގެ ނަންފުޅުގައި أحمد އަށް ތަޢާރުފުގެ ސިޓީފުޅެއް ދެއްވައިފައެވެ. أبــو يـعـقــوب އުޅުއްވަނީ ޠުލައިޠުލާގެ ރަށްބޭރުގެ އަވަށެއްގައެވެ. أحمد އޭނާގެ ދަތުރުފުޅު ނިންމައިލެއްވީ އެއްދުވަހެއްގެ ހަވީރުއެވެ. އޭނާ ރަށްބޭރުގައިހުރި ކުޑަކުޑަ މެހުމާންސަރާއެއްގެ ބޭރަށް އަސް މަޑުކޮށްލައްވައިފިއެވެ. އޭނާ އަސްމަތީން ފައިބައިވަޑައިގެންނެވިތަނާ ތޭރަ ސާދަ ވަރަކަށް އަހަރުގެ ފިރިހެންކުއްޖެއް أحمد ގެ އަރިހަށްގޮސް އޭނާގެ އަހުގެ ލަގަނުގައި ހިފަހައްޓައިފިއެވެ.

أحمد އޭނާއާ ސުވާލުކުރެއްވިއެވެ. "އަހަންނަށް މިތަނުން ޖާގަ ލިބިދާނެތަ؟"

އެކުއްޖާ ޖަވާބު ދިނެވެ. "ޖާގަ ލިބިވަޑައިގެންފާނެ. އެކަމަކު....." އެކުއްޖާ ކަންބޮޑުވެގެން ވަށައިގެން ހޯދާން ފަށައިފިއެވެ.

(ނުނިމޭ)