ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ފުރަތަމަ ނާއިބުރައީސް ގެ މަގާމުގައި ހުންނަވަނިކޮށް، ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ޑރ. މުހައްމަދު ޖަމީލު އަހުމަދު ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށްކަމަށް ބުނެ، ޑރ. ޖަމީލުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ، ދުސްތޫރީ މައްސަލައެއްކަމަށް ގަބޫލު ނުކުރާ ކަމަށާއި އެއީ އެ ކޯޓަށް ހުށަހެޅޭނެ މައްސަލައެއްނޫން ކަމަށް ދައުލަތުން ބުނެފިއެވެ.
ޖަމީލުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށް ނައިބު ރައީސްކަމުގެ މަގާމުން ވަކި ކުރީ، 21 ޖުލައި 2015 ގައެވެ.
ރައްޔިތުންގެ މަޖިލީހުން އެކަން ކޮށްފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ބުނެ، އެ މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށް ޑރ. ޖަމީލު ވިދާޅުވީ، 04 އޭޕްރީމް 2019 ގައެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުުގައި ބޭއްވި މިއަދުގެ އަޑުއެހުމަކީ ތިންވަނަ އަޑުއެހުމެވެ.
މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ދުސްތޫރީ މައްސަލައަކަށް ވަނީ ކޮން ގޮތަކުންތޯ، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، ޑރ. ޖަމީލުގެ ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވީ، ގާނޫނުއަސާސީގެ 274 ވަނަ މާއްދާގެ ތައުރީފަށް ބަލާއިރު، ދުސްތޫރީ މައްސަލަތަކަކީ، ގާނޫނު އަސީއެއްގެ މާއްދާއެއް ނުވަތަ މާއްދާގެ ބައެއްވިޔަސް މާނަކުރަން ޖެހިއްޖެ ނަމަ އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަގައި ބެލެވޭ މައްސަލަތައް ކަމަށް އެނގެން އޮންނަ ކަމަށެވެ.
ޑރ. ޖަމީލުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން އިތުބާތު ނެތްކަމުގެ މައްސަލައިގެ ވޯޓު ނަގާފައިވަނީ، ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދޭން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ހައްގުތައް ނުދީކަން ފާހަގަ ކުރައްވައި، މުއިއްޒު ވިދާޅުވީ ގާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ރައްކާތެރިކަން ނާއިބު ރައީސަށްވެސް ލިބިދޭން ޖެހޭ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް ބެލުމުގެ އިހުތިސޯސް ކޯޓަށް ލިބިގެންވާ ކަމަށާއި، މި މައްސަލައިގައި މިވަނީ ގާނޫނުއަސާސީގެ މާއްދާއެއް ނުވަތަ މާއްދާތަކެއް މާނަކުރަން ޖެހިފައި ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ގާނޫނުއަސާސީގެ 113 ވަނަ މާއްދާ އާއި، 88 މާއްދާގެ (ށ) މާނަ ކުރަން ޖެހިފައިވާތީ ހުރިހާ މާނައެއްގައި ވެސް ޑރ. ޖަމީލުގެ މައްސަލައަކީ ދުސްތޫރީ މައްސަލައެއް ކަމަށް ބެެލެވޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އެ މައްސަލަ ދުސްތޫރީ މައްސަލައަކަށް ވަނީ ކޮން ގޮތަކުންތޯ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، އެޓާނީ ޖެނެރަލްގެ ވަކީލު ފާތުމަތު ހަލީމް ވިދާޅުވީ ދުސްތޫރީ މައްސަލަތަކުގައި ކޯޓުން ދޭ ފަރުވާ ކަނޑައަޅާފައި ވަނީ ގާނޫނުއަސާސީގެ 144 ވަނަ މާއްދާގައި ކަމަށެވެ.
އެ މާއްދާގައި ބުނާ ދުސްތޫރީ މައްސަލަތައް ކިޔައިދީފައިވަނީ، 274 ވަނަ މާއްދާގައި ކަމަށާއި އެ މާއްދާގައިވާ ގޮތުން، ދުސްތޫރީ މައްސަލައަކީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ހިލާފުވުން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އޭގެ އިތުރުން ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް، އަދި ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ގާނޫނުއަސާސީއާ ހިލާފުވާނަމަ އެއީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ
ނަމަވެސް ޑރ. ޖަމީލު ހުށަހަޅުއްވާފައިވާ މައްސަލައަކީ އެއިން އެއްވެސް ބަޔަކަށް ފެތޭ މައްސަލައެއްނޫން ކަމަށާއި އެހެންކަމުން އެއީ ދުސްތޫރީ މައްސަލައެއްކަމަށް ދައުލަތުން ގަބޫލު ނުކުރައްވާ ކަމަށްވެސް ފާތުމަތު ހަލީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިހާރު މިއޮތް ޑިމޮކްރެޓިކް ނިޒާމުގައި އެއްބާރުން އަނެއް ބާރުގެ މައްޗަށް ބާރު ހިންގަން ނުޖެހޭ ގޮތަށް ކަންތައްތައް ރޭވިފައި އޮންނަ ގޮތަށް ބަލާއިރު ރައްޔިތުންގެ މަޖިލީހުގެ ބަރުލަމީ ނިންމުންތަކަށް ބަދަލު ގެންނާނީ މަޖިލީހުން ކަމަށެވެ.
ސުޕްރީމް ކޯޓް